ތައުލީމީ ނިޒާމަށް ބަދަލު ގެނައުން

14 ޖުލައި 2018: އޮލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ގަދީމީ ގުރީކު މީހަކަށް މިޒަމާނުގެ ދަތުރުފަތުރާއި މުވާސަލާތުކުރުމުގެ އިތުރުން އުމްރާނީ ގޮތުން އައިސްފައިވާ ކުރިއެރުން ފެނުނުހިނދު އަޖައިބުވެ އާސޯޚުވެއްޖެ އެވެ. ނަމަވެސް ކިޔަވައިދޭ ކިލާހަކަށް އޭނާއަށް ވަދެވުމުން ހަމަޖެހުމުގެ ފުންނޭވާއެއް ލުމަށް ފަހު ބުނާނެތެވެ. މިވަދެވުނީ ގެއަށެވެ!"

މަތީގައި ބަޔާންކުރެވިފައި ވަނީ އުނގެނުމާއި އުނގަންނައިދިނުމަށް އަންނަ ބަދަލުގެ ލަސްކަން ބަޔާންކުރުމަށް ކިޔައިއުޅޭ ޖޯކެކެވެ. އެހެނީ، ފަތުއަޑުކިޔާފައި އެކި ސިނާއަތްތައް ކުރިއެރިޔަސް، އުނގަންނައިދިނުމުގެ ގޮތްތަކާއި ވައްޓަފާޅިއަށް ބަދަލުވަނީ ލަސްދުވެއްޔެއްގައޭ ބުނުމަކީ މުޅިން ދޮގަކަށް ނުވާނެ އެވެ. ރާއްޖެ ފަދަ ބައެއް ގައުމުތަކުގެ އިސްކޫލުތަކާއި އުނގަންނައިދޭ މަރުކަޒުތަކަށް ގާތުން ބަލައިލުމުން މިކަމަށް ބާރުލިބޭ ހެކިތައް ފެންނާނެ އެވެ. ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި މިފަދަ ބައެއް ކަންކަން ތަޖުރިބާ ކުރެވުނެވެ.

އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް ނުވަތަ ތައުލީމީ ނިޒާމަށް ބަދަލު ގެންނަން ދަތިވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އަޅުގަނޑުގެ ނަޒަރުގައި އުނގަންނައިދޭ ކޮންމެ މަރުކަޒަކީ ވަކި ޚާއްސަ ސިފަތަކެއް ލިބިގެންވާ މާހައުލީ ނިޒާމެކެވެ. އީކޯ ސިސްޓަމެކެވެ. މަދުރަސީ ތައުލީމާއި މަތީ ތައުލީމު ދިނުމުގައި ވެސްމެ އެވެ. މީގެމާނަ އަކީ ކޮންމެ މަދުރަސާއަކީ، ކޮންމެ ޔުނިވަރސިޓީ އަކީ އެމާހައުލަށް ޚާއްސަ ގިނަ ކަންތައްތަކެއް ގުޅި ލާމެހިގެން ހިނގާ މާހައުލެކެވެ. މިމާހައުލުގައި ވަކިވަކި ކަންކަމަށް ގެންނަ ބަދަލުތަކުގެ އަސަރު އެހެން ކަންކަމަށް ފޯރާތީ، ބަދަލު ގެނައުން ހީކުރާފަދަ ފަސޭހަ ކަމަކަށް ނުވަނީ އެވެ.

