ގައުމީ އިނާމާ އެކު އިމްރާން ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ކީޕަރު އިމްރާން މުހައްމަދު. މިއަދު ވަނީ ފުޓުބޯޅައިން ރިޓަޔާވެފައި -- ސަން ފޮޓޯ: އިމޭޖްސް. އެމްވީ

ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލުކުރުމަށް ފަހު ރާއްޖެ ދުށް އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ފުޓުބޯޅައިން ރިޓަޔާވެއްޖެ އެވެ.

އިމްރާން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ ފުޓުބޯޅައިން ރިޓަޔާވިކަން އިއުލާނުކޮށްފަ އެވެ.

"ފުޓުބޯޅައިން ރިޓަޔާ ވާން ނިންމައިފިން. މިއީ މި ފިޔަވަޅު ނަގަން އެންމެ އެކަށީގެންވާ ވަގުތު ކަމުގައި ގަބޫލުކުރަން،" އިމްރާން ބުނެފައިވެ އެވެ.

އިމްރާން ފުޓުބޯޅައިން ރިޓަޔާވެފައި މިވަނީ، 20 އަހަރަށް ފަހު އެވެ. ފުޓުބޯޅައިގައި ހޭދަކުރި 20 އަހަރުގައި އިމްރާން ވަނީ ގައުމީ ޓީމާ އެކު 111 މެޗު ކުޅެދީ، މެދު ކެނޑުމެއް ނެތި 17 އަހަރު ގައުމީ ގޯލް ބަލަހައްޓައިދީފަ އެވެ.

އިމްރާން ބުނީ ފުޓުބޯޅާގައި އޭނާ ކުރި ދަތުރަކީ ވަރަށް އުފާވެރި ހިތްހަމަޖެހޭ ދަތުރެއް ކަމަށެވެ. އަދި ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބުމުން ބަޔާންކުރަން ދަތި އުފަލެއް ލިބިފައިވާ ކަމަށް އިމްރާން ބުންޏެވެ.

އިމްރާނަށް ގައުމީ އިނާމު ހަވާލުކުރުން -- ފޮޓޯ: ރައީސް އޮފީސް

އިމްރާން ބުނީ އޭނާއަށް ފުޓުބޯޅައިގެ ދާއިރާއިން ހާސިލުކުރެވުނު ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ތިބީ ސަޕޯޓަރުން ކަމަށާއި އެހެންކަމުން ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

އދ. މަހިބަދުއަށް އުފަން އިއްމައަކީ ރާއްޖެ ދުށް އެންމެ މޮޅު ގޯލްކީޕަރެވެ. ދިވެހީންގެ އެއް ނަމްބަރު ކީޕަރެވެ. އިއްމައަކީ ދެކުނު އޭޝިޔާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކީޕަރެވެ. އޭނާ އަކީ މިއަދުގެ ޒުވާން ފުޓުބޯޅަ ޖީލަށް ނަމޫނާއެކެވެ.

އިމްރާން ބުނީ ކުރިއަށް އޮތް ތަނުގައި، މޮޅު ގޯލްކީޕަރުން އުފެދިގެން އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށާއި ދިވެހި ފުޓުބޯޅައަށް އަބަދު ވެސް ކާމިޔާބަށް އެދޭ ކަމަށެވެ.

އިމްރާން މިއަދު ފުޓުބޯޅައިން ރިޓަޔާވެފައި ވާއިރު، ގައުމީ ޓީމުން ރިޓަޔާވެފައި ވަނީ 2016 އަހަރު އެވެ.

އިމްރާން ވަނީ ގައުމީޓީމުގެ ގޯލުގައި ހުރެ، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރުން ރާއްޖެ އިން ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ނެގި ދެފަހަރު ވެސް، އިމްރާން ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އިމްރާން އޭނާގެ ފުޓުބޯޅަ ކެރިއަރު ފެށީ 1999 ވަނަ އަހަރު ކްލަބް އީގަލްސް އާއެކު އެވެ. އޭގެ ފަހުން ވިކްޓްރީ، ނިއު ރޭޑިއަންޓް، ވީބީ އައްޑޫ އެފްސީ، މާޒިޔާ އަދި ޓީސީ ސްޕޯޓްސް ކްލަބް އާއެކު ވެސް އޭނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އޭނާ ވަނީ ވިކްޓްރީ އަދި ނިއު ރޭޑިއަންޓާ އެކު ގައުމީ ތަށި މިލްކުކޮށްފަ އެވެ.

ކީޕަރު އިމްރާން ފުޓުބޯޅަ ކުޅުން ހުއްޓާލި އިރު، އޭނާ ވަނީ އަމިއްލަ ގޯލުގައި ހުރެ، ގޯލެއް ވެސް ކާމިޔާބުކޮށްފަ އެވެ.

އިމްރާން ކުޅުން ހުއްޓާލިއިރު އެންމެ ފަހުން ކުޅެމުންދިޔައީ ޓިސީ ސްޕޯޓްސް ކްލަބަށެވެ. ނަމަވެސް މުސާރައިގެ މައްސަލަތަކެއްގެ ސަބަބުން، އިމްރާން ވަނީ ސީޒަނުގެ މެދުތެރެއިން އެ ޓީމާއެކު ވެފައިވާ އެއްބަސްވުން އުވާލައިފަ އެވެ.

comment ކޮމެންޓް