ނަހުލާގެ "ހުވާ"ގެ ދެވަނަ ސީޒަންގެ ޝޫޓިން މިއަދު!

"ހުވާ"ގެ ޕޯސްޓަރެއް----

ފާތިމަތު ނަހުލާ (ނަހޫ)ގެ ކާމިޔާބު ވެބް ސީރީޒް ހުވާގެ ދެވަނަ ސީޒަންގެ ޝޫޓިން މިއަދު ފެށުމަށް ހަމަޖެހިއްޖެ އެވެ.

ނަހޫ ބުނީ މިއަދު ޝޫޓިން ފެށުމަށް ނިންމާފައިވާކަމަށާއި ޝޫޓިން އަށް "ލުކް ފޯވާޑް" ކުރާ ކަމަށެވެ. ދިވެހި ފިލްމީ ދުނިޔެއަށް މުޅިން އަލަށް ތައާރަފްކުރި ފުރަތަމަ ދިވެހި ވެބް ސީރީޒް "ހުވާ"ގެ ފުރަތަމަ ސީޒަން ކާމިޔާބު ކަމާއެކު ނިންމާލާ ކުޑަދުވަސްކޮޅެއް ތެރޭ ދެވަނަ ސީޒަންގެ ޝޫޓިން މިއަދު ފަށާއިރު އެ ދެވަނަ ސީޒަން ދައްކާނީ އަންނަ އަހަރުގެ ކުރީކޮޅުގަ އެވެ.

ޝޫޓިން މިއަދު ފަށާއިރު އެ ސީރީޒްގެ ޝޫޓިން ފެށުމަށް ކާސްޓުން ކެތްމަދުވެފައި ހުރި މަންޒަރު ފޭސްބުކް ސްޓޭޓަސްތަކުން ފެނިގެންދިޔަ އެވެ. ސީރީޒްގެ އެއް ލީޑް މަރިޔަމް އައްޒަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ސްކްރިޕްޓް ކިޔަމުންދިޔައިރު ވެސް އޭނާ ކޮސްވެ އަންތަރީސްވެފައިވާ ކަމަށެވެ.

"ހުވާ"ގެ މަންޒަރެއް....

އައްޒަ ބުނީ ސީރީޒް ޓްވިސްޓްތަކަކާ ސަސްޕެންސްތައް ގަބޫލުކުރަން ވެސް ދަތިކަމަށެވެ. އަދި ފުރަތަމަ ސީޒަން އެކޭ އެއްގޮތަކަށް ސީޒަން ދޭއްވެސް ކާމިޔާބުވާނެ ކަމަށެވެ. އައްޒަ ހުވާގައި ކުޅެނީ މިންހާގެ ރޯލެވެ. އެ ރޯލަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފަ އެވެ.

ހުވާގެ އަންހެން ލީޑް އާމިނަތު ރިޝްފާ ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނީ އެ ސީރީޒްގައި ނިކަމެތި ގޮތެއްވާން ވެސް ހަމަ ރެޑީކަމަށެވެ.

"އުފާވެރި ދިރިއުޅުމަށް ކުރި ކުޑަކުޑަ އުއްމީދު ތި އަނދިރިކަމުން ސަލާމަތްކުރަން އުޅެއުޅެ ގޮތްހުސްވެއްޖެ. އަހަރެންގެ މާޒީގައި ކުރެވުނު ކުށެއް ވަލު ޖަނަވާރެއް ޝިކާރަ ފަހާދުވާހެން އަހަރެންގެ ފަހަތުން، ކިތަންމެ ނިކަމެތިގޮތެއް ވާންވެސް ހަމަ ރެޑީ. ތިބާ އަށް ހަމައެކަނި ފެންނާނީ އަހަރެންގެ ހިނިތުންވުން، އަހަރެންގެ ރުއިމެއް ނުފެންނާނެ،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ. ރިޝްފާ ހުވާގައި ފެނިގެންދަނީ ޝައުނާގެ ރޯލުންނެވެ. އެ ރޯލަކީ ރިޝްފާ އަށް އެންމެ ގުޅޭ އެއް ރޯލެވެ.

"ހުވާ"ގެ މަންޒަރެއް....

ކޮންމެއަކަސް މާދަމާ ފަށާ ހުވާ ސީރީޒްގެ ދެވަނަ ސީޒަންގެ ޝޫޓިން އާ އެކު ބެލުންތެރިން އުފަލުން ހެއްވާލާނެ އެވެ. ބެލުންތެރިން ކުރަމުންދާ އިންތިޒާރުގެ ނިމުމަކާ ގާތްވަނީ އެވެ.

ހުވާ ސީޒަން ދޭއްގައި އިތުރު ކާސްޓުންތަކެއް ވެސް ފެނިގެންދާނެ އެވެ.

"ފުރަތަމަ ސީޒަނަށް ވުރެ ދެވަނަ ސީޒަން މާ ފުރިހަމަވާނެ. ވާހަކަ ވަރަށް އިންޓްރަސްޓިން. ހަފްތާ އަކު ދެ ދުވަހު ގެނެސްދޭނެ،"

"ހުވާ" އަކީ ގިނަ ހަރަދުތަކެއް ކޮށްގެން އުފެއްދި ދިވެހި ވެބް ސީރީޒްއެކެވެ. އެ ސީރީޒްގެ ސެޓަށް ވެސް ހަތަރު މިލިއަން ރުފިޔާ ހޭދަވި އެވެ.

"ހުވާ" އަކީ 40 އަށް ވުރެ ގިނަ އެކްޓަރުން ބައިވެރިކޮށްގެން ހެދި ވެބްސީރީޒެކެވެ.

comment ކޮމެންޓް