ސަބްސިޑީ ކަނޑާލުމުން ދަތިވާނެ، ނުކަނޑާ ވެސް އިގުތިސާދު ރަނގަޅު ކުރެވޭނެ: ގާސިމް

ގާސިމް މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ ސަބްސިޑީ ކަނޑާލުމުން ދަތިވާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ރަނގަޅުކުރުމަށް ކަމަށް ބުނެ ރައްޔިތުންނަށް ދެމުންގެންދާ ސަބްސިޑީ ކަނޑާލުމަކީ ލިބޭނެ ދަތިކަމެއް ކަމަށް މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ގާސިމް އެފަދައިން ވިދާޅުވީ މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ ބައްދަލުވުމުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ވަފުދާ ބައްދަލުކުރައްވައެވެ.

އެ ބައްދަލުވުމުގައި އައިއެމްއެފްގެ ވަފުދުން ވަނީ ރާއްޖެއިން އެޅުމަށް ނިންމާފައިވާ މާލީ އިސްލާހީ ފިޔަވަޅުތައް ރަނގަޅު ކަމަށާއި އެހެންނަމަވެސް އެ ފިޔަވަޅުތައް އެޅުމަށް މިހާރުވެސް ވަގުތު ކުޑަތަންވަމުންދާ ކަމަށް ބުނެ، އިސްލާހީ ފިޔަވަޅުތައް އަވަހަށް އެޅުމަށް ގޮވައިލާފައެވެ. އެ ވަފުދުގެ ބޭފުޅެއް ކަމަށްވާ ނިކީ ސޮޑްސްރިވިބޫން ވަނީ ސަބްސިޑީ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތައް ރަނގަޅު ކަމަށާއި އެ ބަދަލުތައް ވީހާވެސް އަވަހަކަށް ތަންފީޒުކުރުމަށް ގޮވާލައްވައިފައެވެ.

މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ ބައްދަލުވުމުގައި އައިއެމްއެފްގެ ވަފުދު ބައިވެރިވަނީ -- ފޮޓޯ/ މަޖިލިސް

އެ ވާހަކައަށް އަލިއަޅުވާލައްވައި މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވަވާ ގާސިމް ވިދާޅުވީ، ސަބްސިޑީއަކީ ރައްޔިތުންނަށް ދެމުންދާ މާލީ އެހީއެއް ކަމަށެވެ. އަދި އެ ކަނޑާލައިފިނަމަ ރައްޔިތުންނަށް ވަރަށް ދަތިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ސަރުކާރުން ސަބްސިޑީ ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރައްޔިތުންގެ މާލީ ފުދުންތެރިކަން ނެތުން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

"ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން ސަބްސިޑީއަކީ ވަރަށް ބޭނުންތެރި އެއްޗެއް [ރައްޔިތުންނަށް]. ވަކި ސަރުކާރެއް ނޫން، ކޮންމެ ސަރުކާރަކުން ވެސް އެކަން ކުރަނީ އެހެންވެ،" ގާސިމް ވިދާޅުވިއެވެ.

އެހެންނަމަވެސް ސަރުކާރުގެ ޕްލޭންއާއި އަޅުއްވާ އިސްލާހީ ފިޔަވަޅުތަކަށް އިތުބާރު އެބައޮތް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އިގުތިސާދު ހީނަރުވެފައި އޮތް އޮތުމަށް ހައްލެއް ލިބި، ސަރުކާރުގެ އަމާޒަށް ވާސިލު ވެސް ވެވޭނެ ކަމަށް ވިދާޅުވެ ގާސިމް ވަނީ ސަރުކާރުގެ ޕޮލިސީއަށް ތައުރީފުކުރައްވައިފައެވެ.

https://sun.mv/199985

ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ގިނަ ދާއިރާތައް ރިފޯމް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ.

އެގޮތުން މިއަހަރަށް ލަފާކޮށް މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސަބްސިޑީއަށް ބޮޑު ބަދަލެއް ގެނައުމަށް ހިމަނާފައިވެއެވެ. އެ ބަދަލަކީ މިހާރު ކާޑާއި، ކަރަންޓު އަދި އެ ނޫންވެސް ބާވަތްތަކުން ދޭ ސަބްސިޑީ، އެއަށް ކޮންމެހެން ބޭނުންޖެހިފައިވާ މީހުންނަށް "ޓާގެޓަޑް ސަބްސިޑީ"ގެ ގޮތުގައި ލިބޭގޮތް ހެދުމެވެ.

އެގޮތަށް ބަޖެޓުގައި ހިމަނާފައި އޮތްއިރު މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހި އެއްވެސް ރައްޔިތަކަށް ލިބޭ ސަބްސިޑީ، ޕެންޝަން އަދި އާސަންދަ ކުރިއަށް އޮތް ތަނުގައި ނުކަނޑާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އޭގެ ބަދަލުގައި ބޭކާރު ވަމުންދާ އަދި ނާޖާއިޒު ގޮތެއްގައި ކުރަމުންދާ ޚަރަދުތައް ހުއްޓާލާ އެފަދަ ޚަރަދުތައް އުނިކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް