ނޫމަޑިއަށް ބަދަލު ދިނީ ދައުލަތް ބަނގުރޫޓުވުމުން ސަލާމަތްކުރަން: އަމީރު

ކޮމިޓީގައި އަމީރު ވާހަކަ ދައްކަވަނީ --- ފޮޓޯ/ މަޖިލިސް

ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުފުންޏަށް ބަދަލެއްގެ ގޮތުގައި 845 މިލިއަން ރުފިޔާ ދޭން ނިންމީ ދައުލަތް ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލައިގައި އެ ކުންފުނީގެ ފަރާތުން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ބަދަލެއްގެ ގޮތުގައި 155 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް އެކުންފުނިން ހުށަހެޅިއެވެ.

ނަމަވެސް ސަރުކާރުން ވަނީ، އާބިޓްރޭޝަނުން ބޭރުން މައްސަލަ ހައްލުކޮށް، މިދިޔަ އޮގަސްޓް މަހު ސެޓްލްމަންޓް އެގްރީމަންޓެއް ހެދުމަށްފަހު، އެކުންފުންޏަށް ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު (848 މިލިއަން ރުފިޔާ) ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، އަބިޓްރޭޝަނުން ނިންމާ ނިންމުންތަކުގައި މެދުމިނުގެ ހައްލެއް ނުލިބޭ ކަމަށާއި އަބިޓްރޭޝަނުން މައްސަލަ ނިންމި ނަމަ ދައުލަތުން ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޭން ޖޭހޭނެ ކަަމަށެވެ.

"އޭރު ސަރުކާރުގައި ތިބި ވަޒީރުން ނޫމަޑިއާ އެއްކޮޅަށް ހެކިބަސް ދީފައި [ހުރީ]. އެހެންވީމަ އަޅުގަނޑުމެންނަށް ލޫޒް ވާ [ގެއްލޭ] އެއްޗެއްގެ ގޮތުގައި ފެނުނީ. އެހެންވީމަ ހަގީގަތުގައި ދައުލަތް ބޭންކްރަޕްޓްވުމުން ސަލާމަތްކޮށްދީފައި އެ އިނީ." އަމީރު ވިދާޅުވިއެވެ.

ނޫމަޑި މައްސަލަގައި ދައުލަތާ ދެކޮޅަށް ކުރީ ސަރުކާރުގެ ވަޒީރުން ހެކިބަސް ދިން ކަމަށް އަމީރު ވިދާޅުވި ނަމަވެސް އެއީ ކޮން ވަޒީރުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. ނަމަވެސް ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާ މެމްބަރު އަހްމަދު ނާޝިޒު ވިދާޅުވީ ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދިން ބަޔާންތަކެއް އެ ކޮމިޓީއަށް ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އޭނާ ހާޒިރުކުރުމަށް ނިންމާފައިވާ ކަމަށް ނާޝިޒު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، އަބިޓްރޭޝަންގެ މައްސަލަގައި މަސައްކަތް ކުރި ގާނޫނީ ވަކީލުން ދެއްވި ލަފަޔަކީވެސް އެ މައްސަލައިގައި ދައުލަތުގެ ކޮޅު ވަރަށް ދެރަވަރު ކަމަށާއި އެހެން ކަމުން އެ މައްސަލަ ދައުލަތް ކޮޅަށް ނިމޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ.

"އެއް މިލިއަން ޑޮލަރު ހަރަދުކޮށްފައިވާނެ ބޭރުގެ ކޮންސަލްޓުންޓުންނަށް އަބިޓްރޭޝަނާގައި ކޮންޓެސްޓު ކުރަންވެގެން. ކުއީންސް ކައުންސެލް ލޯޔަރުން ނެގިން. ޑީލޭ އެކްސްޕާޓުން ނެގިން. އެމީހުން ރިޓަން ކޮމިއުނިކޭޝަން އެބަހުރި އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައި، ތިމަންނަމެން މިހާތަނަށް ދިޔަ އަބިޓްރޭޝަން ކޯޓު ކޭސްތައް ދިޔައީ މިހެންނޭ، އަޅުގަނޑުމެންގެ ކޯޓު ކޭސް ވީކް [ބަލިކަށި]ކަން އަޅުގަނޑުމެންގެ ލޯޔަރުންވެސް އެބަ ބުނޭ،"

އަމީރު ވިދާޅުވީ، އެ ހުރިހާ ތަޖުރިބާކާރުންނާއި ގާނޫނީ ވަކީލުން ދެއްވި ލަފަޔަކީ އެ މައްސަލަ އަބިޓްރޭޝަންގައި ހިނގައިފި ނަމަ 200 މިލިއަން ޑޮލަރަށްވުރެ ބޮޑު އެއްޗެއް ސަރުކާރުން ދައްކަން ޖެހޭނެކަން ކަމަށެވެ.

