ފަނޑިޔާރުންނާ ގުޅޭ 200އަށް ވުރެ ގިނަ ޝަކުވާ އެބަ ބަލަން: ޖޭއެސްސީ

ޖޫން 20، 2019: ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ބައެއް މެމްބަރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ފަނޑިޔާރުންނާ ގުޅޭ 200 އަށްވުރެ ގިނަ ޝަކުވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުގެ ގާނޫނަށް މިއަހަރުގެ ސެޕްޓެމްބަރު މަހު ގެނައި އިސްލާހަށްފަހު، ޝަރުއީ ދާއިރާގައި މަސައްކަތްކުރައްވާ ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ކޮމިޝަނަށް ހުށަހެޅިފައިވާކަމަށެވެ. އޭގެ ތެރޭގައި ޖިންސީ ފުރައްސާރަ އާއި ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުން އަދި ޖުޑިޝަރީގެ ދައުރުން ބޭރު ކަންތައްތައް ކުރުން ފަދަ މައްސަލަތައް ހިމެނޭކަމަށް ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމިޝަނުން ބުނި ގޮތުގައި ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދެ އެވެ. އެއީ:

  • އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ 18 މައްސަލައެއް
  • ފަނޑިޔާރު އަބްދުﷲ އަރީފްގެ 14 މައްސަލައެއް
  • ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ 16 މައްސަލައެއް
  • ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ތިން މައްސަލައެއް

ހަތަރު ފަނޑިޔާރުންގެ މައްޗަށް ތުހުމަތު ކުރާ ޖުޑިޝަރީގެ ދައުރުން ބޭރުން ކަންތައް ކުރުމުގެ މައްސަލަ އަކީ، ގާނޫނު އަސާސީއާ ހިލާފަށް، ދައުލަތުގެ ދެން އޮންނަ ދެ ބާރު ކަމަށްވާ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ބައެއް ދަށު ކޯޓުތަކާއި މިނިވަން މުއައްސާތަކުގެ ދައުރުގެ ތެރެއަށް ވަން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. ޖޭއެސްސީއިން ބުނި ގޮތުގައި އެ ކޮމިޝަންތަކަކީ ޖޭއެސްސީގެ އިތުރުން، އިލެކްޝަންް ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނެވެ.

އެ ފަނޑިޔާރުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ އާންމުން އެތައް އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ތުހުމަތުތަކެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދީ ޔޫއެންގެ ސްޕެޝަލް ރެޕެޓުއާ ގެބްރިއެލާ ނޯލް 2013 ވަނަ އަހަރު ތައްޔާރު ކުރި ރިޕޯޓުންނާއި ސައުތް އެފްރިކާގެ ކުރީގެ ފަނޑިޔާރު ޔޯހާން ކްރީގްލާ މި އަހަރުގެ ތެރޭގައި ތައްޔާރު ކުރި ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާކަންކަން ކަމަށް އެ ކޮމިޝަނުން ބުންނެވެ.

ޖޭއެސްސީއިން ބުނީ، އެ ކޮމިޝަނުގެ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކަށް ބޯލަނބަން އުއްތަމަ ފަނޑިޔާރު ދެކޮޅުހަދަމުންދާ ކަމަށެެވެ. އަދި ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް ޑރ. ހުސެއިން ފާއިޒަށް މަސައްކަތުގައި ހުރަސް އަޅާ ކަމަށާއި، އޭނާ މަގާމުން ވަކި ކުރަންވެސް އުއްތަމަ ފަނޑިޔާރު އިންޒާރު ދީފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

އިނގިރޭސި ބަހުން ލިޔެ، ނެރުނު އެ ބަޔާނުގައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމްގެ މައްސަލަ ބަލަން ނިންމި ސަބަބުވެސް ބަޔާންކޮށްފަ އެވެ.

ގާޒީން ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމުގެ ތުހުމަތުގައި ހުށަހެޅޭ ކޮންމެ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރާނެ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

ސިޔާސީ ގޮތުން އެ ކޮމިޝަނަށް އަމާޒުވާ ތުހުމަތުތައް ދޮގުކޮށް، ޖޭއެސްސީއިން ބުނީ، ގާޒީންގެ މައްސަލަ ބަލަނީ އެ ގާޒީން މައްސަލަ ބަލާ ގޮތަށް ބެލުމަށް ފަހު ނޫން ކަމަށެވެ. އަދި ކޮމިޝަނުން ބަލަމުން ދަނީ އެ ކޮމިޝަނުގެ މެންޑޭޓުގައި ހިމެނޭ ކަންކަން ކަމަށާއި، ގާޒީންގެ މައްސަލަ ބަލާ އިރު ޑިއު ޕްރޮސެސްއާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށްވެސް ޖޭއެސްސީއިން ބުންޏެވެ.

comment ކޮމެންޓް