އޮންލައިން ކިޔަވައިދިނުން ފަރުމާކުރުން

އޭޕްރީލް 17، 2018: އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިންވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުވާސަލާތުކުރުމަށް ބޭނުންކުރާ ޓެކުނޮލޮޖީގެ ވަސީލަތްތަކަށް އަންނަމުންދާ ހަލުވި ކުރިއެރުންތަކާއެކު އުނގެނުމާއި އުނގަންނައިދިނުމުގެ ގޮތްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަކަމާމެދު ޝައްކެއްނެތެވެ. މިބަދަލުތަކުގެ ތެރެއިން އުނގަންނައިދިނުމުގައި ޚާއްސަކޮށް މަތީތައުލީމުގައި، ޓެކުނޮލޮޖީގެ ވަސީލަތްތަކާ ރައްޓެހި އުނގެނުމުގެ އެކިއެކި އުކުޅުތައް ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. މިގޮތުން ކުރިއަރާފައިވާ ގައުމުތަކުގެ ބައެއް ޔުނިވަރސިޓީތަކުގެ 80 އިންސައްތަ އަށް ވުރެ ގިނަ ދަރިވަރުން، ކޯހުގެ މުއްދަތުގެ ތެރޭގައި އޮންލައިން އުނގެނުން ހިމެނޭ މަދުވެގެން އެއް މާއްދާ ކިޔަވާކަމަށް ދިރާސާތަކުން ފާހަގަކުރެވިފައިވެ އެވެ.

އޮންލައިން އުނގެނުމުގެ ގޮތްތައް އާއްމު ވެފައިވީ ނަމަވެސް، އޮންލައިން ކޯސްތަކުގެ ފެންވަރާމެދު ބައެއް މީހުންގެ ހިތުގައި ނުތަނަސްކަން އޮވެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެހެނީ އުނގެނުން އޭގެ ޒާތުގައި ދެމިގެން އައިސްފައިވަނީ ދަރިވަރު، މުދައްރިސްގެ ކުރިމަތީގައި އިނދެގެން ހިންގޭ ތަފާތު މުއާމަލާތުތަކެއްގެ ތެރެއިން މުދައްރިސްގެ މައުލޫމާތާއި ހުނަރު ދަރިވަރަށް ނަގުލުކުރުމުގެ މައްޗަށެވެ. އެހެނަސް އޮންލައިން އުނގަންނައިދިނުމުގައި މިކަމުގެ އަސާސީ އެއް ސިފަ އުނިވެ، މުދައްރިސާއި ދަރިވަރާ ދެމެދަށް އިތުރު ބައިވެރިއެއްގެ ގޮތުގައި ޓެކުނޮލޮޖީގެ ވަސީލަތެއް ވަދެއެވެ. މިހެންވުމުން މުދައްރިސްގެ ފުށުން ދަރިވަރަށް ނަގުލުވާންޖެހޭ މައުލޫމާތާއި ހުނަރު، އޮންލައިން މާހައުލުގައި ނަގުލުކުރެވޭ ގޮތަކީ ކޮބައިތޯ އާއި، މިކަމުގެ ކަށަވަރުކަން މުދައްރިސަށް ލިބޭނެ ގޮތްތަކާމެދު ބަހުސުކުރުމަކީ ނެތްކަމެއް ނޫނެވެ.

އުނގެނުމަކީ ގުޅިލާމެހިފައިވާ ގިނަ ހަރަކާތްތަކެކެވެ. ޕްރޯސަސްއެކެވެ. މިޕްރޯސަސްގެ ތެރޭގައި މައިގަނޑު ތިން ބާވަތެއްގެ މުއާމަލާތުތަކެއް ހިނގައެވެ. ފުރަތަމަ ބާވަތަކީ ދަރިވަރާއި މުދައްރިސާ ދެމެދު ހިނގާ މުއާމަލާތެވެ. ދެވަނަ ބާވަތަކީ ދަރިވަރާއި އޭނާ އުނގެނޭ މާއްދާގެ މައުލޫމާތު ނުވަތަ ކޮންޓެންޓާ ދެމެދު ހިނގާ މުއާމަލާތެވެ. މިއީ ހަގީގަތުގައި ފިކުރީ މުއާމަލާތެވެ. ތިންވަނަ ބާވަތަކީ ދަރިވަރާއި ކިލާހުގެ އެހެން ދަރިވަރުންނާ ދެމެދު ހިނގާ މުއާމަލާތެވެ. މިހެންވުމުން އޮންލައިން އުނގެނުން ފަރުމާ ކުރަންވާނީ މިބުނެވުނު ތިންބާވަތުގެ ހަރަކާތްތައް އުނގެނުމުގެ މާހައުލުގައި ހިނގާކަން ކަށަވަރުކުރެވޭ ގޮތަކަށެވެ. ރޭވުންތެރިކަމާއެކު ފަރުމާކުރެވޭ އޮންލައިން އުނގެނުމުގެ ހަރަކާތަކެއްގެ ތެރެއިން އިސްވެ ބުނެވުނު ކަންކަން ފުރިހަމައަށް ނަކަލުކުރެވޭކަން އިލްމީގޮތުން ކަށަވަރު ކުރެވެއެވެ.

