ގދ. ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުން ލަސްވުމާ ގުޅިގެން، ދަރިން އެ މީހާއަށް އިހުމާލުވިތޯ ބެލުން ހިމެނޭހެން ބައެއް ކަންކަން ސާފުކޮށްދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޤީލާ ޢަލީގެ އަރިހުން އެދިވަޑައިގެންފިއެވެ.
އެ މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ފަރެސްމާތޮޑާގެ ފުލުހުންނާއި އެ ރަށު ކައުންސިލާއި ސޯޝަލް މިނިސްޓްރީ ގުޅިގެން ކުރި މަސައްކަތުން މިދިޔަ އޮގަސްޓު މަހުގެ 22ވަނަ ދުވަހެވެ.
ފަރެސްމާތޮޑާ ކައުންސިލުގެ ރައީސް މުޙައްމަދު ޞަބާޙް 'ސަން'އަށް އޭރު ވިދާޅުވި ގޮތުގައި، އެ މީހާ އެ ހާލުގައި އުޅޭތާ އެތައް އަހަރެއް ވަނީ ވެފައެވެ. ނަމަވެސް އޭނާގެ ދަރިންނާއި އާއިލާއިން ވެސް އެ މީހާއަށް އެއްވެސް އެހީތެރިކަމެއް ނުދިން ކަމަށް، ނަން ހާމަނުކުރުމަށް އެދި އެ ރަށުން 'ސަން'އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެކަމާ ގުޅިގެން ޤީލާއަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވަނީ، ފަރެސްމާތޮޑާގައި އުމުރުން ދުވަސްވީ މީހަކު ދެ އަހަރުވަންދެން ނިކަމެތި ހާލުގައި އުޅެންޖެހުމާއި ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ޖާގަ ނެތުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުން ލަސްވުމަކީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގައި ބޮޑެތި ހުރަސްތަކެއް ހުރިކަން ހާމަވާ ކަމެއް ކަމަށެވެ.
އެހެންކަމުން ބައެއް ކަންކަން ސާފުކޮށްދެއްވުމަށް ކުޑޫ ވަނީ ޤީލާގެ އަރިހުން އެދިވަޑައިގެންފައެވެ.
އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވުނީ ކޮން ކަމެއްތޯއާއި މަރުކަޒުތަކުން ޖާގަ ނުލިބޭ ހާލަތްތަކުގައި ވަގުތީ އެހީތެރިން ހަމަޖައްސައިދީގެން ބެލެހެއްޓޭނެ ސިޔާސަތެއް ނެތީ ކީއްވެތޯ ކުޑޫ ވަނީ ސުވާލު އުފައްދަވައިފައެވެ.
މީގެ އިތުރުން، މައިންބަފައިންނަށް އަޅާނުލާ ދަރިންނަށް ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް މިނިސްޓްރީން ކަމާބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހެޅިތޯއާއި ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާއިރު، ސަރުކާރުން ދިގު މުއްދަތަކަށް އެހީތެރިކަން ދޭނެ ނިޒާމެއް ގާއިމުކުރުން ލަސްވަނީ ކީއްވެތޯ ވެސް ކުޑޫ ވަނީ ސުވާލު އުފައްދަވައިފައެވެ.
އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ބަޖެޓުން އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކުރެވިފައިވަނީ ކިހާ ވަރެއްތޯއާއި، ނިކަމެތި ހާލުގައި އުޅެމުންދާ އުމުރުން ދުވަސްވީ މީހުން ދެނެގަނެވޭނެ ނިޒާމެއް ނެތީ ކީއްވެތޯ ވެސް އޭނާ ސުވާލުކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މިނިސްޓްރީގެ ބަހެއް ލިބޭތޯ 'ސަން'ގެ ނޫސްވެރިން މީގެ ކުރިން މަސައްކަތްކުރި ނަމަވެސް، އެ މިނިސްޓްރީގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.