އިންގްލިޝް ފުޓުބޯޅަ ލީގު ކަޕް (އީއެފްއެލް)ގެ ގަދަ ސޯޅައިގައި ރޭ މާކަސް ރަޝްފޯޑު ޖެހި ދެ ގޯލުން ޗެލްސީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑު ކުއާރޓާއަށް ދަތުުރު ކުރި އިރު އާސެނަލް ޕެނަލްޓީގައި ބަލިކޮށް ލިވަޕޫލް ވެސް ގަދަ އަށަކުން ޖާގައެއް ކަށަވަރު ކޮށްފި އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑް ކުރި ހޯދީ 1-2 ގެ ނަތީޖާ އަކުންނެވެ. މިފަހަރުގެ ޕްރިމިއާ ލީގުގައި އެންމެ އެދެވޭ ނަތީޖާތަކެއް ޔުނައިޓެޑަށް ނުނެރެވުނު ނަމަވެސް އެ ޓީމުން ރޭ ޗެލްސީގެ މައްޗަށް ކުރި ހޯދީ މޮޅު ކުޅުމެއް ދައްކައިގެންނެވެ. ޔުނައިޓެޑާއި ޒަމާނުއްސުރެން އެންމެ ވާދަވެރި ލިވަޕޫލް އަމިއްލަ ދަނޑުގައި ކުޅެ އާސެނަލްގެ މައްޗަށް ކުރި ހޯދީ 5-5ގެ ނަތީޖާ އަކުން މެޗު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 4-5 ޕެނަލްޓީން ކުރި ހޯދައިގެންނެވެ.
ޔުނައިޓެޑާއި ޗެލްސީ ބައްދަލު ކުރި ވާދަވެރި މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް އެ ގޯލު ވައްދާލި އިރު ދެވަނަ ހާފުގެ ކުރީ ކޮޅު މިޗީ ބަޓްޝުއާއީ ވަނީ ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ޔުނައިޓެޑަށް މެޗު ކާމިޔާބުވީ 73 ވަނަ މިނަޓުގައި ލިބުނު ދުރު ހިލޭ ޖެހުމަކުން ރަޝްފޯޑު ގޯލު ޖެހުމުންނެވެ. އޭރިއާގެ ވެސް މާ ބޭރުން ރަޝްފޯޑު ފޮނުވާލި ބާރު ހިލޭ ޖެހުން އޭނާ އަމާޒު ކޮށްލީ ގޯލުގެ މަތީ ކަނަށެވެ.
މިފަހަރުގެ ލީގު ކަޕުގައި ކުޅުނު އެންމެ ވާދަވެރި މެޗު ކަމަށް ގިނަ ބަޔަކު ދެކުނު ލިވަޕޫލާއި އާސެނަލް މެޗަކީ ގޯލުތަކުން ފުރިގެންވި މެޗެކެވެ. ދެ ޓީމު ވެސް މެޗުގެ ތެރޭގައި ފަސް ގޯލު ވަނީ ޖަހައިފަ އެވެ.
އެ މެޗުގައި ފުރަތަމައިން ލީޑު ނެގީ ލިވަޕޫލް އެވެ. އެންފީލްޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ގޯލަކީ އާސެނަލްގެ ޑިފެންޑަރު މުސްތާފީ ގައިގައި ޖެހި ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގެ އެންމެ ހަ ވަނަ މިނަޓުގެ ތެރޭގައި ބައިކޮޅަށް ވަތް މި ގޯލާ އާސެނަލް ޓީމު ކުރިއަށް ޖައްސައިގެން ކުޅެ މަތި މައްޗަށް ތިން ގޯލު އަމުނާލި އެވެ. ލޫކަސް ޓޮރޭރޯ 19 ވަނަ މިނަޓުގައި ނަތީޖާ ހަމަހަމަ ކޮށްދިން އިރު އޭގެ ފަހުން ޖެހި ދެ ގޯލު ޖެހީ އެ ޓީމުގެ ޒުވާން ފޯވާޑް މާރޓިނެލީ އެވެ.
އާސެނަލުން ދެ ގޯލުގެ ލީޑަކާ އެކު ހަމަޖެހިލައިގެން ކުޅެމުން ދިޔަ ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީ އަކުން ލިވަޕޫލް ވަނީ އިތުރު ގޯލެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ޖޭމްސް މިލްނާ އެވެ.
ދެވަނަ ހާފު ފެށިގެން އަނެއްކާވެސް އާސެނަލުން ގޯލެއް ޖަހައި ނަތީޖާ 4-2 އަށް ބަދަލުކޮށްލި އެވެ. މެއިޓްލޭންޑް ނައިލްސްގެ އެ ގޯލާ އެކު ވެސް އާސެނަލް ޕްރެޝަރަށް ވެއްޓި ލިވަޕޫލް ކުޅުން ވަރުގަދަ ކުރި އެވެ. ނަތީޖާއެއްގެ ގޮތުން ލިވަޕޫލުން ފަހަތުން އަރައި ދޭތި ޖަހައި ނަތީޖާ އެއްވަރު ކުރި އެވެ. އެ ދެ ގޯލު ޖެހީ އޮކްސަލޭޑް ޗޭމްބާލިންއާއި ޑިވޮކް އޮރިގީ އެވެ.
ލިވަޕޫލުން އެއްވަރު ކުރިތާ އިރަކޮޅެއް ފަހުން އާސެނަލުން އަނެއްކާ ވެސް ލީޑު ނެގި އެވެ. ވިލޮކްގެ ގޯލާ އެކު އާސެނަލުން ލީޑު ނަގާފައި އޮއްވާ މެޗުގެ އިތުރު ވަގުތު ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީ ޕެނަލްޓީއަށް ގެންގޮސްދިނީ އޮރިގީގެ ގޯލުންނެވެ.
މެޗު އެއްވަރުވެގެން ޖެހި ޕެނަލްޓީގައި އާސެނަލަށް ނާކާމިޔާބުވީ އެ ޓީމާ އަލަށް ގުޅުނު ޑެނިއަލް ކެބަޔޯސް ޖެހި ޕެނަލްޓީ އެވެ.