އިސްވެ ދެކެވުނު ވާހަކަތައް އިތުރަށް ފަހުމުވެގަތުމަށް މިސާލެއްގެ ގޮތުގައި މަސް ޓޭންކަކަށް ވިސްނައިލަމާ ހިނގާށެވެ. ރީތިކޮށް ފަރުމާ ކުރެވިފައިވާ، މަސްޓޭންކެއްގައި އެކި ކޮޅުކޮޅަށް ދުވެ ނަގާ މަސްތައް ފެނުމުން ހިތަށް ތަސައްލީއެއް ލިބެ އެވެ. މި މަސްޓޭންކު ދުރުން ފެންނަ މީހާއަށް އެއީ ބިއްލޫރީ ޓޭންކަކަށް ފެންއަޅައި، ފެން ސާފުކުރާނެ ފިލްޓަރެއްލައި، ޓޭންކަށް މަސްއަޅާފައިވުންކަމަށް ސިފަކުރެވިދާނެ އެވެ. އެހެނަސް ފުރިހަމަ، ރަނގަޅު މަސްޓޭންކެއް ހެދުމަށްޓަކައި ވިސްނުންތެރިކަމާ އެކު އިތުރު ބައެއް ކަންކަމަށް ވިސްނަންޖެހެ އެވެ. މިގޮތުން ޓޭންކަށް އަޅާ ފެނުގެ ކޮލިޓީ، އިޚްތިޔާރު ކުރާނެ މަހުގެ ބާވަތަކާއި މަހުގެ އަދަދު، މަހަށް އަޅާނެ ކާނާ އާއި ކާނާ އަޅާނެ މިންވަރު، ފެންސާފުކުރާ ފިލްޓަރު، އަދި ފެނުއަޑީގެ މާހައުލު ފަރުމާކުރުމާއި ރަނގަޅު ލައިޓިންގ ކަށަވަރުކުރުން ފަދަ ކަންކަން ހިމެނެއެވެ. ހަމައެއާއެކު ގަވާއިދުން މަސްޓޭންކު ސާފުކޮށް ބަލަހައްޓަން ވެސް ޖެހެ އެވެ. ހިނގަހިނގާ ހުންނަ މަސްޓޭންކަކަށް ބަލާމީހަކަށް ފުރިހަމަ ހިތްހަމަޖެހުމެއް ލިއްބައިދެނީ މިހުރިހާ ކަމެއް ގުޅިގެން ނިކުންނަ ނަތީޖާއިންނެވެ.

އުނގަންނައިދޭ މައުކަޒުތައް ފުރިހަމައަށް ހިންގުން ވެސް އިސްވެ ބަޔާންކުރެވުނު ފަދަ އެވެ. އުނގެނުމާއި އުނގަންނައި ދިނުމުގެ ރަނގަޅު މާހައުލެއް ގާއިމުކުރެވި، ރަނގަޅު ނަތީޖާއެއް ނެރެވެނީ ފަރުވާތެރިކަމާއެކު ރޭވިގެން ހިންގޭ ގިނަ ކަންތައްތަކެއް ޝާމިލުވުމުންނެވެ. މިގޮތުން މަސްޓޭންކަށް މަސްލުމުގައި ޓޭންކުގެ މާހައުލުގެ ނިޒާމަށް ރިއާޔަތްކުރަން ޖެހޭފަދައިން އުނގެނުމާއި އުނގަންނައިދިނުމުގެ ނިޒާމަށް ބަދަލުގެނައުމުގައި ވެސް ރިޔާޔަތްކުރަން ޖެހޭ ގިނަކަންތައްތަކެއް ވެ އެވެ. އުނގަންނައިދިނުމުގެ ގޮތްތަކަށް ގެންނަ ކޮންމެ ބަދަލެއް ގެނައުމުގެ ކުރިން، އެބަދަލެއް ގުޅިފައި ވަނީ ކޮންކޮން ބަޔަކާ ކޮން މިންވަރަކަށްތޯ ބަލަންޖެހެ އެވެ. އަދި އެބަދަލަކުން މުޅި ނިޒާމަށް ކުރާނީ ކޮން އަސަރެއް، ކޮން ގޮތަކަށްތޯ ވެސް ބަލަންޖެހެ އެވެ. މިގޮތުން ދަރިވަރުން، މުދައްރިސުން، ބެލެނިވެރިން، ކިޔަވައިދޭ މަރުކަޒުގެ އިދާރީ މަސައްކަތްކުރާ މުވައްޒަފުންގެ ޝާމިލުވުމަށް ނުވަތަ ދައުރަށް އަންނާނީ ކޮން ބަދަލެއް، ކޮން މިވަރަކަށްތޯ ބަލަންޖެހެ އެވެ. އަދި ވަކިން ޚާއްސަކޮށް އުންގަންނަދިނުމުގެ މަންޖަހުގެ މަގުސަދުތަކާއި ތަނުގެ ސަގާފަތާއި އާދަކާދާތަކާއި ގުޅިފައިވާ އަގުތަކަށް ކުރު އަދި ދިގުމުއްދަތެއްގެ ތެރޭގައި ކުރާނެ އަސަރުތަކާ މެދު ފުންކޮށް ވިސްނަންޖެހެ އެވެ. އެހެންނޫ ނަމަ، އެ ގެނެވޭ ބަދަލަކީ ހެޔޮ، އެދެވޭ ބަދަލަކަށް ނުވުމުގެ ފުރުސަތު ބޮޑުވެދާނެއެވެ. އަދި ދެމެހެއްޓެނިވި ބަދަލަކަށް ވެސް ނުމެވެދާނެ މެ އެވެ.

