އުނގަންނައި ދިނުމުގައި ޓެކުނޮލޮޖީ ބޭނުންކުރަންވީ ކީއްވެ؟

ރައީސް ސޯލިހު ކިޔަވާ ކުދިބަޔަކާ ވާހަކަ ދައްކަވާލައްވަނީ -- ސަން ފައިލް ފޮޓޯ

އުނގަންނައިދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ހެއްޔެވެ؟ ޓެކުނޮލޮޖީ ބޭނުންނުކޮށް ކިޔަވައި ނުދެވޭނީ ހެއްޔެވެ؟ އެކި ޒާތުގެ ޓެކުނޮލޮޖީ ކިލާހުގައި ބޭނުންކުރުމުން ދަރިވަރުންގެ އުނގެނުމަށް ލިބޭ ވަކި ކުރިއެރުމެއް އޮވޭ ހެއްޔެވެ؟ މިސުވާލުތަކަކީ މުދައްރިސުންނާއި އުނގަންނައިދިނުމުގައި ހަރަކާތްތެރިވާ އެހެން މީހުންވެސް ކުރަން އެކަށޭނަ، ރަނގަޅު ސުވާލުތަކެކެވެ. އެހެނީ، އުނގެނުމާއި އުނގަންނައިދިނުމަކީ ދުނިޔެއަށް އަލަށް ތައާރަފުވި ކަމެއްނޫނެވެ. އަދި ކީއްހެއްޔެވެ؟ ޓެކުނޮލޮޖީއާ ރައްޓެހި އުނގެނުމުގެ އުކުޅުތައް ބޭނުންކުރުމުގެ ވާހަކަ އަކީ 1990ގެ އަހަރުތަކުގެ މެދަކާހިސާބަށް އައި އިރުވެސް އަޑުބާރުކޮށް ދެކެވުނު ވާހަކައެއް ނޫނެވެ.

ޒަމާނުއްސުރެ އުނގެނުމާއި އުނގަންނައިދިނުން މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ކަނޑައެޅޭ ވަކިތަނަކަށް ދަރިވަރުންނާއި މުދައްރިސް ހާޒިރުވެ، މުދައްރިސްގެ އިލްމާއި ހުނަރު ދަރިވަރުންނަށް ނަގުލުކުރުމުގެ މައްޗަށެވެ. މީގެ މާނައަކީ ދަރިވަރާއި މުދައްރިސް ސީދާކޮށް ބައްދަލުވުމެވެ. އުނގެނުމާ ގުޅިގެން ދަރިވަރާއި މުދައްރިސްގެ މުއާމަލާތްތައް އިތުރު ވަސީލަތެއް މެދުވެރިނުކޮށް ސީދާކޮށް ކުރެވުމެވެ. އެހެނަސް ޓެކުނޮލޮޖީގެ ރޮނގުން ދުނިޔެއަށް އައި އިންގިލާބީ އޮއިވަރުގައި، ޚާއްސަކޮށް މައުލޫމާތު ހޯދައި ލިބިގަތުމާއި މުވާސަލާތު ކުރުމަށް ބޭނުންކުރާ ވަސީލަތްތަކަށް އައި ކުރިއެރުންތަކާ އެކު ދިރިއުޅުމުގެ ގިނަކަންކަން، ގިނަ ބަޔަކު ކުރިން ތަސައްވުރު ނުކުރާ މިންވަރަށް ބަދަލު ވެއްޖެ އެވެ. ދިރިއުޅުމުގެ ބޭނުންތައް ތަފާތު ވެއްޖެ އެވެ. ކަންކަން އުނގެނި ދަސްކުރުމުގެ ގޮތްތަކާއި ވައްޓަފާޅި ވެސް ބަދަލުވެއްޖެ އެވެ. އެއާ އެކު އުނގަންނައިދިނުމުގައި ޓެކުނޮލޮޖީ ބޭނުންކުރުމަށް ވަކާލާތުކޮށް ކުރެވޭ އިލްމީ ބަހުސްތައް ގިނަވެއްޖެ އެވެ.

