ރިޒޭގެ ފަހަތުން ސެންޓޭ ވެސް ކުށް ގަބޫލުކޮށް މާފަށް އެދެފި

ޖުލައި 14، 2019: 10 ވަނަ އައިއޯއައިޖީ ގޭމްސްއަށް ރާއްޖެއިން ފޮނުވާ ކުޅުންތެރިންނާ ބައްދަލުކުރަން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޯލްޑްކަޕު ކޮލިފައިންގައި ގުއާމާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ޕްރެކްޓިހަށް ހާޒިރު ނުވުމާއި ލަންކާގައި ކުރި ކޭމްޕަށް އެއްވެސް މަގުބޫލު އުޒުރަކާ އެކު ނުދިޔުމުން ޖޫރިމަނާއަކާ އެކު ގައުމީ ޓީމުން ވަކިކޮށްފައިވާ އީގަލްސްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ވެސް އެކަމަށް މާފަށް އެދިއްޖެ އެވެ.

ވޭތުވެ ދިޔަ ފަސް ވަރަކަށް އަހަރު ތެރޭ ރާއްޖޭގެ ގައުމީ ޓީމުގައި ގަވާއިދުން ހިމެނި މުހިއްމު ގިނަ ގޯލުތަކެއް ވެސް ޖަހައިދީފައިވާ ސެންޓޭ ގައުމީ ޓީމުން ވަކިކުރި އިރު އޭނައާއި އެއްކުލަބަކަށް ކުޅެމުން އަންނަ އަހުމަދު ރިޒުވާން (ރިޒޭ) ވެސް ވަނީ ހަމަ އެއްސަބަބަކަށް ޓަކައި ޓީމުން ވަކި ކޮށްފަ އެވެ.

ރިޒޭ އަދި ސެންޓޭ ---

އަދި މި ދެކުޅުންތެރިންގެ މައްސަލަ އެފްްއޭއެމުން ބެލުމަށް ފަހު ދެ ކުޅުންތެރިންގެ ޖޫރިމަނާއަށް 50،000 ރުފިޔާ ދެއްކުމަށް ވަނީ އަންގައިފަ އެވެ. އަދި އެ ފައިސާ ދެއްކުމުން ނޫނީ އެއްވެސް މެޗެއް ނުކުޅެވޭނެ ކަމަށް އެފްއޭއެމުން އަންގާފައިވާތީ އީގަލްސްއިން ވަނީ އެ ފައިސާ އެފްއޭއެމަށް ދައްކައި ޙަލާސް ކޮށްފަ އެވެ.

އޭގެ ފަހުން ގައުމީ ޓީމުން ދެ މެޗެއް ކުޅުނު އިރު ރިޒޭއާއި ސެންޓޭ ސްކޮޑުގައި ހިމަނާފައެއް ނުވެ އެވެ. ނަމަވެސް އެ ދެ ކުޅުންތެރިން އަންނަނީ ގައުމީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ރިޒޭ ވަނީ އެންމެ ފަހުން އެ ޓީމު ދަ ގްރާންޑޭއާ ކުޅުނު މެޗުގައި ހެޓްރިކް ހަދައިފަ އެވެ. ގައުމީ ޓީމުގައި ދެ ކުޅުންތެރިން ނުހިމެނުނު ނަމަވެސް އެކަމުގެ ސަބަބުން ޓީމުގެ ކުޅުމަށް މާ ބޮޑު އަސަރެއް ނާންނަ ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ރިޒޭ ވަނީ އަމިއްލަ އަށް އިސްނަގައިގެން މިދިޔަ އާދީއްތަ ދުވަހު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި އޭނާ ކުރި ކުށް ގަބޫލުކޮށް އެފްއޭއެމްއާއި ކޯޗުގެ ކިބައިން އެކަމަށް މާފަށް އެދިފަ އެވެ.

ރިޒޭ ކެރި ހުރެގެން ކުރި އެ ޕޯސްޓާ އެކު ސެންޓޭ ވެސް ރޭގެ ވަގުތެއްގައި ވަނީ މާފަށް އެދި ޕޯސްޓެއް ކޮށްފަ އެވެ. ރާއްޖޭގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި ސެންޓޭ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ގައުމީ ޓީމަށް ފުރަގަސްދެވުމަކީ ހެދުނު ގޯހެއް ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށެވެ.

"ކުރެވުނު ކަންތައް ރަނގަޅެއް ނޫން. އެކަމަށް ޒިންމާ ނަގަން. އެކަމަށް ޓަކައި ޓީމާއި ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އަދި އާންމު އެންމެންގެ ކިބައިން މައާފަށް އެދެން. އުއްމީދަކީ އެންމެން އަހަންނަށް މައާފް ދިނުން. ގައުމީ ޓީމުން ފުރުސަތު ދީފިނަމަ ތައްޔާރަށް އެބަ ހުރިން،" ސެންޓޭ ލިޔެފައިވެ އެވެ.

"ކުރެވުނު ކަންތަކާ މެދު ހިތާމަކުރަން. އެއީ އެއްވެސް އިރަކު އަހަރެން ކޮށްގެންވާނެ ކަމެއް ނޫން. އެ ކަމަށްޓަކައި ގައުމީ ޓީމާއި އެފްއޭއެމް އަދި އެންމެހާ ސަޕޯޓަރުންގެ ފަރާތުން ވެސް މާފަށް އެދެން. އުއްމީދުކުރަނީ އަހަންނަށް މާފު ދިނުމަށް ފަހު އަލުން ޓީމަށް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް." ސެންޓޭ އޭނާގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ގައުމީ ޓީމަށް އެނބުރި އަންނަން ބޭނުންވާކަން ރިޒޭއާއި ސެންޓޭ ބުނެފައިވާއިރު ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު 14 ވަނަ ދުވަހު ފިލިޕީންސާ ގައުމީ ޓީމު ބައްދަލުކުރާނެ އެވެ. އޭގެ ފަހުން 19 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ގުއާމްއާ އެވެ.

މީގެ ކުރިން ގައުމީ ޓީމުގެ ޕްރެހަކަށް ހާޒިރު ނުވުމުން އަލީ އަޝްފާގު (ދަގަނޑޭ) ވެސް ވަނީ ގައުމީ ޓީމުން ވަކިކޮށްފަ އެވެ. އޭނާ އަނބުރާ ޓީމަށް ނެގީ ކޯޗުގެ ކިބައިން އެކަމަށް މާފަށް އެދުމުންނެވެ.

comment ކޮމެންޓް