ޑިމޮކްރެޓްސްގެ ރައީސްކަމުގައި ހުންނެވި ހަސަން ލަތީފާއި އެ ޕާޓީގެ ނައިބު ރައީސްކަމުގައި ހުންނެވި މުހައްމަދު ޝިފާޒް ވެސް މިއަދު އެނބުރި އެމްޑީޕީއަށް އަލުން ސޮއިކުރައްވައިފިއެވެ.
އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެ، ޝިފާޒާއި ހަސަން އެ ޕާޓީން ވަކިވީ މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައެވެ. ޝިފާޒު ވަކިވިއިރު ހުންނެވީ އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައެވެ. ހަސަނަކީ ވެސް ކުރިން އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި ބޭފުޅެކެވެ.
އެމްޑީޕީއަށް މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ދެ ބޭފުޅުން އެނބުރި އެ ޕާޓީއަށް ސޮއިކުރައްވާފައިވާތީ މަރުހަބާ ދަންނަވާފައެވެ. އެނގިފައިވާ ގޮތުގައި، އެ ބޭފުޅުންނާ އެކު، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވެސް ވަނީ މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފައެވެ. ޑިމޮކްރެޓްސްގައި މަސައްކަތްކުރެއްވި، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
މިދިޔަ ސަރުކާރުގައި އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން ބޮޑުވިއެވެ.
އޭރު އެ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރު ރައީސްގެ މަގާމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެމެދު ވަރަށް ބޮޑަށް ނުރުހުން އުފެދި، ގުޅުން އެއްކޮށް ކެނޑުނީއެވެ. ފުރަތަމަ ގުޅުން ގޯސްވީ، ބަރުލަމާނީ ނިޒާމަކަށް ފެންނަ ނުފެންނަ ވޯޓެއްގެ މައްސަލައިގައެވެ.
އެމްޑީޕީގެ ވެރިކަމުގައި، އެ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނަވައިގެން ވެސް ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ގެންދެވީ އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ވެސް އެ ބޭފުޅުން ކުރެއްވިއެވެ.
އޭގެ ފަހުން މިދިޔަ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދާއި ޞާލިޙް ވާދަކުރެއްވިއެވެ. އެކަމަކު، ޕްރައިމަރީން ނަޝީދު ނާކާމިޔާބުވުމާ އެކު އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އިދިކޮޅާ އެކު މަސައްކަތްކުރައްވަން ފައްޓަވާފައެވެ. އަލީ އާޒިމް އެމްޑީޕީން ވަކިކުރީ ވެސް، އިދިކޮޅުން ބޭއްވި ހަރަކާތްތަކެއްގައި ބައިވެރިވުމުގެ ސަބަބުންނެވެ.
އާޒިމް ވަކިކުރުމާ އެކު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ އަމިއްލައަށް އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވާފައެވެ. އެ ޕާޓީގެ މުއައްސިސަކީ ފަހުން ރައީސަކަށް ހުންނެވި ހަސަން ލަތީފެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ޑިމޮކްރެޓުން ވާދަކުރިއެވެ. އެ ބޭފުޅުން ވަނީ އެމްޑީޕީއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. ދެވަނަ ބުރުގައި ވެސް ޑިމޮކްރެޓްސްއިން ވަނީ އެމްޑީޕީއާ އެކުގައި މަސައްކަތްކުރަން ދެކޮޅު ހަދައިފައެވެ. އެއީ، ރިޔާސީ އިންތިޚާބު ނާކާމިޔާބުވީ އެންމެ ބޮޑު ސަބަބު ކަމަށް އެމްޑީޕީން މިހާރު ވެސް ގަބޫލުކުރެއެއެވެ.
ހަސަނާއި ޝިފާޒަކީ ޑިމޮކްރެޓްސްގެ ބާނީ ކުރީގެ ރައީސް ނަޝީދާ ވެސް ވަރަށް އަރިސް ދެ ބޭފުޅުންނެވެ.
އެކަމަކު، ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސް ޕާޓީން ވަކިވެ، އެނބުރި އެމްޑީޕީއަށް ސޮއިކުރުމާ ގުޅޭ ގޮތުން މިހާތަނަށް ނަޝީދު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސް ވެސް އެއްފަހަރާ މަގާމުން އިސްތިއުފާދެއްވުމަށް ފަހު، އެނބުރި އެމްޑީޕީއަށް ސޮއިކުރެއްވުމުން ޑިމޮކްރެޓްސްއިން ވަނީ އެ ޕާޓީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ އައިޝަތު އަލައިކާ އަދުނާނާއި ހުސައިން ފިރުޝާނާއެވެ.