ނެގި ރުއްގަހުގެ ބަދަލުގައި 8602 ރުއްގަސް އިންދައިފި: އީޕީއޭ

ރާއްޖޭ ރަށަކުން ރުއްތަކެއް އުފުރައިގެން ބާޖަކަށް އަރުވަނީ --

ރަށްރަށުން ނަގައިގެން ގެންގޮސްފައިވާ ރުއްގަހުގެ ބަދަލުގައި، 8602 ރުއްގަސް އިންދާފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހާމަކޮށްފި އެވެ.

ފަޅުތައް ހިއްކައިގެން ހަދަމުންދާ ރިސޯޓުތައް ފެހި ކުރަން އަމިއްލަ ކުންފުނިތަކުން ރަށްރަށުގެ ރުއްގަސް އަދިވެސްް ނަގައެވެ. ގާނޫނާ އެއްގޮތަށް ރުއްގަސް ނެގޭނީ އީޕީއޭގެ ހުއްދަ ހޯދައިގެންނެވެ. އެގޮތަށް ނަގާ ކޮންމެ ގަހަކަށް ބަަދަލުގެ ގޮތުގައި ދެ ގަސް އިންދަން ޖެހޭނެ ކަމަށް ރުއްގަސް އުފުރުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުމާ ބެހޭ ގަވައިދުގައިވެ އެވެ.

އީޕީއޭއިން މިއަދު ބުނީ މި އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން މިއަދާ ހަމައަށް ރަށްރަށުން 2706 ރުއްގަސް ނެގިކަން ރެކޯޑު ކުރެވިފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބަދަލުގައި އިންދި ރުއްގަހުގެ އަދަދަކީ 8602 ކަމަށް އެ އެޖެންސީއިން ބުންޏެވެ. އިންދި ރުއްގަހުގެ ތެރޭގައި މީގެ ކުރީ އަހަރުތަކުގައި، ނެގި ރުއްގަހުގެ ބަދަލުގައި އިންދާފައިވާ ރުކާއި ގަސް ހިމެނޭ ކަމަށް އީޕީއިން ބުންޏެވެ.

އީޕީއޭއިން ބުނީ މި އަހަރުގެ މިހާތަނަށް 19 ރަށަކުން ރުއްގަސް ނެގުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެ ރަށްތަތަކީ، ށ. ނަރުދޫ، އއ. ތޮއްޑޫ، ރ. ރަސްމާދޫ، ރ. ވާދޫ، އއ. މަތިވެރި، ލ. ގަން، ރ. ރަސްގެތީމު، ލ. ހިތަދޫ، ހއ. މޮޅަދޫ، ރ. އަނގޮޅިތީމު، ލ. ކުނަހަންދޫ، ހއ. ބާރަށް، ނ. މަގޫދޫ، ނ. މަނަދޫ، ފ.މަގޫދޫ، ށ. ފޯކައިދޫ، ށ. ގޮއިދޫ، ނ. ޅޮހި، މ. ވޭވަށް މިއެވެ.

ރަށަކުން ރުއްތަކެއް ބޭރުކުރުމަށް ޖަމާކޮށްފައި--ފޮޓޯ: މީސް މީޑިއާ

މި އަހަރުގެ ތެރޭގައި ރުއްގަސް އިންދާފައި ވަނީ ފަސް ރަށެއްގައެވެ. ޅ. މަޑިވަރު، ލ. ކުނަހަންދޫ، ނ. މަނަދޫ، ނ. މަގޫދޫ، އަދި ރ. ވާދޫ ގައެވެ. އޭގެ ތެރޭގައި މީގެ ކުރީ އަހަރުގައި ރުއްގަސް ނަގާފައިވާ ރައްތައް ހިމެނެއެވެ.

އޭގެ އިތުރުން، ގދ. ވާދޫ އާއި ތ. މަޑިފުށިން ނެގި ރުއްގަސް ހަމަ އެ ރަށުގައި އިންދާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ. އެ ދެ ރަށުގެ އެހެން ތަންތަނުގައި އިންދީ ޖުމްލަ 90 ރުކެވެ.

ރުއްގަސް ނެގުމުގެ ގަވައިދުގައިވާ ގޮތުގެ މަތިން ރުއްގަސް ނަގާ ފަރާތްތަކުން، ބަދަލުގައި ރުއްގަސް އިންދާތޯ އީޕީއޭއިން ބަލަމުން ނުދާ ކަމަށް ބުނެ ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ މީހުން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްްފައެވެ. އެކަމަކު، މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީޕީއޭއިން ބުނީ ރަށު ކައުންސިލުތަކާއި ފުލުހުންގެ އެހީތެރިކަމާ އެކު، ބަދަލުގައި ރުއްގަސް އިންދާތޯ އެ އެޖެންސީއިން ބަލާ ކަމަށެވެ.

comment ކޮމެންޓް