މާލޭ މަގުމައްޗަށް ކުނި އެޅި ތިން މީހަކު ޖޫރިމަނާކޮށްފި

ހީނާމާގޭ ޕާކިން ސަރަހައްދަށް މީހަކު ކުނި އަޅަނީ --

މަގުމައްޗަށް ކުނިއެޅި ބަޔަކު އަނެއްކާ ވެސް މާލޭ ސިޓީ ކައުންސިލުން މިއަދު ޖޫރިމަނާކޮށްފިއެވެ.

މާލޭގެ މަގުތަކަށް ކުނި އަޅާ މައްސަލަ ބޮޑުވެ، ސިޓީ ކައުންސިލުން ވަނީ މަގުމަތީ ކުނި ބަހައްޓާ މީހުން ދެނެގަނެ، އެ މީހުން ޖޫރިމަނާކުރަން ފަށައިފައެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހީނާމާގޭ ޕާކިން ސަރަހައްދަށް ކުނި އެޅި ބައެއް މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ތިން މީހަކު ދެނެގަނެ، މިހާރު އެ ކޮންމެ މީހަކު 500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ވަނީ ކުނި އެޅި މީހުންގެ ސީސީޓީވީ ފޫޓޭޖުތައް ވެސް އެކްސްގައި އާންމުކޮށްފައެވެ.

މި ފަހުން، މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މާލޭގައި އާންމުކޮށް ކުނި އަޅާފައި ހުންނަކަން ފާހަގަކުރެވޭ ތަންތަން އާންމުކޮށްފައެވެ. އަދި، އެގޮތަށް މަގުތަކުގައި ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ މާލެ ސިޓީ ކައުންސިލުގެ ވައިބާ އަދި ވަޓްސްއެޕް ނަންބަރު ކަމަށްވާ 9341144 އަށް ނުވަތަ ކައުންސިލްގެ ވެބްސައިޓު މެދުވެރިކޮށް ފޮނުވަން އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

ގޭގެ ސާފުކޮށްފައި ނެރޭ ކުނި މާލޭގެ މަގުތަކަށް ޖަމާކުރާ މައްސަލަ ބޮޑުވެ، މާލޭ ސިޓީ ކައުންސިލުން އަންނަނީ މަގުމަތީ ކުނި ބަހައްޓާ މީހުން 500 ރުފިޔާއިން ޖޫރިމަނާކުރަން ފަށައިފައެވެ.

އެ ކައުންސިލުން ވަނީ މަގުމައްޗަށް ކުނި ނޭޅުމަށާއި، ދިރިއުޅޭ ގެދޮރާއި ތިމާވެށި ސާފުކޮށް ބޭއްވުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް