އިނގިރޭސި ލީގު ކަޕުގައި ރޭ އެންމެ ފަހުގެ ޗެންޕިއަން މެންޗެސްޓާ ސިޓީ ސައުތަމްޓޮން ބަލިކުރި އިރު ލެސްޓާ ސިޓީން ބާޓޮން އަލްބިއަން ބަލިކޮށް ކުއާޓާގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.
ރޭ ކުޅުނު މެޗުން ސިޓީ ސައުތަމްޓޮން ބަލިކުރީ 1-3 ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ސިޓީން ލީގު ކަޕުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީން ކުރި އިރު ލެސްޓާއިން ވެސް ވަނީ ހަމަ އެ ނަތީޖާއިން ބާޓޮން ބަލިކޮށް ކުއާޓާއަށް ދަތުރު ކޮށްފަ އެވެ.
އިއްތިހާދު ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ސިޓީންނެވެ. އެ ޓީމުން މެޗުގައި ޖެހި ފުރަތަމަ ގޯލު މެޗުގެ 20 ވަނަ މިނަޓުގައި ޖަހައިދިނީ އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އެވެ. އޭގެ އިރުކޮޅެއް ފަހުން ސިޓީއަށް ލީޑު ފުޅާ ކޮށްދިނީ ސާޖިއޯ އަގުއޭރޯ އެވެ. އޭނާ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ދެވަނަ ހާފު ފެށިގެން ވެސް މޮޅަށް ކުޅެމުން ދިޔައީ ސިޓީންނެވެ. އެ ޓީމުން ވަނީ އެ ހާފުގެ ކުރީ ކޮޅު ގޯލެއް ޖަހައި މެޗު ޔަގީން ކޮށްފަ އެވެ. އެ ގޯލު ވެސް ސިޓީއަށް ޖަހައިދިނީ އަގުއޭރޯ އެވެ. ސައުތަމްޓޮން އިން މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗު ނިމެން ދަނިކޮށް އެ ޓީމަށް ޖަހައިދިނީ ޖެކް ސްޓީފެންސް އެވެ.
ސައުތަމްޓޮން ރޭގެ މެޗަށް ނުކުތް އިރު އެ ޓީމު އޮތީ އުނދަގޫ ހާލަތެއްގަ އެވެ. އެންމެ ފަހުން ލީގުގައި އެ ޓީމުން ލެސްޓާއާ ދެކޮޅަށް ކުޅުނު މެޗުގައި ލެސްޓާއިން ވަނީ ރެކޯޑް ނުވަ ގޯލު ޖަހައިފަ އެވެ. ރަނގަޅު ގޯލު ރެކޯޑަކާ އެކު ލެސްޓާ ރޭ އެ ޓީމުން ކުޅުނު މެޗަށް ނުކުމެ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ލެސްޓާއަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ކެލިޗީ އިހަނާޗޯއާއި ޔޫރީ ޓިއެލަމަންސްގެ އިތުރުން ޖޭމްސް މެޑިސަން އެވެ. ބާރޓޮންއަށް ގޯލު ޖަހައިދިނީ ލިއަމް ބޮއިސް އެވެ.
ސިޓީއާއި ލެސްޓާގެ އިތުރުން ރޭ ކުޅުނު މެޗުތަކުން މޮޅުވެ ކުއާރޓާގެ ޖާގަތައް ކަށަވަރު ކުރީ، ކޮލްޗެސްޓާ ޔުނައިޓެޑާއި އެވަޓަންގެ އިތުރުން އޮކްސްފޯޑް ޔުނައިޓެޑް އެވެ.
ކުއާޓާ ފައިނަލުގެ ބާކީ ހުރި ޖާގަތައް ކަށަވަރު ވާނީ މިރޭ ކުޅޭ މެޗުތަކުންނެވެ. މިރޭ ކުޅޭ މެޗުތަކުގައި ބައްދަލު ކުރާނީ، މިވަގުތު ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާއި އާސެނަލް އަދި އެސްޓިން ވިލާއާއި ވޮލްވާހަމްޓޮންގެ އިތުރުން ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް އެވެ.