ޝަރުއީ ދާއިރާއަށް އިހްތިރާމްކުރަން، ކޯޓުގެ ނިންމުމަކަށް ފާޑެއް ނުކިޔާނަން: އަދުރޭ

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޝަރުއީ ދާއިރާއަށް އިހްތިރާމް ކުރާނެ ކަމަށާއި ކޯޓުތަކުގެ ނިންމުމަށް ފާޑު ނުކިޔާނެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅުގައި ތިބި ޕީޕީއެމް-ޕީއެންސީއަކީ ޝަރުއީ ނިޒާމަށް އިހްތިރާމް ކުރާނެ ބައެއް ކަމަށާއި ކޯޓުގެ ނިންމުމަކަށް ފާޑު ނުކިޔާނެކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް މިއަދު އިއްވުމަށް ތާވަލުކޮށްފައިވާތީ އިދިކޮޅު ފަރާތްތަކުން ރޭ ޕީޕީއެމް-ޕީއެންސީ އޮފީސް ދޮރުމަތީގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މިއީ ފަރާތްތަކަށް އުފާވެރި ދުވަހަކަށް ވެގެންދާނެ ކަމަށާއި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުގެ އަމަލުން އެކަން ފެންނަ ކަމަށެވެ.

"އަޅުގަނޑުމެން ޕީޕީއެމް-ޕީއެންސީއަކީ ޝަރުއީ ނިޒާމަށް އިހްތިރާމް ކުރާ ބައެއް. އަޅުގަނޑުމެނަށް ކޯޓުން ކަމެއް ނިންމީމަ ދެން އެކަމަށް އިތުރަށް ފާޑު ކިޔާކަށް ނެތިން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ސިޔާސީ ދައުވާގެ ނަމުގައި ޕީޕީއެމް އަދީ ޕީއެންސީން އެ ދެ ޕާޓީގެ އޮފިސް ދޮރުމަތީ ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީން ޝަރުއީ ނިޒާމަށް ނުފޫޒުފޯރުވައި އަތްބާނާ ކަމުގެ ހެކި ލިބިއްޖެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ ހެކި ލިބެނީ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއީ) އިން ޝަރުއީ ނިޒާމު ޕެރަލައިޒްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ރޭ ނެރުއްވި ބަޔާނުން ކަމަށެވެ.

ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫންކަމަށް ރައްޔިތުންގެ ކޯޓުން ހުކުމް ކޮށްފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އިއްޔެ ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ، އެ ހުކުމް އެމްޑީޕީގެ މެންބަރުން ބޭނުންވާ ގޮތަށް ނައިސްފާނެތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ކިތަންމެ ގިނައިން ފުލަހަށް ގެންދިޔަ ނަމަވެސް އެއްބަރުލުން ދެއްވައި ހާޒިރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ތަހުގީގުތަކާއި ކޯޓުގެ ހުކުމް ތަންފީޒު ނުކުރުމަށް ރެކުނުކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ހުންނަވާނީ "ސާބިތު ކަމާއިއެކު ރާއްޖޭގައި" ކަމަށެވެ.

comment ކޮމެންޓް