އުނގަންނައިދިނުމުގައި ޓެކުނޮލޮޖީ ބޭނުންކުރުމުން ލިބޭ ފައިދާތަކެއް ފާހަގަ ކުރެވިފައިވެ އެވެ. އެއްކަމަކީ ފިލާވަޅުގައި ދަރިވަރުން އަމަލީ ގޮތުން ބައިވެރިވާ މިންވަރު އިތުރުވުމެވެ. އެހެނީ ޓެކުނޮލޮޖީގެ ވަސީލަތްތައް ރަނގަޅަށް ބޭނުންކުރެވޭ ކިލާސްތަކުގައި އުނގެނުމުގެ ގިނަ ހަރަކާތްތައް ކުޅިވަރުގެ ތެރެއިން ގެންދެވެ އެވެ. މަޖާ ހަރަކާތެއްގައި ބައިވެރިވުމުގެ ތެރެއިން ދަރިވަރުންގެ ޝައުއުގުވެރިކަން އިތުރުވެ ކިލާހުގައި ހަރަކާތްތެރިކަން ބޮޑުވެ އެވެ. ފިކުރީ ގޮތުންނާއި ޖިސްމާނީގޮތުން ފިލާވަޅުގެ ތެރެއަށް ދަރިވަރުންނަށް ވަދެވޭ މިންވަރު އިތުރުވެ އެވެ. ނަތީޖާއަކީ ފިލާވަޅުން އުނގަންނައިދޭން ބޭނުންވާ މައުލޫމާތު، ޝައުގުވެރި އައުގޮތަކަށް ދަރިވަރުންނަށް ފޯރުކޮށްދެވުމެވެ. އަދި އުނގެނޭ މައުލޫމާތު ދަރިވަރުންނަށް ރަނގަޅަށް ފަހުމުވުމާ އެކު، ގިނަ ދުވަހަށް ހަނދާނުގައި ހަރުލާފައި ހުރުމެވެ. އެހެނީ އަމަލީ ގޮތުން ކުރާކަންކަމުން ދަސްވާ ތަކެތި ގިނަ ދުވަހު ހަނދާނުގައި ހަރުލާފައި ހުންނަކަމަށް ފަންނީ މާހިރުން ފާހަގަކުރެ އެވެ.

އަނެއް ކަމަކީ އުނގެނުމުގައި ތަފާތު ގޮތްތައް ބޭނުންކުރާ ދަރިވަރުންނަށް ފިލާވަޅު ފަހުމުވުމަށް ފަސޭހަ ވުމެވެ. ވަކިވަކި ދަރިވަރުންންގެ އުނގެނުމުގެ ގޮތްތަކާއި އުނގެނުމުގެ ގާބިލުކަމަށް ރިއާޔަތްކޮށްގެން ފިލާވަޅު ގެންދަން މުދައްރިސަށް ފަސޭހަވުމެވެ. ކޮންމެ ކިލާހެއްގައި ވެސް އަޑުއަހައިގެން، ބަލައިގެން އަދި އަމަލީ ގޮތުންކޮށްގެން ދަސްކުރާ ދަރިވަރުން ތިބޭނެއެވެ. ބައެއް ދަރިވަރުންނަށް މީގެ ތެރެއިން ވަކިގޮތެއް ބޭނުންކޮށްގެން ދަސްކުރަން ފަސޭހަ ވެދާނެ އެވެ. އަނެއްބައި ދައިވަރުންނަށް އެއްގޮތަށް ވުރެ ގިނަގޮތް އެއްކޮށްގެން ދަސްކުރަން ފަސޭހަ ވެދާނެ އެވެ. ޓެކުނޮލޮޖީ ބޭނުންކޮށްގެން ކިލާހުގައި ގެންދެވޭ އުނގެނުމުގެ ގިނަ ހަރަކާތްތަކުން ދަސްކުރުމުގެ މިބުނެވުނު ތިންގޮތަށް ރިއާޔަތްކުރެވެ އެވެ. ހަމައެހެންމެ ފަހުމުވާން އުނދަގޫ ކޮންސެޕްޓުތައް ތަފާތު ގޮތްގޮތަށް ތަޖުރިބާ ކޮށްގެން ދަސްކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބުމުގެ އިތުރުން އުނގެނުމުގެ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގެނުން ފަހިކޮށްދިނުމުގެ ވަސީލަތަކަށް ވެސް ޓެކުނޮލޮޖީވެ އެވެ. ކުރުކޮށް ބުނާ ނަމަ ފިލާވަޅުގައި ޓެކުނޮލޮޖީ ބޭނުންކުރުމުން ދަރިވަރުންގެ ފަރުދީ ތަފާތުތަކަށް ރިއާޔަތްކޮށްގެން ފިލާވަޅު ފަރުމާ ކުރުމަށް މުދައްރިސަށް އިތުރު ޖާގަ ލިބެ އެވެ.