އޮންލައިން އުނގެނުން ފަރުމާކުރުމުގައި ރިއާޔަތްކުރަން ޖެހޭ އަސާސީ ކަންތައްތަކެއް ހުރެއެވެ. ފުރަތަމަ ކަމަކީ ކިޔަވައިދޭން ބޭނުންވާ މާއްދާގެ ބާވަތަށް ނުވަތަ ޒާތަށް ރިއާޔަތްކުރުމެވެ. މާނައަކީ ކިޔަވައިދިނުމުގެ ތެރެއިން ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންވާ މައުލޫމާތާއި ހުނަރަކީ ކޮބައިކަން ރަނގަޅަށް ދެނެގަނެ، ކަނޑައެޅުމެވެ. މާއްދާގެ ކޮންމެ ފިލާވަޅަކުން ދަރިވަރުންނަށް ހާސިލުކޮށްދޭން ބޭނުންވާ ކަންކަމަކީ ކޮބައިކަން ދެނެގަނެ، ލިޔުމުން ބަޔާންކުރުމެވެ. އެހެނީ އުނގަންނައި ދިނުމުގައި ބޭނުންކުރާނޭ އުކުޅުތަކާއި ޓެކުނޮލޮޖީގެ ވަސީލަތްތައް އިޚުތިޔާރުކުރުން ބިނާވާނީ، އުނގަންނައިދިނުމުގެ މަގުސަދުތަކުގެ މައްޗަށެވެ. ދެވަނަ ކަމަކީ، އުނގަންނައިދިނުމުގެ މާހައުލުގެ ހާލަތަށް ރިއާޔަތްކުރުމެވެ. މިނުކުތާގައި ހިމެނޭ އެއް ކަމަކީ ތަނުން ލިބެންހުރި ވަސީލަތްތައް ދެނެގަތުމެވެ. މީގެތެރޭގައި އިންޓަނެޓާއި ޓެކުނޮލޮޖީއާ ގުޅުންހުރި އެހެނިހެން އުމްރާނީ ވަސީލަތްތަކުގެ އިތުރުން ކިޔަވައިދޭ މުދައްރިސުންނާއި ދަރިވަރުންނަށްވެސް ރިއާޔަތްކުރުން ހިމެނެއެވެ. އެގޮތުން، ބަރޯސާވެވޭ، އެކަށީގެންވާ ހަލުވި އިސްޕީޑުގެ އިންޓަރނެޓުގެ ޚިދުމަތް ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބޭތޯ އާއި، އުނގެނުމާއި އުނގަންނައިދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމާމެދު މުދައްރިސުނާއި ދަރިވަރުންގެ ވިސްނުން ހުރިގޮތަކީ ކޮބައިތޯ އާއި، އެބައިމީހުންގެ ހުރި ގާބިލުކަމަކީ ކޮބައިތޯ ބެލުން ހިމެނެއެވެ.

