ވިލިމާލޭގައި މާލޭ ސިޓީ ކައުންސިލުން ބަގީގެ ޚިދުމަތްދޭން ގެނައި 10 ބަގީގެ ތެރެއިން ހަތް ބަގީ ހަލާކުވެ, ޚިދުމަތްދޭން ދަތިވުމުގެ ސަބަބުން އާ ބަގީތަކެއް ގެންނަން ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭން ފަށާފައިވަނީ އޭޕްރީލް 3، 2023 ގައެވެ.
މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 142 ވަނަ އާންމު ޖަލްސާގައި ބަގީގެ ޚިދުމަތް ދިނުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި، މިހާރު ހުރި ބަގީތަކުގެ ތެރެއިން ހަލާކުނުވެ އޮތީ ތިން ބަގީ ކަމަށްވުމުން އިތުރު ހަތް ބަގީ ގަންނަންޖެހޭކަން އެ ބައްދަލުވުމުގައިވަނީ ފާހަގަކޮށްފައެވެ.
ބަގީ ގަތުމަށް ޚިޔާލު ހުށަހަޅުއްވަމުން މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ވިދާޅުވީ އެ ޚިދުމަތް ފަށަން ބޭނުންކުރި ބަގީތައް މައްސަލަ ޖެހި ހަލާކުވެ، ސްޕެއާ ނުލިބި ދިޔައީ އެ ބަގީތަކަކީ ރަނގަޅު ބަގީތަކަކަށް ނުވީމާ ކަމަށެވެ.
އޭނާ ވިދާޅުވީ އަލަށް ގެންނަ ބަގީތައް ކޮލިޓީވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"އެއަށް ވުރެ ކޮލިޓީ ރަނގަޅު ދުނިޔޭގެ ފެންވަރުގެ ޚިދުމަތްދެވޭ، ދިގު މުއްދަތަކަށް ބޭނުންކުރެވޭ، ސްޕެއާ ލިބޭ ކަހަލަ ރައްޔިތުންނަށް އޭގެ މަންފާއެއް ދެވޭނެ ހިތްހަމަޖެހޭ ކަހަލަ ބަގީތަކަކަށް ވާންޖެހޭ،" ޒަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކައުންސިލުގެ ބޯޑުގައި ތިބި މެންބަރުންނަށް، އެ ގެންނަ ބަގީތަކަކީ ކިހާ ކޮލިޓީއެއް ހުރި ބަގީތަކެއްކަން އެނގުން މުހިއްމު ކަމަށެވެ. އަދި، އެ މައުލުމާތްތައް ލިބި، ތާއީދުލިބިގެން ގެނެވޭ ބަގީތަކަކަށް މި ބަގީތައް ވާންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވާހަކަދައްކަވަމުން ވެސް ވިދާޅުވީ ގެންނަ ބަގީތަކަކީ 'ސައިބޯނި ބޮތްކަކަށް'ވުމުން ކަމުނުދާނެ ކަމަށެވެ. އަދި، މި ކަމަށް ޚަރަދުކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާއިންކަން ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
ވިލިމާލޭގައި ބަގީގެ ޚިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވީއިރެވެ.
ބަގީގެ ޚިދުމަތް ފޯރުކޮށްދޭން މާލޭ ސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ. އޭގެ ތެރޭގައި، މުދާ އުފުލާ ބަގީއާއި ކުއްލި ހާލަތްތަކުގައި އިމަޖެންސީކޮށް ބަލި މީހުންނަށް ދަތުރުކުރެވޭނެގޮތަށް ހެދިފައިވާ ބަގީއެއް ހިމެނެއެވެ. އަދި، ހަތަރު ސީޓުގެ ބަގީއާއި، ހަ ސީޓުގެ ބަގީގެ އިތުރުން 12 މީހުންގެ ކެޕޭސިޓީ ހިމެނޭ ބަގީ ވެސް ހިމެނެއެވެ.