އިންކަމް ޓެކްސްގެ ނޭދެވޭ އަސަރު މަސްވެރިންނަށް ކުރާނެ: ސިޔާމް

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު

އިންކަމް ޓެކްސްގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ އެއްބަޔަކީ މަސްްވެރިންކަމަށް މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް މަޖިލީހުގައި ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓަކީ އެކަށީގެންވާ ބަޖެޓެއް ކަމަށެވެ.

ދައުލަތަށް އާމްދަނީ ލިބޭނެ އެންމެ ބޮޑު ވަސީލަތެއްގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވަނީ ޓެކުހެވެ. އަންނަ އަހަރު އާމްދަނީ އިން ޓެކްސް ނަގަން ނިންމާ އެކަން ބަޖެޓުގައި ހިމަނާފައިވާއިރު އެކަމާ ގުޅޭގޮތުން ސިޔާމް ވިދާޅުވީ މަސްވެރިންނަކީ 40،000 އިން މަތީގެ އާމްދަނީ ލިބޭ މީހުން ކަމަށާއި ނަމަވެސް މަސްވެރިންނަކީ ބޮޑެތި ލޯނުތައް ނަގައިގެން ދޯނިފަހަރު ގަނެ، ދޯނި ބަންނަ މީހުން ކަމަށެވެ.

"އިންޖީނުތައްވެސް ނަގަނީ ބޮޑެތި ލޯނުތައް ނަގައިގެން. އެހެންވީމާ 40،000 ރުފިޔާ ލިބޭ މީހަކަށް މިވަގުތު އިންކަމް ޓެކްސް ދައްކަންވީމާ ރައްޔިތުން ދާނީ ވަރަށް ބޮޑަށް ނިކަމެތިވެގެން،" ސިޔާމް ވިދާޅުވި އެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ 40،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން އެ އިތުރުވާ ބައިން ޓެކްސް ނެގުމަށެވެ. އަންނަ އަހަރުން ފެށިގެން އިންކަމް ޓެކްސް ނަގަން ނިންމާފައިވާއިރު ސަރުކާރުން ހުށަހަޅާފައިވަނީ ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށެވެ.

އިންކަމް ޓެކްސް ބްރެކެޓްތައް:

  • އާމްދަނީ 40،000-0 ލިބޭ ފަރާތްތައް - ޓެކްސް ނުނަގާނެ
  • އާމްދަނީ 60،000-40،000 ލިބޭ ފަރާތްތައް - ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ އަށް ޕަސެންޓް
  • އާމްދަނީ 100،000-60،000 ލިބޭ ފަރާތްތައް - ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭނީ އާމްދަނީގެ 10 ޕަސެންޓް
  • 100،000 އަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތައް - ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނީ އާމްދަނީގެ 15 ޕަސެންޓް

ބަޖެޓަށް ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ ތިން ކޮޓަރީގެ އެޕާޓްމެންޓެއް މާލޭގައި ލިބެނީ 30،000 ރުފިޔާ އަށް ކަމަށާއި ފެނާއި ކަރަންޓުގެ ހަރަދަށް ބަލާއިރު ދެމަފިރިއަކު ހަތަރު ކުދިން ގޮވައިގެން މާލޭގައި އުޅޭއިރު 50،000 ރުފިޔާ ހަރަދު ކުރަން ޖެހޭ ކަމަށެވެ.

