ވަގުތު ކުޑަތަންވަމުންދާ ކަމަށް ބުނެ، ސަރުކާރުން އަޅަން ހުށަހަޅާފައިވާ މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އަނެއްކާ ވެސް ގޮވާލައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ ބައްދަލުވުމުގައި، އިގްތިސޯދީ އަދި މާލީ ހާލަތު ވަޒަންކުރުމަށް ރާއްޖެ އައި އައިއެމްއެފްގެ ވަފުދުން ވަނީ އެމީހުންގެ ދިރާސާތަކުގެ އަލީގައި މައުލޫމާތުތައް ހިއްސާކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި އެ ވަފުދުގެ ބޭފުޅެއް ކަމަށްވާ ނިކީ ސޮޑްސްރިވިބޫން ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ދަނީ އަހަރުން އަހަރަށް ކުރިއަރަމުންނެވެ. އެގޮތުން ފާއިތުވި އަހަރު ފަތުރުވެރިކަމަށް ލިބުނު ކުރިއެރުން ފާހަގަކުރެއްވިއެވެ. ޚާއްސަ ގޮތެއްގައި މައި އެއާޕޯޓުގެ އައު ޓާމިނަލާއެކު މި އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ވަނީ ލަފާކުރައްވާފައެވެ.
އެއާއެކު ރާއްޖޭގެ އިގްތިޞާދަށް ވެސް ކުރިއެރުންތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ ބައްދަލުވުމުގައި އައިއެމްއެފްގެ ވަފުދު ބައިވެރިވަނީ: އަނެއްކާވެސް ގޮވައިލީ މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން -- ފޮޓޯ/ މަޖިލިސް
އެހެންނަމަވެސް މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން މިހާރު ވެސް މާބޮޑަށް ލަސްވެއްޖެ ކަމަށް ނިކީ ވިދާޅުވިއެވެ.
"...ކުރިއަށް އޮތް ތަނުގައި މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން ލަސްވެއްޖެނަމަ، ދަރަނީގެ އިތުރުން ޑެފިސިޓް ވެސް އިތުރަށް ބޮޑުވާނެ. މިހާރު ވެސް ވަގުތު ކުޑަތަންވެއްޖެ،" ނިކީ ވިދާޅުވިއެވެ.
ސަރުކާރުން ހިންގާ ބޮޑެތި އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓުތައް މިހާރު ވެސް ވަނީ މަޑުޖައްސާލައިފައެވެ. އެކަން އައިއެމްއެފްގެ ވަފުދުން ފާހަގަކުރެއްވީ ރަނގަޅު ނިންމުމެއްގެ ގޮތުގައެވެ. އަދި މި ވަގުތު އިގްތިޞާދީ އަދި މާލީ ހާލަތު ރަނގަޅު ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަންތައްތަކަށް ބޮޑަށް އިސްކަން ދިނުމަށް އައިއެމްއެފުން ވަނީ ލަފާދެއްވައިފައެވެ. ކޮންމެ ގައުމެއް ކަމުގައިވީ ނަމަވެސް އެފަދަ ޕްރޮޖެކްޓުތައް ހިންގަންވާނީ ގައުމުގެ މާލީ ހާލަތަށް ރިއާޔަތްކޮށް އެންމެ މަންފާވާނެ ގޮތެއްގެ މަތިން ކަމަށް އެ ވަފުދުގެ ބޭފުޅުން ވަނީ ފާހަގަކުރައްވައިފައެވެ.
ދެން ފާހަގަކުރެއްވި އަނެއް ކަމަކީ ސަބްސިޑީ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތަކެވެ. އެ ބަދަލުތައް ވީހާވެސް އަވަހަކަށް ތަންފީޒުކުރުމަށް އެ ވަފުދުގެ އިސްވެރިޔާ ނިކީ ވަނީ ގޮވާލައްވައިފައެވެ. ވަކިން ޚާއްސަކޮށް އެ ކަންކަން ތަންފީޒުކުރުމަށް ގާނޫނަށް ގެންނަ އިސްލާހުތައް ރަނގަޅުކަން ފާހަގަކުރެއްވިއެވެ.
އަދި މި ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލުމަށް ގެންގުޅުއްވާ ސިޔާސަތަށް އެ ވަފުދުން ވަނީ މަރުހަބާ ކިޔައިފައެވެ.
މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ ބައްދަލުވުމުގައި އައިއެމްއެފްގެ ވަފުދު ބައިވެރިވަނީ: އަނެއްކާވެސް ގޮވައިލީ މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން -- ފޮޓޯ/ މަޖިލިސް
ނިކީ ވިދާޅުވި ގޮތުގައި އެންމެ މުހިންމު އެއް ކަމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތައް ގަބޫލުކުރުމެވެ. އަދި އެއަށްފަހު އެކަމުން އަރައިގަތުމަށް ރަނގަޅު ޕްލޭނެއް ހެދުމެވެ. ދެން އެ ކަންކަން ތަންފީޒުކުރުން އަވަސްވެއްޖެނަމަ އެ ހާލަތު ރަނގަޅުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ. އެހެންކަމުން ޚަރަދު ކުޑަކުރުން އަވަސް ކުރަންޖެހޭކަމަށް ވޯލްޑް ބޭންކުންނާއި އައިއެމްއެފުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.
މި ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓު 56.6 ބިލިއަން ރުފިޔާއަށް އަރައެވެ. އެ ބަޖެޓުގައިވަނީ، މި އަހަރު ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ކުރަންޖެހޭ ހޭދަ 9.4 ބިލިއަން ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް ބުނެފައެވެ.