ލަންކާގައި މަރުގެ އަދަބު ދިނުން ޑިސެމްބަރަށް ފަސް ކުރަން ސުޕްރީމް ކޯޓުން އަންގައިފި

ލަންކާގައި މަރުގެ އަދަބު ދިނުމާ ދެކޮޅަށް ގިނަ އަދަދެއްގެ މީހުން ވަނީ އަޑު އުފުލާފަ -- ފޮޓޯ: ރޮއިޓާސް

ކޮލަމްބޯ (އޮކްޓޯބަރު 29): ސްރީލަންކާގައި މަރުގެ އަދަބު ދިނުން ޑިސެމްބަރު މަހަށް ފަސް ކުރަން އެގައުމުގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފި އެވެ.

ލަންކާގައި މަރުގެ އަދަބު ނުދޭތާ 43 އަހަރު ފަހުން އަނެއްކާ ވެސް އެހުކުމް ތަންފީޒު ކުރަން ފަށާނެ ކަމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. އަދި މިދިޔަ ޖޫން މަހު ރައީސް ވަނީ ހަތަރު މީހަކަށް މަރުގެ އަދަބު ދޭން ހުއްދަ ދެއްވާފަ އެވެ.

ނަމަވެސް އެގައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ މަރުގެ އަދަބު ދިނުމަކީ ގާނޫނު އަސާސީއާ ހިލާފު އަދަބެއް ކަމަށް ކަނޑައެޅުމަށް އެދި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ.

އޭގެ ސަބަބުން، އެމައްސަލަ ބަލާ ނިމެންދެން މަރުގެ ހުކުމް ތަންފީޒު ކުރުން މިމަހުގެ 30 އަށް ފަސް ކުރަން ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު އެންގި އެވެ. އަދި މިއަދު އެކޯޓުން ވަނީ އެމުއްދަތު ޑިސެމްބަރު 10 އަށް އިތުރު ކުރަން އަމުރުކޮށްފަ އެވެ.

ލަންކާގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16ގައި ކަމުންނާއި އެއިންތިހާބުގައި ސިރިސޭނާ ވާދަ ނުކުރައްވާތީ، އޭނާގެ ދައުރުގައި ދެން މަރުގެ ހުކުމް ތަންފީޒެއް ނުކުރެވޭނެ އެވެ.

ސިރިސޭނާ ވިދާޅުވި ގޮތުގައި މަރުގެ އަދަބު ދެނީ ލަންކާގައި ގަވާއިދާ ހިލާފު މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށްޓަކަ އެވެ. އަދި އެ ގައުމުގައި ތިބި 24،000 ގައިދީންގެ ތެރެއިން 60 ޕަސެންޓު މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގެ ސަބަބުން ހައްޔަރު ކޮށްފައިވާ މީހުންކަން ފާހަގަ ކުރައްވާފަ އެވެ.

comment ކޮމެންޓް