ޓެކުނޮލޮޖީ ބޭނުންކޮށްގެން ގެންދެވޭ އުނގެނުމުގެ ގިނަ ހަރަކާތްތަކެއްގައި ގުޅިގެން ކުރާ މަސައްކަތްތައް ދެވެ އެވެ. މީގެ ސަބަބުން މުވާސަލާތުކުރުމާއި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމާއި އަނެކުންގެ މަސައްކަތަށް ބިނާކުރަނިވި ފާޑުކިޔުން ފަދަ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދެވެ އެވެ. މިގޮތުން ކިލާހުގެ އެއް ދަރިވަރަކު އަނެއް ދަރިވަރަކާ އޮންލައިން މަންސަ (ޕްލެޓްފޯމް) އެއް މެދުވެރިކޮށް މުއާމަލާތު ކުރެވުމުގެ އިތުރުން ބޭނުން ޖެހޭ ނަމަ ގުރޭޑުގެ އެހެން ކިލާސްތަކުގެ ދަރިވަރުންނާ ގުޅިގެން ވެސް މަސައްކަތް ކުރެވިދާނެ އެވެ. އުނގެނުމުގެ މިފަދަ ގިނަ ހަރަކާތްތަކަކީ ފިލާވަޅު ފަރުމާކުރުމުގެ ތިއަރީތަކުގެ ގޮތުގައި މުދައްރިސުންގެ މެދުގައި މަޝްހޫރު ކޮންސްޓްރަކްޓިވިސްޓް އަދި ސޯޝަލް ކޮންސްޓްރަކްޓިވިސްޓް ތިއަރީތަކުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާ އުނގެނުމުގެ ހަރަކާތްތަކަށްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކުރިން ވެސް އިޝާރާތް ކުރިފަދައިން ޓެކުނޮލޮޖީގެ އުފެއްދުންތަކާ އެކު މީހުން ދިރިއުޅޭ ގޮތާއި ދިރިއުޅުމުގެ ބޭނުންތަކާއި ކަންކަން ކުރާގޮތް ތަފާތު ވެއްޖެ އެވެ. މިހެންވުމުން ޓެކުނޮލޮޖީއާ ލާމެހިފައިވާ ދުނިޔެއެއްގައި ދިރިއުޅުމުގެ މައުލޫމާތާއި ހުނަރުވެރިކަން އިސްކޫލު ދައުރުގައި ދަރިވަރުންނަށް ދަސްކޮށްދިނުމަކީ ވެސް ބޭނުންތެރި ކަމެކެވެ. މިގޮތުން ކިލާހުގައި ގެންދެވޭ ޓެކުނޮލޮޖީއާ ރައްޓެހި އުނގެނުމުގެ ހަރަކާތްތަކުގެ ތެރެއިން 21 ވަނަ ގަރުނުގައި ދިރިއުޅުމަށް ދަރިވަރުންނަށް ބޭނުންވާ ބައެއް ހުނަރުތައް ދަސްކޮށް ދެވިދާނެ އެވެ. މިގޮތުން އޮންލައިން މާހަލުގައި މުއާމަލާތުކުރުމާއި، ގުޅިގެން މަސައްކަތްކުރުމާއި، ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކުރުން ފަދަ ކަންކަން ނުސީދާގޮތުން ދަސްކޮށް ދެވިދާނެއެވެ. މިއީ ދަރިވަރުންގެ ދިރިއުޅުމުގައި ފަހުން ބޭނުންކުރެވޭނެ މުހިއްމު އެއްޗެއްސެވެ.

އުނގަންނައިދިނުމުގައި ޓެކުނޮލޮޖީ ބޭނުންކުރުމަކީ މުދައްރިސުންނަށާއި ދަރިވަރުންނަށް އެތައްގޮތަކުން މަންފާ ހުރިކަމެކެވެ. އުނގެނުމުގެ ރަނގަޅު ނަތީޖާއަކަށް ވާސިލުވުމަށް ފަހިކޮށްދީ، އައު ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. އެހެނަސް މާނަވީ ގޮތެއްގައި މިކަން ކުރުމަށްޓަކައި ކަމާގުޅުންހުރި މައުލޫމާއި ތަމްރީނު މުދައްރިސުންނަށް ދޭންޖެހެއެވެ. މުދައްރިސުން ތަމްރީނުކުރުމުގެ ތެރެއިންނާއި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ހަރަކާތްތަކެއްގެ ތެރެއިންނެވެ. އެކަށޭނަ ނަތީޖާއެއް މިކަމުން ނިކުންނާނީ އޭރުންނެވެ.

comment ކޮމެންޓް