ތައުލީމީ ނިޒާމުގެ އެއް ހަރުފަތް އަނެއް ހަރުފަތާ ވެސް ވަނީ ގުޅިފަ އެވެ. ލާމެހިފަ އެވެ. އެހެނީ ޕްރައިމަރީ ގްރޭޑުތަކުގައި އުނގަންނައިދިނުމުގެ ގޮތްތަކާއި ފެންވަރު ސާނަވީ އަދި މަތީ ސާނަވީމަރުހަލާތަކާ ގުޅެ އެވެ. ހަމައެހެންމެ ސާނަވީ ތައުލީމުގެ މަރުހަލާތަކުގައި އުނގެނޭ އުނގެނުން މަތީތައުލީމާ ގުޅެ އެވެ. މިހެންވުމުން އުނގެނުމާއި އުންގަންނައިދިނުމުގެ ގޮތްތަކަށް ގެންނަ ބޮޑެތި ބަދަލުތައް ވާންވާނީ މިބުނެވުނު ހުރިހާ މަރުހަލާއަކަށް ވެސް ހެޔޮ ބަދަލު އަންނަ ކަންކަމަށެވެ. އަދި މުޅި ނިޒާމުގައި ހިމެނޭ ހުރިހާ އެންމެންގެ މަޝްވަރާ އާއި ބައިވެރިވުން ލިބިގެން ގެނެވޭ ބަދަލުތަކަކަށެވެ. މިލިޔުމުގެ ފެށުމުގައި ބަޔާންކުރެވިފައިވާ ޖޯކުގައި ގަދީމީ ގުރީކުން މިޒަމާނަށް ދަތުރުކުރި ދެތުރުވެރިޔާއަށް އެހެން ދާއިރާތަކުން ފެނުނު ބޮޑެތި ބަދަލުތައް ކިލާހުގެ ތެރެއިން ނުފެނުނު އެއް ސަބަބަކީ ތައުލީމީ ނިޒާމުގައި ބަދަލު ގެނައުމަށް ކުރަންޖެހޭ މަސައްކަތުގެ ބުރަބޮޑުކަމަށްވުން އެކަށީގެންވެ އެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމަށް ބަދަލުތައް ގެނައުމަށްޓަކައި ވޭތުވެ ދިޔަ އަހަރުތަކުގައި ބައެއް ކަންކަން ކުރެވިފައިވެ އެވެ. ނުވަތަ ވާހަކަތަކެއް ދެކެވިފައިވެ އެވެ. މީގެ ތެރޭގައި މަދުރަސީ ތައުލީމު ދިނުމުގައި ޓެބްލެޓް ބޭނުންކުރުމާއި މަދުރާސާތަކުގައި ދަރިވަރުން ހެނދުނުގެ ނާސްތާކުރުމާއި ފަތިސް ނަމާދުން އިސްކޫލުގެ ދަންފަޅި ފެށުން ފަދަ ކަންކަން ހިމެނެ އެވެ. ހަމައެހެންމެ މަތީތައުލީމުދޭ ބައެއް މަރުކަޒުތަކުގައި އެކުވި އުނގެނުމުގެ ގޮތްތައް (ބްލެންޑެޑް ލަރނިންގ) ބޭނުންކޮށްގެން ކިޔަވައިދިނުން ވެސް މިލިސްޓުގައި ހިމަނަން ބޭނުމެވެ. މިއިން ކޮންމެ ބަދަލެއް ގެނައުމުގައި ރިއާޔަތްކުރަން ޖެހޭ ގިނަ ކަންތައްތަކެއް ނުވޭ ހެއްޔެވެ؟ މިލިޔުމުގައި ބަޔާންކޮށްފައިވާ މަސްޓޭންކުގެ މިސާލާ އެއްގޮތް ކަމެއް ނެތްހެއްޔެވެ؟ މިފަދަ ބަދަލުތަކާ ގުޅޭ ޚަބަރުތައް ޝާއިއުކުރާ ނޫސްތަކަށް އާއްމުން ފޮނުވާ ކޮމެންޓުތަކުން މިގުޅުން އޮތްމިންވަރު ދޭހަ ނުވޭ ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބުތަކާ މެދު ވިސްނުމަށް ކިޔުންތެރިންނަށް ދޫކޮށްލީ އެވެ.

comment ކޮމެންޓް