މާލޭގެ ގެއެއް ބަލައިފާސްކޮށް، އެ ތަނުގައި ނުގަވައިދުން އުޅެމުންދިޔަ 32 ބިދޭސީއެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ މިއީ ފެބްރުއަރީ މަހު އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ބަލައިފާސްކުރީ މއ. ހިތިލާގެ-2 އެވެ.
އެ އިދާރާއިން ބުނީ އެ ގެއިން އާންމުކޮށް ގަނޑުކުރި މަހާއި ތަރުކާރީއާއި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ މަންޒަރު އަބަދު ވެސް ފެންނަ ކަމަށެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ވެސް އެ އިމާރާތަށް ގެންދާ ކަމަށާއި މެންދުރު ކާ ގަޑިއަށް ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވަކުރަން އެ އިމާރާތުން ގިނަ އަދަދެއްގެ މީހުން ނިކުންނަ މަންޒަރާއި ޑެލިވަރީކުރަން ގެންގުޅޭ ސައިކަލުތައް އިމާރާތުގެ ކައިރީގައި ހުންނަ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

މއ. ހިތިލާގެ-2 އިން ފެނުނު ގަނޑުކުރި މަހާއި ތަރުކާރީއާއި އެހެނިހެން ކާނާގެ ބާވަތްތައް -- ފޮޓޯ: އިމިގްރޭޝަން
އަދި މިއީ ގިނަ އަދަދަކަށް އެއްފަހަރާ ކެއްކުމުގެ އިތުރުން، ގިނަ އަދަދެއްގެ ބިދޭސީންގެ ހުރުމުގެ އިންތިޒާމް ހަމަޖައްސާފައި ހުންނަ ތަނެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ ގެއަކީ އާދައިގެ ގޮތަކަށް ޑެގު އަޅައިގެން ހަދާފައިވާ ހަތަރު ބުރީގެ ބާ އިމާރާތެކެވެ.
އިމިގްރޭޝަނުން ބުނީ، އެ ތަނުގައި ދިރިއުޅެމުންދިޔަ 77 ބިދޭސީއެއްގެ ލިޔެކިޔުން ޓާސްކްފޯހުން ހިންގި އޮޕަރޭޝަނުގައި ޗެކުކުރި ކަމަށެވެ. އަދި މީގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް ފަރާތްތަކާއި، ވަޒީފާ ދިން ފަރާތްތަކަށް ފިލައިގެން އުޅޭ މީހުން ހިމެނޭހެން 32 ބިދޭސީއެއްވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެންމެ ފަހުގެ ބޯހިމެނުމުގެ އަދަދުތަކަށް ބަލާއިރު، ދިވެހީންގެ އާބާދީއަކީ 382،751 މީހުންނެވެ. ބާކީ 132،371 މީހުންނަކީ ބިދޭސީންނެވެ. އެ ގޮތުން ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ހުރީ ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއެއްގެ މަގުންނެވެ.
ދެހާސް ތޭވީސް ވަނަ އަހަރު ވެރިކަމަށް އައި މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ. އެހެންވެ، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.