އިދިކޮޅުގެ އެއްވުމަށް ހުރަސް އެޅުުމުން ޓްރާންސްޕޭރެންސީގެ ނުރުުހުން

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ އެއްވުން ބޭއްވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޕީޕީއެމް އޮފީސް ކުރިމަތީގައި މިރޭ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބޭއްވި "ބަޑި ބުރާސްފަތި" އެއްވުމަށް ފުލުހުން ހުރަސް އެޅުމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިރޭ 08:30 އިދިކޮޅު ކޯލިޝަންގެ އެއްވުން ފެށުމާއި އެކު ފުލުހުން ވަނީ އެ ސަރަހައްދަށް އެއްވުމަކީ މަނާކަމެއް ކަން އިއުލާން ކޮށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އެއްވެފައި ތިބި މީހަނަށް އަންގާފަ އެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރެވި ބަޔަކު ހައްޔަރުވެސް ކުރިއެވެ.

އެކަމާ ގު މިރޭ ޓްރާންސްޕޭރެންސީއިން ބުނީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީއިންނާއި، އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާއި މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ލިބިދޭ ހައްގެއް ކަމަށެވެ. އެހެންކަމުން، އިދިކޮޅު ކޯލިޝަނުގެ އެއްވުންތައް ހުއްޓުވައި ބާރުގެ ބޭނުން ނުކުރުމަށް އެ ޖަމިއްޔާއިން ވަނީ ފުލުހުންނަށް އެދިފައެވެ.

ސުލްހަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައިވާ ގޮތުން، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއްވެސް ބޭއްވޭނީ ފުލުހުން ލިއުމުކުން ހުއްދަ ދީގެންނެވެ. އެ ގާނޫނަށް އެ އިސްލާހު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރައްޔިތުންގެ މަޖިލީހުގައި އޭރު މެޖޯރިޓީ އޮތް ޕީޕީއެމްގެ މެމްބަރުންގެ ތާއީދާއެކުއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އެއްވުމެއް ބާއްވަން އިއުލާނުކޮށްފައި ވަނިކޮށް، ފުލުހުން ވަނީ ގާނޫނާއި ހިލާފަށް ބައެއް ފަރާތްތަކުން އެއްވުން އިންތިޒާމްކޮށް އެއްވުންތަކުގައި ގާނޫނާއި ހިލާފު އަމަލުތައް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި އެއްވުން ފެށުމާއި އެކު ފުލުހުން ވަނީ އެ ސަރަހައްދަށް އެއްވުމަކީ މަނާކަމެއް ކަން އިއުލާން ކޮށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އެއްވެފައި ތިބި މީހަނަށް އަންގާފައެވެ.

އެތަނުން ހައްޔަރު ކުރީ ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކި ކަމަށް ބުނާ މީހުންނެވެ. އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 12 މީހުންނެވެ. އެ 12 މީހުންވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ.

comment ކޮމެންޓް