"އެހެން ނޫންނަމަ އާބިޓްރޭޝަން އެވޯޑެއްގެ ގޮތުގައި 200 މިލިއަން ޑޮލަރަށްވުރެ ގިނައިން އައިސްފި ނަމަ، ދެން ދުނިޔޭގެ އެހެން ގައުމެއްގެ، މިސާލަކަށް ނިއުޔޯކް އާބިޓްރަލް އެވޯޑް އެންފޯސްމަންޓަކަށް ގޮސްފި ނަމަ، ދެން އަޅުގަނޑުމެންނަށް ނޯންނާނެ [ކުރެވޭނެ ކަމެއް]،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ މައްސަލަ ރިވިއު ނުކުރީ ކީއްވެގެންތޯ ރާއްޖޭގެ ގާނޫނީ ވަކީލުން ސުވާލު އުފައްދާ ކަމަށާއި ނަމަވެސް އަބިޓްރޭޝަނުން ނިންމާ ނިންމަށް އިހުތިރާމް ނުކޮށްފިނަމަ ދެން އެކަން ތަންފީޒު ކުރުމަށް ދާނީ ނިއުޔޯކް އަބިޓްރޭޝަނަށް ކަމަށެވެ. އެހެން ވެއްޖެ ނަމަ ރާއްޖޭގެ ބޭންކިން ދާއިރާ އެއްކޮށް ހަލާކުވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ބަދަލު ދޭންޖެހޭ މައްސަލަތަކުގައި މާލީ ބުރަ ދައުލަތައް މިހާރު އުފުލަން ޖެހެނީ ކުރީގެ ސަރުކާރުތަކުން ކުރަން ޖެހޭ ކަންތައްތައް ނުކުރެވުމުން ކަމަށެވެ.

"މިހާރު ދިމާވެގެން މިއުޅޭ މައްސަލައަކީ ހަގީގަތުގައި އޭރުގެ ސަރުކާރުތަކުން އޭރު ތިއްބެވި އޮތޯރިޓީސްތަކުން ނަގަން ޖެހޭ ޑިސިޝަންތައް ނުނެގުމަ، ކުރަން ޖެހޭ ކަންތައްތައް ނުކުރެވުނީމަ އޭގެ ބުރަ އައިސްގެން އުޅެނީ،" އަމީރު ވިދާޅުވިއެވެ.

އެއްބަސްވުންތައް ބާތިލްކޮށްގެން ކުންފުނިތަކަށް ބަދަލު ދޭން ޖެހޭ މައްސަލަތަކަށް ސަރުކާރުން މިހާރު ވަނީ ސެޓްލްމަންޓް ކޮމިޓީއެއް އެކުލަވާލާފައެވެ. އަމީރު ވިދާޅުވީ އެ ކޮމިޓީއަށް މިހާތަނަށް 32 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަތައް ބަލައި ރައީސުލްޖުހޫރިއްޔާ އަށް ލަފާ ދޭ ކޮމިޓީއަށް ފޮނުވާ ކަމަށެވެ. އަދި އަމަލު ކުރަނީ އެ ލަފަޔަކާ އެއްގޮތަށް ކަމަށް އަމީރު ވިދާޅުވިއެވެ.

ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލުކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މިހާތަނަށް ބަދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ދީފައި ވެއެވެ.

ދައުލަތުން ކުންފުނިތަކަށް ދޭންޖެހޭ ބަދަލު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރާ ކަމަށް ރައީސް ވިދާޅުވިއިރު، އެއީ ދައުލަތުގެ ބަޖެޓްގެ 23 ޕަސަންޓެވެ. ދައުލަތުގެ ބަޖެޓްގެ އަދަދަކީ 30 ބިލިއަން ރުފިޔާއެވެ.

comment ކޮމެންޓް