"އެހެންވީމާ ކިހިނެއްތޯ 40،000ރުފިޔާ ލިބޭ މީހަކު އިންކަމް ޓެކްސް ދައްކާނީ؟ އެހެންވީމާ މިފަދަ ކަންތައް ކުރާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ރިއާޔަތް ކުރަންއެބަޖެހޭ. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޓެކްސް ނަގައިގެންކަން، ވިޔަފާރިވެރިން ލާރި ދައްކައިގެންކަން ރައްޔިތުންނަށް ކަންތައްތައް ކޮށްދެވޭނީ. އެހެންނަމަވެސް އެމީހުންނަށް ލިބޭ އެއްޗެއް ނޫނީ ދެކޮޅު ނުޖެހޭ ވަރުގެ އަދަދެއް ޓެކްސް އަށް ނެގުމަކީ އެއީ އެއްގޮތަކަށްވެސް ކުރެވިގެންވަނެ ގޮތެއް ނޫން. އެފަދަ ކަންތަކަށް އަޅުގަނޑުމެން ކިޔަނީ ފޭރުމޭ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ މީދޫ ދާއިރާގައި ހިމެނޭ ރަށްރަށަށް ބޭނުންވާ ކަންތައް ބަޖެޓުގައި ހިމަނާފައިވާ ކަމަށާޢި ނަމަވެސް ބައެއް މަޝްރޫއުތަކަށް ކަނޑައަޅާފައިވާ އަދަދު އެކަށީގެންވާ ވަރަށްވުރެ ކުޑަ ކަމަށާއި އެމަސައްކަތްތަކަށް ބަޖެޓު ބޮޑު ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮންޓެންޖެންސީ ބަޖެޓުގެ ގޮތުގައި ހިމަނާފައިވާ 7 ބިލިއަން ރުފިޔާ އަކީ ކޮން މަސައްކަތެއް ކުރުމަށް ހުށަހަޅާ އަދަދެއްކަން އެނގެން އޮންނަން ޖެހޭ ކަމަށާއި ވަކި ކަމެއް ކުރަން ނޭނގޭގޮތަށް އެހާބޮޑު އަދަދެއް ހިމަނާފައިވާތީ ކަންބޮޑުވެލައްވާ ކަމަށެވެ.

މިއީ ދައުލަތުން ބަޔަކަށް ބަދަލުގެ ގޮތުގައި އަދަދެއް ދޭން ހުށަހަޅާފައިވާ އަދަދެއްތޯ ސިޔާމް ސުވާލު އުފެއްދެވިއެވެ. ރިކަރަންޓު ހަރަދު ބޮޑުވާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާ ސިޔާމް ވިދާޅުވީ ހަރަދު ކުޑަކުރުމަށް "ކުޑަ ސަރުކާރެއް" އެކުލަވާލަން ޖެހޭ ކަމަށެވެ.

"ހަރަދު ކުޑަކޮށް ކަންތައްތައް ކުރަން އަޅުގަނޑުމެން މެނޭޖުކުރަން އެބަެހޭ. ހަރަދު ކުޑަނުކޮށް ކަންތައް ކުރަންވެއްޖެނަމަ ލިބޭ އެއްޗަކުން ދެކޮޅެއް ނުޖެހޭނެ،"

ސިޔާމް ވިދާޅުވީ ރާއްޖެއަށް އާމްދަނީގެ ގޮތުގައި ބޮޑު އެއްޗެއް ލިބޭ ކަމަށާއި ނަމަވެސް މައްސަލައަކީ ފައިސާ ހަރަދު ކުރާ ގޮތް ކަމަށެވެ. އެކަމަށް ހައްލެއް ހޯދަންޖެހޭކަން ފާހަގަ ކުރައްވާ ސިޔާމް ވިދާޅުވީ އިންފްރާސްޓްރަކްޗާގެ މަޝްރޫއުތަކުން ފައިސާ ނުލިބޭނެމަ އޭގެ ނަތީޖާއެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން ކުރާ ކޮންމެ ބޮޑު އިންވެސްޓުމެންޓަކީ އޭގެ ފައިދާ ދިވެހި ރައްޔިތުންނަށް ލިބޭ އެއްޗަކަށް ހަދައިދޭން. އެނޫން ގޮތަކަށް ދާނަމަ އަޅުގަނޑުމެން ބޭނުންވާ މަންޒިލަށް ކުރިއަރައިގެން ނުދާނެ،" ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް