އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރު ކަމުން ވަކި ކޮށްދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ދެ މައްސަލައާ ގުޅޭ ގޮތުން އަންނަ ހަފްތާގެ ހޯމަ ދުވަހު ގޮތެއް ނިންމާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުވެއްޖެ އެވެ.
ޖޭއެސްސީން މަޖިލީހަށް ފޮނުވި އެ މައްސަލަ މިއަދު ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވާފަ އެވެ. އަދި ކޮމެޓީން ބަލާނީ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ އިޖުރާއަތްތައް ފުރިހަމަ ކޮށްފައިތޯ އެވެ. އެއަށް ފަހު ދެ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވައި ދެއްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދެ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވާފައިވަނީ ޖޭއެސްސީގެ އިންވެސްޓިގޭޓިވް ސެކްޝަނުން ތަހުގީގް ކުރެވިގެން ކަމަށާއި އެ ކޮމެޓީއަށް ކަމާގުޅޭ ހުރިހާ ލިޔެކިޔުމެއް ވެސް ލިބޭނެ ކަމަށެވެ.
"ޖުޑިޝަރީ ކޮމެޓީން މައްސަލަ ވަކިގޮތަކަށް ނިންމަވާފައި މި މަޖިލީހުގެ ތަޅުމަށް ފޮނުއްވެވުމަށްފަހު ތިން ދުވަސް އިއްޒަތްތެރި މެންބަރުންނަށް ލިބިވަޑައިގަންނަވާނެ މި މައްސަލަ ކޮމެޓީން ނިންމެވިގޮތް ބެއްލެވުމަށް. އެއްފަހު ތަޅުމުގައި މި މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމެނީ،" ޖޭއެސްސީގައި ވެސް އިންނަވާ ނަޝީދު ވިދާޅުވި އެވެ.
ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މިއަދު ޖުޑީޝަރީ ކޮމެޓީއަށް ފޮނުވާފައިވާއިރު އެ މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރެވޭނެކަން ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ 60 ދުވަހަށް ސަސްޕެންޑުކޮށް، ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައި ވަނީ އިއްޔެ އެވެ.
އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއިން ބަލަމުން ދަނީ ގާނޫނުއަސާސީއާ ހިލާފަށް އެ ކޯޓުން ނިންމި މައްސަލަތަކަކާ ގުޅިގެންނެވެ. އަދި އެމައްސަލަ ތަހުގީގުކޮށް ފުރަމަ ނަސޭހަތް ދިނުމުން އުއްތަމަ ފަނޑިޔާރު ވަނީ ނަސޭހަތް ގަބޫލު ނުކޮށްފަ އެވެ. އަދި މައްސަލައިގެ ތަހުގީގު ރިޕޯޓު ޖޭއެސްސީއިން ފޮނުވުމުން އުއްތަމަ ފަނޑިޔާރު ވަނީ ތަހުގީގު ރިޕޯޓާ ހަވާލު ނުވެ އަނބުރާ ފޮނުވާލާފަ އެވެ.
އޭގެ ފަހުން ޖޭއެސްސީއިން ބަލަމުން ދާ ސުލޫކީ މައްސަލައާ ގުޅިގެން ތަހުގީގަށް ހާޒިރުވާން ފޮނުވި ނޯޓިހާވެސް އުއްތަމަ ފަނޑިޔާރު ހަވާލެއް ނުވެ އެވެ.
ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލައާ ގުޅިގެން ތަހުގީގަށް ހާޒިރުވާން ނޯޓިސް ފޮނުވުމުން ތަހުގީގަށް ހާޒިރުވާން އުޒުރުވެރި ވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވީ ޖޭއެސްސީގެ ތަހުގީގަށް ހާޒިރުވާން ފޮނުވީ ބާތިލް އަމުރެއް ކަމަށެވެ.