މޮޅު ކުޅުންތެރިއަކަށް ވީ މެސީއާ ދެމެދު އޮތް "ހެލްތީ ރައިވަލްރީ"ގެ ސަބަބުން: ރޮނާލްޑޯ

މެސީއާއި ރޮނާލްޑޯ މިފަހަރުގެ ފީފާ ބެސްޓް އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ// ބީބީސީ

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މޮޅު ކުޅުންތެރިއަކަށް ވީ އޭނައާ އެންމެ ވާދަވެރި ލިއޮނެލް މެސީއާ ދެމެދު އޮތް "ހެލްތީ ރައިވަލްރީ"ގެ ސަބަބުން ކަމަށް އޭނާ ބުނެފި އެވެ.

ރޮނާލްޑޯއާއި މެސީ އަކީ ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ ބޮޑު ރައިވަލްރީކަމީ އެންމެން ވެސް އިއްތިފާގުވާނެ ކަމެކެވެ. ދެ ކުޅުންތެރިން ވެސް ރެކޯޑް ފަސް ފަހަރަކަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އިރު ދެ ކުޅުންތެރިން ވެސް ވަނީ ފުޓުބޯޅައިގެ ބޮޑެތި ގިނަ ރެކޯޑްތަކެއް ހަދައިފަ އެވެ. ނަމަވެސް މި ދެ ކުޅުންތެރިން ފުޓުބޯޅައިން ހޯދި ކާމިޔާބީތައް ހޯދުމަށް އެންމެ ބޮޑަށް މޯޓިވޭޓް ވަނީ އިދިކޮޅު ކުޅުންތެރިޔާއާ ދެމެދު އޮންނަ ވާދަވެރިކަމެއްގެ ސަބަބުން ކަމަށް ދެކުޅުންތެރިން ވެސް އެއްބަސްވެ އެވެ.

ދެ ކުޅުންތެރިންގެ ވާދަވެރިކަން ކިތަންމެ ބޮޑު ނަމަވެސް މި ރައިވަލްރީގެ ހާއްސަ ކަމަކީ އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް ކުރާ ތައުރީފް އެވެ. މިފަހަރުގެ ފީފާ ބެސްޓް ޕްލޭޔާ މެސީ ހޯދި ނަމަވެސް އޭނާ ވޯޓު ލައިފައި ވަނީ ރޮނާލްޑޯ އަށެވެ. އެދުވަހުގެ ޖަލްސާގައި ދެ ކުޅުންތެރިން ވެސް ތިބީ ގާތް ގާތުގަ އެވެ. ގިނަ ވާހަކަތަކެއް ހިއްސާ ކުރި އެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ވާދަވެރިކަމުގެ ރީތިކަން ފެނި ގިނަ ބަޔަކު އެ ދެކުޅުންތެރިން ދެކެ ލޯބިވާ ސަބަބެވެ.

ރޮނާލްޑޯ ވަނީ މެސީއާ އެއް ލީގެއްގައި ނުވަ އަހަރު ކުޅެފަ އެވެ. އެ އަހަރުތަކުގެ ތެރޭގައި އޭނަގެ ފުޓުބޯޅަ ސްޓައިލްއަށް ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. އެހެން ނަމަވެސް އޭނާ ވަނީ އެ ނުވަ އަހަރު ތެރޭގައި ހަތަރު ޗެމްޕިއަންސް ލީގު ވެސް އޭނާ ކުޅުނު ރެއާލް މެޑްރިޑަށް ހޯދައިދީފަ އެވެ. ރޮނާލްޑޯ ބުނީ އެ ކާމިޔާބީތައް އޭނާއަށް ލިބުނީ މެސީއާ ދެމެދު އޮތް "ހެލްތީ ރައިވަލްރީ"ގެ ސަބަބުން ކަމަށެވެ.

"މެންޗެސްޓާ ޔުނައިޓެޑަށް ވުރެން ރެއާލްގަ އަހަރެންނަށް މޮޅަށް ކުޅެވުނީ. އޭރު އެންމެ ބޮޑަށް އެހީވެދިނީ އެންމެ ބޮޑު ވާދަވެރިޔާ މެސީ. އަހަރަމެން ދެ ކުޅުންތެރިންގެ ދެމެދުގައި އޮންނަ ވާދަވެރިކަމަކުން މިއަދު މި ހުރި ފެންވަރަށް ވާސިލް ވެވުނީ،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ، އޭނައާއި މެސީ އަކީ އެ ދެ ކުޅުންތެރިން ކުޅޭ ކުލަބުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށެވެ. އެކަމުގެ ސަބަބުން ވެސް ކުޅުމަށް ރަނގަޅު އަސަރެއް ކުރާ ކަމަށާއި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބުނެ ތައުރީފް ކުރުމުން އުފާވާ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

"ފުރަތަމަ ކަމަކަށް އެންމެ މުހިއްމުވީ އަހަރެންގެ ހުނަރު. އަހަރެން ގަބޫލު ކުރާ ގޮތުގައި ހުނަރު ނެތިއެއް ނުކުޅެވޭނެ. އެހެން ނަމަވެސް ހުނަރެއް ހުއްޓަކަސް ބުރަ މަސައްކަތަކާ ނުލައި އޭގެ ބޭނުމެއް ނުހިފޭނެ. އަހަރެން މި ހިސާބަށް އައުމުގައި އަހަރެން ކުރި ބުރަ މަސައްކަތް ފާހަގަ ވާނެ." ރޮނާލްޑޯ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، މިހާތަށް 700 ޕްރޮފެޝަނަލް ގޯލު ޖެހި އިރު އެންމެ ހިތްހަމަ ޖެހުނު ގޯލަކީ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ކޮޅަށް ޖެހި އޯވާހެޑް ގޯލު ކަމަށެވެ.

"އަހަރެންނަށް އެ ގޯލު ހާއްސަވާ ސަބަބަކީ އެ ގޯލަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޖެހޭތޯ މަސައްކަތް ކުރި ގޯލަކަށް ވާތީ." ރޮނާލްޑޯ ބުންޏެވެ.

comment ކޮމެންޓް