ގްރޭޓާ މާލެ ސަރައްޙައްދުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މައުލޫމާތު އަޕްޑޭޓްކުރުމަށް, ރޯދަމަހަށް ޚާއްސަކޮށް ކަލާފާނު ސްކޫލާއި ހުޅުމާލެ ރެހެންދި ސްކޫލްގައި އިތުރު ޑެސްކުތަކެއް ހޯމް މިނިސްޓްރީން މިއަދު ބަހައްޓައިފިއެވެ.
ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާގެ ގޮތުގައި ނަގަނީ ފޮޓޯއާއި ފިންގަޕްރިންޓެވެ.
މިހާރު ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ އަޕްޑޭޓްކުރުމަށް ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި ޖޮއިންޓް އޮޕަރޭޝަން ސެންޓަރަކާއި، ނޯތު ހާބަރުގައި އިތުރު ޑެސްކެއް ވެސް ވަނީ ގާއިމުކޮށްފައެވެ.
އެއާއެކު ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އެ ދެ ތަނުގެ އިތުރުން ކަލާފާނު ސްކޫލް ހޯލާއި ރެހެންދި ސްކޫލް ހޯލުގައި ވެސް އިތުރު ޑެސްކެއް ހަމަޖައްސާފައިވާނެ ކަމަށެވެ. އެގޮތުން އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 21:30 އިން 23:30އަށް ބައޯމެޓްރިކް ނެގުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރެހެންދި ސްކޫލުގައި ބައޯމެޓްރިކް ނެގުން 00:30އާ ހަމައަށް ކުރިއަށްގެންދާނެއެވެ.
މި ދެ ޑެސްކު ވެސް ބަހައްޓަނީ ޝައްވާލް މަހުގެ ހަތް ދުވަހާ ހަމައަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު ކ. ހިންމަފުށީގައެވެ. އެ ހަރަކާތުގެ ތެރެއިން، ބިދޭސީން ވަޒީފާ އަދާކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ޔަގީން ކުރެއެވެ.
މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީ ވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.
ރާއްޖޭގައި އެންމެ ފަހުން ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި، ގައުމުގެ އާބާދީ ފަސް ލައްކައަށް އަރާއިރު އޭގެ ތެރޭގައި 132,371 ބިދޭސީން ހިމެނެއެވެ.