ގައުމީ 16 އަހަރުން ދަށުގެ ކޯޗެއްގެ ގޮތުން ހަރަކާތްތެރިވަމުން އަންނަ ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކުލަބެއްގެ ކޯޗުކަމާ ހަވާލުވާން ނިންމާފައިވާ ކަމަށް އޭނާ ބުނެފިއެވެ.
މިއަދު ނިޒާމްބެގެ އޮފިޝަލް ޓްވިޓާރ އެކައުންޓުގައި ކުރި ޕޯސްޓެއްގައި އޭނާ ވަނީ ބަންގަލަދޭޝްގެ ޕްރިމިއާ ލީގްގައި ވާދަ ކުރާ ސައިފް ސްޕޯޓްސް ކުލަބުގެ ކޯޗް ކަމާ އޭނާ ހަވާލުވާކަން އިއުލާން ކޮށްފައެވެ. އެއާ އެކު ނިޒާމް ވެގެންދާނީ ރާއްޖެއިން ބޭރުގެ ޓޮޕް ޑިވިޝަންގައި މަސައްކަތްކުރާނެ ފުރަތަމަ ދިވެހި ކޯޗަށެވެ. މީގެ ކުރިން ރާއްޖޭގެ ބައެއް ކުޅުންތެރިން ބޭރުގެ ކުލަބުތަކަށް ކުޅުނު ނަމަވެސް ކޯޗެއް އެހެން ގައުމެއްގެ ބޮޑު ކުލަބަކާ ހަވާލެއް ނުވެއެވެ.
މިދިޔަ އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދި ޓީސީގެ ކޯޗުކަމުގައި ނިޒާމްބެ ވަނީ އޭނާ އަލަށް ހަވާލުވި ސައިފް ސްޕޯޓްސް ކުލަބާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ޓީސީއިން މިިދިޔަ އަހަރު މާލޭ އާއި ބަންގުލަދޭޝްގައި ކުޅުނު މެޗުންވެސް ސައިފްގެ މައްޗަށް ނިޒާމް ކުރި ހޯދިއެވެ.
ޓީސީ ސްޕޯޓްސް ކުލަބާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށްފަހު ނިޒާމްބެ މިފަހުން މަސައްކަތް ފެށީ ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ގައުމީ ޓީމު ތައްޔާރުކުރުމުގެ މަސައްކަތެވެ. އެގޮތުން މިހާރު އޮތް 16 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވެ ނިޒާމްބެ ވަނީ އެ ޓީމު ރަނގަޅު މިސްރާބަކާ ދިމާލަށް ގެންދިއުމަށް މަސައްކަތްތަކެއް ފަށައިފައެވެ.
ދިވެހި ފުޓްބޯޅައަށް ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް އުފައްދައި ނެރެދީފައިވާ ނިޒާމްބެއަކީ ކޯޗުކަމުގައި ކުރިއަރަމުން އަންނަ އެހެން ކޯޗުންނަށްވެސް ހުރި ނަމޫނާއެކެވެ. ނިޒާމްބެ ދިވެހި ފުޓްބޯޅަ، ހާއްސަ ގޮތެއްގައި ޓީސީ ސްޕޯޓްސް ކުލަބަށް ކޮށްދީފައި ވާ މަސައްކަތްތަކަކީ ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ބަލައިގަންނަ މަސައްކަތްތަކެކެވެ.