ޖޭއެސްސީގެ ނިންމުންތައް ބާތިލުކުރަން ސުޕްރީމް ކޯޓުން އުޅޭކަމަށް ތުހުމަތުކޮށްފި

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ހަސަން ލަތީފް (ވ) އަދި އަލީ ހުސައިން: ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމުން އެކަން ކޯޓުގައި އެޕީލް ނުކުރެވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވި -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޖުޑިޝަލް ސާވިސް ކޮމިޝަނުން އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑުކުރުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކުރަން އުޅޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މެމްބަރުންތަކެއް ތުހުމަތުކުރައްވައި ވާހަކަދައްކަވައިފިއެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައިވާ އަދި ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އިސްވެރިޔާ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ 60 ދުވަހަށް ސަސްޕެންޑުކޮށް، އަދި އެ ދެ ބޭފުޅުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ފޮނުވާފައެވެ.

އަދި ސުޕްރީމް ކޯޓުގެ ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްއާ މިއަދު ވަނީ ވަގުތީ ގޮތުން ހަވާލުވެސް ކޮށްފައެވެ.

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީގެ ނިންމުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގައި އުއްތަމަފަނޑިޔާރު އެހެން ނިންމެވުންތަކެއް ނިންމެވުމަށް އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަށް ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުގެ ތެރެއިން ކަމަށާއި އެއީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.

"[ޖޭއެސްސީގެ ބަޔާނުގައި ހިމަނާފައިވާ] މާއްދާތައް ބެއްލެވީމަ އެނގޭނެ އެ މާއްދާތަކަކީ ޖޭއެސްސީއަށް ފިޔަވަޅު އެޅުމަށް ބާރު ލިބިދީފަ އޮތް މާއްދާތަކެއްކަން. އެހެންވީމާ ގާނޫނާ ހިލާފަށް ކަމެއް ހިނގާފައި އޮތްކަމެއް ސާފެއް ނުވޭ. އެހެންކަމަށް ވާއިރު އެއްވެސް ކޯޓަކުން އެއްވެސް ފަނޑިޔާރަކު އެ ނިންމުން ނަފީވާ ގޮތަށް ވާހަކަދެއްކުން ނުވަތަ އެހެން ގޮތެއް ނިންމުން އެއީ ގާނޫނާ ހިލާފު ކަމަކަށް ވާނެކަމަށް އަޅުގަނޑަށް ފެނޭ،" ހަސަން ލަތީފް ވިދާޅުވިއެވެ.

"މިގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ފިޔަވަޅު އެޅީމާ ދެން ފަނޑިޔާރުންނަށް ދެވޭނެ އިތުރު ކޯޓެއް މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ގެނައިސްފައިވާ އިސްލާހުގެ ތެރެއިން ނޯންނާނެ،" ހަސަން ލަތީފް ވިދާޅުވިއެވެ.

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގައި ނައިބު މުގައްރިރު މޫސާ ސިރާޖު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ފަނޑިޔާރުންނަށް ފިޔަވަޅު އަޅައި ނިމޭ ހިސާބެއް އޮންނާނެ ކަމަށާއި ޖޭއެސްސީން ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމުން އެ ފިޔަވަޅެއް ބާތިލުކުރުމަށް އެ ފަނޑިޔާރުން ތިބޭ ކޯޓުން އިސްތިއުނާފުކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަން ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.

ހަސަން ލަތީފްގެ ވާހަކަތަކަށް ބާރު ދެއްވައި ވާހަކަ ދައްކަވަމުން ޖުޑިޝަރީ ކޮމެޓީގެ ރިޔާސަތު ބެލެހެއްޓި އެ ކޮމެޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ވިޔަސް އަދި މެޖިސްޓްރޭޓް ކޯޓެއް ފަނޑިޔާރެއް ނަމަވެސް ވަކި ކުރުމަށް ނިންމައިފި ނަމަ އެކަން ހިނގައި ގޮސްފައިވަނީ އިޖުރާއަތްތައް ފުރިހަމަ ކޮށްފައިތޯ ބެލުމުގެ ޒިންމާ އޮންނަނީ އެ ކޮމިޓީއަށް ކަމަށެވެ.

"ޖޭއެސްސީން ކަމެއް ގޯސްކޮށް ކުރާނަމަ އެކަމަށް ފާރަވެރިވެ ޖޭއެސްސީ ޖަވާބުދާރީކުރާނީ މި ރައްޔިތުންގެ މަޖިލީހުން. ޝަރުއީ ކޯޓުތަކުން ކުރަން އޮންނަ ކަމެއް ނޫން އެއީ،"

ސިރާޖު ވިދާޅުވީ ފަނޑިޔާރަކު ވަކިކުރުމަށް ޖޭއެސްސީން ނިންމާފައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ޖުޑިޝަރީ ކޮމިޓީން ބަލާނީ ޖޭއެސްސީން އެ މަސައްކަތްކުރީ އިޖުރާއަތްތަކާ އެއްގޮތަށްތޯ ކަމަށެވެ. އަދި އިޖުރާއަތުތަކާ އެއްގޮތަށް ކޮށްފައިވާ ނަމަ އެ މައްސަލަ މަޖިލީހުގެ ރަޅުމަށް ފޮނުވާނެ ކަމަށާއި އެކަމަށް ގޮތް ކަނޑައަޅާނީ ތަޅުމުން ކަމަށެވެ.

އަދި ޖޭއެސްސީން ފަނޑިޔާރަކު ވަކިކުރަން ނިންމާ ނިންމުމަކަށް އެއްވެސް ފަރާތަކަށް ޗެލެންޖުވެސް ނުކުރެވޭނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.

"އެއްވެސް ފަރާތަކުން ޖޭއެސްސީގެ މަސައްކަތަށް ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް