ގައުމީ ޓީމަށް ފޯރި ގެނައުމަށް، ނައިބު ރައީސާއި މެމްބަރުންގެ ކުރިމަތިލުމެއް

ގައުމީ ދުވަހުގެ މުނާސަބަތުގައި މަޖިލިސް މެންބަރުންނާއި އެފްއޭއެމް ބައްދަލުކުރި އެކުވެރިކަމުގެ މެޗްގެ ތެރެއިން :މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ/ ރައީސް އޮފީސް

އަންނަ މަހު މާލޭގައި ކުޅޭ ވޯލްޑްކަޕް ކޮލިފިކޭޝަނު ދެ މެޗުގެ ފޯރި ގަދަކުރުމުގެ ގޮތުންނާއި ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެފްއޭއެމްގެ ޓީމަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޓީމަކާއި ދެމެދު އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅެފިއެވެ.

މާފަންނު ޓާފުގައި މިއަދު ހަވީރު ކުޅުނު އެ މެޗު ފަސޭހަކަމާއެކު ކާމިޔާބު ކުރީ އެފްއޭއެމްގެ ޓީމުންނެވެ. އެ ޓީމު އެ މެޗު ކާމިޔާބު ކުރީ 2-9 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗަކީ އަންނަ މަހު ފިލިޕީންސްއާއި ގުއާމާ ދެކޮޅަށް ގައުމީ ޓީމު ނުކުންނަ އިރު އެ ޓީމަށް ސަޕޯޓުކުރުމާއި ގެއްލިފައިވާ ގައުމީ ފޯރި އަލުން ގެނައުމަށް ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ފެށުމެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި މަޖިލިސް މެންބަރުންނާއި އެފްއޭއެމް ބައްދަލުކުރި އެކުވެރިކަމުގެ މެޗްގެ ތެރެއިން :މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ/ ރައީސް އޮފީސް

މިއަދު ކުޅުނު މެޗުގައި ބައްދަލު ކުރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ޓީމުގައި ގިނަ އަދަދެއްގެ މަޖިލީހުގެ މެމްބަރުން ވަނީ ކުޅެފައެވެ. އެފްއޭއެމްގެ ޓީމުގެ ކެޕްޓަންކަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. އެ ޓީމުގައި ހިމެނުނު އިތުރު ކުޅުންތެރިންގެ ތެރެގައި ގައުމީ ޓީމު ކޮމިޓީގެ ޗެއާމަންކަން ކުރައްވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެފްއޭއެމްގެ އެކްސްކޯ މެމްބަރުންނާއި ކޯޗުންނާއި ކުރީގެ މަޝްހޫރު ކުޅުންތެރިން ހިމެނެއެވެ.

އެ މެޗުގައި އެފްއޭއެމްގެ ޓީމަށް ގޯލުތައް ޖަހައިދިނީ ނައިބު ރައީސް ފައިސަލް ނަސީމާއި މިނިސްޓަރު އަލީ ވަހީދު އަދި ޕީއެސްއެމްގެ ޒުވާން ކުޅިވަރު ނޫސްވެރިޔާ ރާއިފް ޔޫސުފްގެ އިތުރުން އޯރކާ މީޑިއާ ގްރޫޕުގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ. ނައިބު ރައީސް ފައިސަލްއާއި މިނިސްޓަރު އަލީ ވަނީ އެ މެޗުގައި ހެޓްރިކެއް ހަދައިފައެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި މަޖިލިސް މެންބަރުންނާއި އެފްއޭއެމް ބައްދަލުކުރި އެކުވެރިކަމުގެ މެޗްގެ ތެރެއިން :މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ/ ރައީސް އޮފީސް

މަޖިލިސް މެމްބަރުންގެ ޓީމުން ޖެހި ދެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ)އާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއެވެ.

ގައުމީ ޓީމު ކޮމެޓީގެ ޗެއާމަން އަލީ ވަހީދު ވިދާޅުވީ މި މެޗުގެ މަގްސަދަކީ ވޯލްޑްކަޕް ކޮލިފިކޭޝަނުގައި އަމިއްލަ ދަނޑުގައި ކުޅޭ ދެމެޗުގެ ފޯރިގަދަކުރުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މުޒާހަރާތަކުގައި ނެގި ފޯރި ދަނޑަށް ސަޕޯޓަރުން ވެއްދުމުގައިވެސް ގެންގުޅުއްވުމަށް އަލީ ވަހީދު ވަނީ އެދިވަޑައިގެންފައެވެ.

މެޗަށްފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ އެފްއޭއެމްއާއި ސަރުކާރުން މިކުރާ މަސައްކަތުގައި ދަނޑަށް ސަޕޯޓަރުން ވެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރައްވާނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި ފުޓުބޯޅައަކީ ދިވެހި ރައްޔިތުންގެ ހިތުގައި އެންމެ ލޯބި އޮތް ކުޅިވަރު ކަމަށާއި މި ކަމުގައި މުޅި ގައުމު އެކަތި ގަނޑަކަށް ވުމަށް ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި މަޖިލިސް މެންބަރުންނާއި އެފްއޭއެމް ބައްދަލުކުރި އެކުވެރިކަމުގެ މެޗްގެ ތެރެއިން :މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ/ ރައީސް އޮފީސް

އަންނަ މަހު ކުޅޭ ދެ މެޗުގެ ކުރިން ކޭމްޕް ކުރުމަށް ގައުމީ ޓީމުގެ ކުޅުންތެރިން މިވަގުތު ތިބީ މެލޭޝިޔާގައެވެ. ކުޅުންތެރިން އެނބުރި ގައުމަށް އަންނާނީ އަންނަ މަހުގެ ނުވަވަނަ ދުވަހުއެވެ. އެއަށްފަހު ގައުމީ ޓީމުން ގަލޮޅު ދަނޑުގައި ފިލިޕީންސްއާ ދެކޮޅަށް ނުކުންނާނީ އެ މަހުގެ 14 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން 19 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ގުއާމްއާއެވެ.

ކޮލިފިކޭޝަނުގައި ރާއްޖެއިން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަމިއްލަ ދަނޑުގައި ޗައިނާ އަތުން 5-0 އިން ބަލިވިއިރު ސީރިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ. ކޮލިފިކޭޝަނުގައި ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމް އަތުން 1-0 ގެ ނަތީޖާ އަކުންނެވެ.

comment ކޮމެންޓް