ޖުމްލަ 300 މިލިއަން ޑޮލަރުގެ ސަމުރާއީ ޓްރެޜަރީ ބޮންޑެއް، ޖަޕާނަށް ވިއްކަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އެ ބޮންޑަކީ އަންނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދުމަށް ވިއްކާ ބޮންޑެއް ކަމަށެވެ.
ސަމުރާއީ ބޮންޑަކީ ޖަޕާނަށް ހާއްސަ ފޮރިން ބޮންޑެކެވެ. އެފަދަ ބޮންޑެއްގެ ބޭނުމަކީ އެހެން ފައިނެންޝަލް މާކެޓަކަށް އެކްސެސް ހޯދުމަށް ބޭނުންކުރާ ބޮންޑެކެވެ. އެފަދަ ފޮރިން ބޮންޑުތަކަކީ ގައުމާ ގުޅިގެން ނަން ބަދަލުވާ ބޮންޑެކެވެ. މިސާލަކަށް ޔޫކޭގައި "ބުލްޑޯގް ބޮންޑްސް" ކިޔާއިރު އޮސްޓްރޭލިއާގައި އެފަދަ ބޮންޑަށް ކިޔަނީ "ކެންގަރޫ ބޮންޑްސް"އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ އެ 300 މިލިއަން ޑޮލަރުގެ ބޮންޑު ގެރެންޓީ ކުރާނީ ޖަޕާން ބޭންކް ފޮ އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖޭބިކް)އިން ކަމަށެވެ.
"މީގެ އިންޓްރެސްޓް ރޭޓަކީ 0.75 ޕަސެންޓް. ދެން އޭގެ ތެރޭގައި ގެރެންޓީ ފީއާއި މެނޭޖްމެންޓް ފީސް ހިމެނީމާ 0.75 ޕަސެންޓަށްވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ އެ 300 މިލިއަން ޑޮލަރުގެ ބޮންޑު ދޭނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެއީ 100 މިލިއަންގެ ތިން ޓްރާންޗުގެ ގޮތުގައި އެއްފަހަރ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ އަށް އަހަރުން މެޗުއާ ވާ އެއްޗަކާއި ނުވަ އަހަރުން މެޗުއާ ވާ އެއްޗެއް އަދި 10 އަހަރުން މެޗުއާ ވާ އެއްޗެއް،" އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ޓްރެޜަރީ ބިލްގެ ގޮތުގައި 563 މިލިއަން ރުފިޔާ ވިއްކަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ. އެ ވިއްކާނީ މިހާރުވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ރޭޓުތަކާ އެއްގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.