ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ދެނެގަތުމަށްފަހު ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން ތަހުގީގު ނުކުރާ ކަމަށް ލޭބަ ރިލޭޝަންސް އޮތޯރިޓީން ބުނެފި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ލޭބަ ރިލޭޝަންސް އޮތޯރިޓީގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސާ އަލީ ޝަރީފް ވިދާޅުވީ، ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ލިބިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލޭގެ ތިންތަނެއް އެ އޮތޯރިޓީން ބަލާފައިވާނެ ކަމަށެވެ.
އެ މައްސަލަ ޑިފެންސް މިނިސްޓްރީ، ހޯމް މިނިސްޓްރީ، އެފްޑީއޭ އަދި އިމިގްރޭޝަނުގެ ސަމާލުކަމަށް ގެނައުމަށް ސިޓީއެއް ފޮނުވި ކަމަށެވެ. ނަމަވެސް އެ މައްސަލަތައް ނުބަލާ ބަހައްޓާފައި ވަނިކޮށް، އެތަނާ އިންވެގެން އޮންނަ ހަނި ގޯޅިގަނޑުގެ ތެރޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކަން ޑިފެންސްގެ ސަމާލު ކަމަށް ގެނައީ، ކުދިކުދި ތަންތަންކޮޅުގައި ބޮޑެތި ގޭސްފުޅިތައް ބަހައްޓައިގެން (ބަދިގެއެއް ނޫން) ކުދިކުދި ގޮޅިތަކުގައި ކައްކައިގެން ބަތްޕާރުސަލް ހަދައިގެން ވިޔަފާރި މި ކުރަނީ. އެތާ ކިއްލި ހަދަނީ ނިދާ އެނދުމަތީގައި. އެ ކިއްލިތަކަކީ ހަމަ ފިހާރަތަކުގައި ވެސް ހުންނާނެ ކިއްލިތައް. ދެން އަބަދުވެސް މި ދައްކަނީ މީހުން ބަލިވާ ވާހަކަ... އަދިވެސް އެތަންތަން އެހެރީ އެގޮތަށް. އެހެންވެ މި ބުނަނީ މުއައްސަސާތަކުން އެއްބާރުލުމެއް ނުދެޔޭ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރެއް ނޯންނަ ކަމަށާއި އެކަން ކުރަނީ ފުލުހުން ކަމަށެވެ.
މިފަހުން މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއަކީ މިދިޔަ މަހު ހެންވޭރު އަބަދަށްފެހިމަގުގައި ހުރި ގުދަނެއްގައި ހިނގި ހާދިސާ އެވެ. އެ ހާދިސާގައި ހަ ގެއެއް އަނދައި، އެކަކު ވަނީ މަރުވެފަ އެވެ. އެނދި ތަންތަނުގެ ތެރޭގައި ގިނައީ ބިދޭސީން ދިރިއުޅެމުން ދިޔަ ތަންތަނެވެ.