އޭސީސީއިން މާލޭ ސިޓީ ކައުންސިލަށް ވަދެއްޖެ

މާލޭ ސިޓީ ކައުންސިލުގެ އިދާރާ ---

މާލޭ ސިޓީ ކައުންސިލުން ކޮރަޕްޝަނުގެ އަމަލެއް ހިންގާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުން މާލޭ ސިޓީ ކައުންސިލަށް ވަދެއްޖެ އެވެ.

އޭސީސީއަށް ހުށަހަޅާފައި ވަނީ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި އަޑިޕާކް ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން މިހާރު ހިންގަމުންދާ މަޝްރޫއުގެ ތެރެއިން އެތަނުގައި އިމާރާތްތަކެއް ހެދުމުގެ މަސައްކަތް ބިޑް ކޮމިޓީއިން ކުރަނިކޮށް އެ އިމާރާތް ހެދުމުގެ މަސައްކަތް ކުރަން ފެށި މައްސަލައެވެ.

އެމައްސަލާގައި އޭސީސީގެ އޮފިޝަލުންތަކެއް މާލޭ ސިޓީ ކައުންސިލު ހިންގާ އިދާރާއަށް ވަދެ ދަނީ ހަރަކާތްތެރި ވަމުންނެވެ. ބެލެވޭ ގޮތުން އޭސީސީއިން މަސައްކަތް ކުރަނީ އެމައްސަލައާ ގުޅޭ ލިޔެކިޔުންތައް ހޯދުމަށެވެ. އޭސީސީއިން މާލޭ ސިޓީ ކައުންސިލަށް ވަދެފައި މިވަނީ މައްސަލައިގެ ލިޔެކިޔުންތަކަށް ބަދަލު ގެނައުމަށް މާލޭ ސިޓީގެ މޭޔަރު މަސައްކަތް ކުރަމުންދާ ކަމަށް އެ ކައުންސިލުގެ ބައެއް މެމްބަރުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އަޑިޕާކް ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ގާޑް ބްރިޖަކާއި ފާހާނާ ބަރިއެއްގެ އިތުރުން އެންޓްރެންސް ކެނޮޕީއެއްގެ އިތުރުން ލައިފް ގާޑް ޓަވަރެއް އެޅުން ހިމެނެ އެވެ.

މެދު ހެންވޭރު ދާއިރާގެ ސިޓީ ކައުންސިލް މެމްބަރު އަދި ބިޑް ކޮމެޓީގެ މުގައްރިރު އަހުމަދު ނިޔާޒް "ސަން" އަށް ވިދާޅުވީ އެތަންތަން ތަރައްގީކުރަން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބިޑް ކޮމެޓީއަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އޭރުވެސް އެތަނުގެ ބިންގާ އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިޑް ކޮމެޓީއަށް އެކަން ހުށަހެޅީމަ އަޅުގަނޑުމެން އެދުނީ އެކަމަށް ބަޖެޓް ފާސްކޮށްގެން ކުރިއަށް ގެންދިއުމަށް. އެކަމަކު އަދި ނީންނާނެ ބިޑް ކޮމެޓީން އަދި ނެތް ގައިމުވެސް އެއްވެސް ބަޔަކާ އެކަން ހަވާލުކޮށްފަ. އެހެން އެކަންއޮއްވަ ދެން މި ފެންނަނީ އެތަން އިމާރާތްކޮށް ނިމޭތަން." ނިޒާޔް ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ފަޒީން "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މަސައްކަތް ބަޔަކާ ހަވާލުކުރަން ކައުންސިލްގެ ބިޑް ކޮމެޓީއަށް ހުށަހެޅިއިރުވެސް އެ މަސައްކަތް ވަނީ އަމީން ކޮންސްޓްރަކްޝަންއިން ކުރަންފަށާފައި ކަމަށެވެ.

"ގާތްގަނޑަކަށް 1.9 މިލިއަން ރުފިޔާއަށް މަސައްކަތް ބިޑް ކޮމެޓީއަށް ގެނައީވެސް ތިން ކޯޓޭޝަންއާއެކު. އެހެންނަމަވެސް ތިން ކޯޓޭޝަނަކުން ނުފުދޭ މިހާ ބޮޑު އަގަކަށް. އެކަން ކުރިއަށް ގެންދަން ޖެހޭނީ އާންމުކޮށް ހުޅުވާލައިގެން،" ފަޒީން ވިދާޅުވި އެވެ.

ފަޒީން ވިދާޅުވީ ގެނެސްފައިވާ ތިން ކޯޓޭޝަންގެ ތެރެއިން މަތީ އަގު ހިމެނޭ ދެ ކޯޓޭޝަން ހަދާފައިވަނީ އެއްފޯމެޓަކަށް ކަމަށެވެ.

comment ކޮމެންޓް