ދައުލަތުގެ ފައިސާގައި ޖެހިފައެއް ނޯންނާނެ، ސިޔާސީ ކުޅި ކުޅުވަން ނޫޅޭ: ހުސައިން

ހުސައިން ވަހީދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިރު ދެއްވި އިންޓަވިއުއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ އެއްވެސް ފައިސާއެއްގައި ޖެހިފައި ނުވާނެ ކަމަށް ވިދާޅުވެ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ތަކުރާރުކޮށް ނެންގެވިކަމަށް ކުރަމުންދާ ތުހުމަތުތައް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ދޮގުކުރައްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހާރުގެ ސީޕީ މުހައްމަދު ހަމީދު ވަނީ އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުން ފުލުހުންގެ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސްއަކާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރަކު ފައިސާ ނެންގެވި ކަމަށް ވިދާޅުވެފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމިޝަނާ އޮފް ޕޮލިސްކަން ކުރެއްވީ ހުސައިން ވަހީދާއި، އަހްމަދު އަރީފެވެ. އެކްޓިންގް ކޮމިޝަނަރެއްގެ ގޮތުގައި އަބްދުﷲ ނަވާޒްވެސް ހުންނެވިއެވެ.

ނަމަވެސް ކޮމިޝަނަރު ހަމީދު ވިދާޅުވި ކުރީގެ ފުލުސް ކޮމިޝަނަރަކީ ހުސައިން ވަހީދުކަމަށް ބުނެ މީޑިއާގައި މިއަދު ޚަބަރު ފެތުރުމާއެކު، އޭނާ މިއަދު ވަނީ ފޭސްބުކްގައި އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

"ލިޔަން ބޭނުން މީހަކު ލިޔާނެ އެއްޗެއް، ލިޔަން ބޭނުން ގޮތަކަށް ލިޔުމާއި ބުނުމުގެ މިނިވަންކަމުގެ ނަމުގައި ލިޔުއްވާ... ކިޔާނެ އިތުރު ވާހަކައެއް ނެތިއްޔާ އެމްޑީއެން ބޭންކުރާ ވާހަކަ ލިޔުނިއްޔާ ރައްޔިތުން މާ އުފާވާނެ،" ހުސައިން ވިދާޅުވިއެވެ.

ތުހުމަތުތައް ދޮގުކުރައްވަމުން ހުސައިން ވިދާޅުވެފައިވަނީ ދައުލަތުގެ ފައިސާއެއްގައި ޖެހިވަޑައިގެންފައި ނޯންނާނެ ކަމަށެވެ. އަދި މިހާތަނަށް އޭނާ އުޅުއްވީ އިސް އުފުލައިގެން ކަމަށާއި ދެންވެސް އުޅުއްވާނީ އެފަދައިންކަމަށް ވިދާޅުވިއެވެ.

އެއާއެކު އޭނާ ލައްވައި "ސިޔާސީ ކުޅި ކުޅުވަން" ނޫޅުމަށް ވެސް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ ދެމިހުންނާނީ މާތްﷲ ގަންދީކުރި ހުވާ މަތީގައި ކަމަށެވެ.

ހުސައިން ވަހީދަށް ރައީސް ޔާމީން ފުލުސް ކޮމިޝަނާކަން ދެއްވީ ޑެޕިއުޓީ ފުލުސް ކޮމިޝަނާކަމުގެ މަގާމުގައި ހުންނަވަނިކޮށް، ނޮވެމްބަރު 2013 ގައެވެ.

ދެހާސް ފަނަރަވަނަ އަހަރު ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާއަށްފަހު، ފުލުހުންގެ އިސް ބައެއް ވެރިންގެ މަގާމުތަކަށް ގެނައި ބަދަލުތަކެއްގެ ތެރެއިން ކޮމިޝަނަރުކަމުން ހުސައިން ވަކިކޮށް، އޭނާއަށް ސިޔާސީ މަގާމެއް ސަރުކާރުން ދެއްވިއެވެ. އެއީ ހައުސިންގް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމެވެ. އަދި 2018 ވަނަ އަހަރުގެ ތެރޭގައި ހުސައިން ޔޫތު މިނިސްޓްރީއަށްވެސް ބަދަލުކުރެއްވިއެވެ.

އެމްއެމްޕީއާރުސީގެ ހިިޔާނާތުގެ މައްސަލައިގައި ފުލުހުންގެ އިސްފަރާތްތަކަކާއި އެހެން ވެސް ބައެއް ފުލުހުންގެ ބައިވެރިވުންވެސް އޮތް ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން އަންނަނީ ބަލަމުންނެވެ.

އަދި އެ ހިޔާނާތުގެ ފައިސާ ނެގި ކުރީގެ އަދި މިހާރުގެ ފުލުހުން ހިމެނޭ ގޮތަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާނެ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން އާންމުކުރި މައުލޫމަތުތަކުން އެނގޭ ގޮތުގައި 200 އަށްވުރެ ގިނަ މީހުންނަށް ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވެއެވެ. އޭގެ ތެރެއިން އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެމްބަރަކާއި މިހާރު ހިނގަމުންދާ ނަވާރަ ވަނަ މަޖިލީހުން 16 މެމްބަރަކު ހިމެނެއެވެ. އޭގެ އިތުރުން މި ސަރުކާރުގައި ހިމެނޭ ހަތް އިސް ބޭފުޅަކަށްވެސް ތުހުމަތުކުރެވެއެވެ.

comment ކޮމެންޓް