ނޫމަޑި މައްސަލައިގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށްދޭން ޖާބިރު އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު (ކ) އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ވ) ---

ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސެސްއަށް ދިވެހި ސަރުކާރުން އާބިޓްރޭޝަނުން ބޭރުން މައްސަލަ ހައްލުކޮށް 55 މިލިއަން ޑޮލަރުގެ މާލީ ބަދަލެއް ދިން މައްސަލައިގައި ސުވާލުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރަހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

ޖާބިރު މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވަނީ ފިނޭންސް މިނިސްޓަރާ ކުރައްވަން ބޭނުންވާ ދެ ސުވާލެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސެސްއާ އެކު ހަދާފައިވާ އެއްބަސްވުންތަކެއް އުވާލުމުގެ ސަބަބުން އެކުންފުނިން ގެއްލުމުގެ ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދުމަށް ސިންގަޕޫރުގައި އާބިޓްރޭޝަންގެ މައްސަލައެއް ހިނގަމުން ދަނިކޮށް، ދިވެހި ސަރުކާރުން ވަނީ އެ ކުންފުންޏާއެކު ކޯޓުން ބޭރުން ސެޓްލްމެންޓެއް ހަދައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދީފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުގެ ވަޒީރުން އެ މައްސަލައިގައި ނޫމަޑިއާ އެއްކޮޅަށ ހެކިބަސް ދީފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ދިވެހި ސަރުކާރާ އެއްކޮޅަށް ނިމޭނެކަމަށް ނުބެލެވޭނެތީ، ކޯޓުން ބޭރުން ސެޓްލްމަންޓަކަށް ދިޔައީ ކަމަށެވެ.

https://sun.mv/126496

ޑީއާރުޕީގެ ލީޑަރުކަންވެސް ކުރައްވާ ޖާބިރު ހުށަހަޅުއްވާފައިވަނީ، އާބިޓްރޭޝަނުން ވަކި ގޮތަކަށް ނުނިމެނީސް ދިވެހިރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ޑޮލަރެއް ބަދަލުގެ ގޮތުގައި ދިނީ ކޮން ހައިސިއްޔަތަކުންތޯ ފިނޭންސް މިނިސްޓަރުގެ ގާތުން އެއްސެވުމަށެވެ.

އަދި އާބިޓްރޭޝަނުން ނިންމާނީ ބަދަލު ދޭންޖެހޭ ގޮތަށްކަން މިނިސްޓަރަށް އެނގިވަޑައިގަތީ ކޮން ގޮތަކުންތޯއާއި، އަދި އާބިޓްރޭޝަން ނުނިމެނީސް ނޫމަޑިއަށް ބަދަލުގެ ގޮތުގައި ދިނީ ކިހާ އަދަދެއްގެ ފައިސާއެއްތޯ އެއްސެވުމަށް ޖާބިރު ވަނީ ހުށަހަޅުއްވާފައެވެ.

މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ ނޫމަޑިއަށް ކޯޓުން ބޭރުން ބަދަލު ދިނީ ދައުލަތް ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނުމަށް ކަމަށެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މަސައްކަތްކުރި ވަކީލުންވެސް ބުނެފައިވަނީ ދައުލަތުގެ ޑިފެންސް ވަރަށް ދެރަވަރު ކަމަށާއި އެ މައްސަލަ ދައުލަތާ އެއްކޮޅަށް ނިމޭނެކަމުގެ އުންމީދު ނެތްކަމަށް ކަމަށް އަމީރު ވިދާޅުވިއެވެ.

https://sun.mv/126806

ނޫމަޑި މައްސަލައިގައި އާބިޓްރޭޝަނުގައި ކުރީގެ ސަރުކާރުގެ ވަޒީރުން ރާއްޖެއާ ދެކޮޅަށް ބަޔާން ދީފައިވާކަމަށް މިނިސްޓަރު ވިދާޅުވެފައިވާ އިރު، އެ މައްސަލައިގައި ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެ ސުވާލުކޮށްފައެވެ.

މުއިއްޒު ކޮމިޓީގައި ވިދާޅުވެފައިވަނީ ނޫމަޑީގެ މައްސަލައިގައި އޭރުގެ ސަރުކާރާއި އަދި މިހާރުގެ ސަރުކާރުގައިވެސް މަސައްކަތްކުރާ ފަރާތްތަކަކުން މުއިއްޒުއަށް ނިސްބަތްވާ ގޮތަށް ދޮގު ވާހަކަތަކަކާއެކު އާބިޓްރޭޝަނަށް ބަޔާން ދީފައިވާ ކަމަށާއި، އެހެންކަމުން އޭނާވެސް އާބިޓްރޭޝަނަށް ބަޔާން ދިނީ އެ ދޮގުތަކުގެ ހަގީގަތް ހާމަކުރެއްވުމަށް ކަމަށެވެ.

comment ކޮމެންޓް