އޮންލައިން ކިޔަވައިދިނުން ފަރުމާކުރުމުގައި ރިއާޔަތްކުރަން ޖެހޭ އަނެއް ނުކުތާއަކީ، އުނގަންނައިދިނުމުގެ ހަރަކާތްތައް އިޚްތިޔާރު ކުރުމެވެ. މިހަރަކާތްތައް އިޚްތިޔާރު ކުރަންވާނީ މިލިޔުމުގައި އިސްވެ ބުނެވިފައިވާ އުނގެނުމުގެ ޕްރޯސަސްގެ ތެރޭގައި ހިމެނޭ ތިންބާވަތުގެ މުއާމަލާތު ކަށަވަރު ކުރެވޭނެ ގޮތަކަށެވެ. މިގޮތުން ދަރިވަރާއި މުދައްރިސާއި ދެމެދު އޮންލައިން މާހައުލުގައި މުއާމަލާތު ކުރެވޭނީ ކޮންގޮތަކަށް، އުނގެނުމުގެ ކޮން ހަރަކާތްތަކެއްގެ ތެރެއިން، ކޮން މިންވަރަކަށްތޯ އަންދާޒާކުރަން ޖެހޭނެއެވެ. ހަމައެއާއެކު ދަރިވަރުގެ މައުލޫމާތު މުއްސަނދިކޮށް، ވިސްނުމާއި ފިކުރު ތަރައްގީ ކުރުމަށް ބާރުއަޅާނީ އުނގެނުމުގެ ކޮން ހަރަކާތްތަކެއްގެ ތެރެއިން ކޮން މިންވަރަކަށް އަދި ކޮންގޮތަކަށްތޯ ވިސްނަން ޖެހެއެވެ. މީގެ އިތުރުން އޮންލައިން މާހައުލުގައި އިސްކިރީނެއްގެ ކުރިމަތީގައި އެކަނި އިނދެގެން އުނގެނޭ ދަރިވަރާއި، ކިލާހުގެ އެހެން ދަރިވަރުންނާ އުނގެނުމާ ގުޅިގެން ކުރާނީ ކޮންކޮން މުއާމަލާތެއް، ކޮންގޮތަކަށް، ކޮން މިންވަރަކަށްތޯ ވެސް ކަނޑައަޅަން ޖެހެ އެވެ. މާއްދާގެ މުގައްރަރުގައި ހިމެނޭ ކޮންމެ ސުރުޚީއަކަށް ނުވަތަ ފިލާވަޅަކާމެދު މިބުނެވުނު ކަންކަމާމެދު ވިސްނައި، ގޮތްތަކެއް ނިންމުމަކީ އޮންލައިން އުނގަންނައިދިނުން ފަރުމާކުރުމުގައި ފުރިހަމަ ކުރަންޖެހޭ އަސީސީ ޝަރުޠެކެވެ. މިކަންތައްތައް ކަނޑައަޅައި މާއްދާގެ އޮނިގަނޑެއް އެކުލަވައިލަން ޖެހެއެވެ. ބައެއް މީހުން މި އޮނިގަނޑަށް، މާއްދާގެ "ބްލޫ ޕްރިންޓް"އޭ ކިޔައެވެ.

އޮންލައިންކޮށް ކިޔަވައިދިނުމަކީ ބައެއް މީހުން ހީކުރާފަދަ ފަސޭހަ ކަމެއް ނޫނެވެ. އިސްވެ ބަޔާން ކުރެވުނީ ހަމައެކަނި އޮންލައިން އުނގެނުން ފަރުމާކުރުމުގެ މަރުހަލާގައި މުދައްރިސް ރިއާޔަތްކުރަން ޖެހޭ މުހިއްމު ބައެއް ކަންކަމެވެ. މީގެއިތުރުން އޮންލައިން ކިޔަވައިދިނުމަށް ބޭނުންވާ އުނގެނުމުގެ އެހީ ނުވަތަ މެޓީރިއަލް އުފެއްދުމާއި، މާއްދާގެ ކިޔަވައިދިނުން ފެށުނީއްސުރެ އިމްތިހާނުކޮށް ނިމެންދެން މުދައްރިސް އަމަލުކުރަންޖެހޭ ގޮތްތަކާއި ހިފަހައްޓަން ޖެހޭ މިންގަނޑުތަކެއް ހުރެއެވެ. ލިޔުން ދިގުވާތީ، އެހެން ފުރުސަތެއްގައި އެކަންކަމަށް އަލިއަޅުވައިލުމަށް މަޑުކޮށްލީއެވެ.

ކޮންމެ ދުވަހަކު ކިލާހަށް ހާޒިރުވެގެން އުނގެނޭ އުނގެނުމާއި ރަނގަޅަށް ފަރުމާކުރެވިފައިވާ އޮންލައިން އުނގެނުމުގެ ކޯސްތަކުން ދަރިވަރުން އުނގެނޭ މިންވަރުގެ ފަރަގެއް ނުހުންނަ ކަމަށް ފާހަގަކުރެވިފައިވެ އެވެ. އަދި ކީއްހެއްޔެވެ. ކިލާހަށް ހާޒިރުވެގެން އުނގެނޭ ކޯސްތަކަށްވުރެ ބައެއް އޮންލައިން ކޯސްތަކުން ދަރިވަރުން އުނގެނޭ މިންވަރު ބޮޑުކަމަށް ފާހަގަކުރެވިފައިވެ އެވެ. އެހެނަސް ކޮންމެ އޮންލައިން ކޯހަކީ މިފަދަ ކޯހަކަށް ނުވެދާނެ އެވެ.

comment ކޮމެންޓް