އޮންލައިން އުނގަންނައިދިނުމުގެ ބައެއް ހަމަ

އޭޕްރީލް 17، 2018: އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިންވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަތީ ތައުލީމު ދިނުމުގައި އޮންލައިން އުނގެނުން ޝާމިލުވާ ކޯސްތައް ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުތެރޭގައި ވަރަށް ބޮޑަށް އިތުރު ވެއްޖެ އެވެ. ހަމައެއާއެކު މިފަދަ ބައެއް ކޯސްތަކުގެ ދަރިވަރުން އުނގެނޭ އުނގެނުމާއި ކޮންމެ ދުވަހަކު ކިލާހަށް އައިސްގެން ކިޔަވާ ކިޔެވުމުގައި ބޮޑު ފަރަގެއް ނުހުންނަ ކަންވެސް ފާހަގަކުރެވިފައިވެ އެވެ. ނަމަވެސް، އެއީ އޮންލައިން އުނގަންނައިދިނުމުގައި ގިނަ ކަންތައްތަކެއް ފުރިހަމަވެގެން ކަމާމެދަކު ޝައްކެއްނެތެވެ.

އޮންލައިން އުނގަންނައިދިނުމުގައި އާއްމުގޮތެއްގައި ކިޔަވައިދިނުމުގެ ހުރިހާ ކަމެއް ހިނގަނީ މޫޑުލް ފަދަ ކޮންމެވެސް އޮންލައިން ޕްލެޓްފޯމް (މަންސަ) އެއްގަ އެވެ. އެކި ޔުނިވަރސިޓީތަކުގައި ބޭނުންކުރަނީ މިފަދަ އެކި މަންސަ އެވެ. ނަމަވެސް މިފަދަ މަންސައެއް އިޚްތިޔާރު ކުރުމުގައި ދަރިވަރުންނަށާއި މުދައްރިސުންނަށް ބޭނުންކުރަން ފަސޭހަ އެއްޗެއް އިޚުތިޔާރު ކުރުން ނުހަނު މުހިއްމެވެ. ހަމައެހެންމެ އޮންލައިން ކޯސް ޕޭޖު ވެސް ވާންވާނީ ބަލައިލަން ލޮލަށް ފަސޭހަ، ބޭނުންކުރަން ފަސޭހަ އެއްޗަކަށެވެ. އެހެނީ ދިރާސާތަކުން އެނގޭ ގޮތުގައި ޓެކުނޮލޮޖީއާ ގުޅުންހުރި އުފެއްދުންތައް މީހުން ބަލައިގަނެ، އެ ބޭނުންކުރުމުގައި ދެމި ތިބޭ މައިގަނޑު އެއް ސަބަބަކީ އެ އުފެއްދުމެއް ބޭނުންކުރަން ފަސޭހަވުމެވެ. ނުވަތަ ބޭނުންކުރަން ފަސޭހަކަމަށް ގަބޫލުކުރެވޭ މިންވަރު ބޮޑުވުމެވެ.

އޮންލައިން އުނގެނުން ފަރުމާ ކުރަންވާނީ، މާއްދާއާ ގުޅުންހުރި ވަކި މަގުސަދުތަކެއް ހާސިލުކުރުމަށެވެ. ފަރުވާތެރިކަމާ އެކުގައެވެ. މިގޮތުން ސަމާލުކަން ދޭން ޖެހޭ އެއްކަމަކީ ދަރިވަރަށް ދޭ އިރުޝާދުތައް ސާފުވެފައި، ސާދާ ވުމެވެ. ދެވަނަ ކަމަކީ ފިލާވަޅު ނުވަތަ ކޮންޓެންޓު ފޯރުކޮށްދިނުމުގައި ތަފާތު ގޮތްތައް ބޭނުންކުރުމެވެ. ރަނގަޅަށް ފަރުމާކޮށްފައި ހުންނަ އޮންލައިން ކޯސްތަކުގައި ދަރިވަރުން ކިޔަން ލިޔުންތަކާއި އިތުރު މައުލޫމާތު ހޯދުމަށް ބަލާނެ ލިންކުތައް ދީފައި ހުރެ އެވެ. ބަލާނެ ވީޑިޔޯ އާއި އަޑުއަހާނެ އޯޑިޔޯ ހުރެ އެވެ. ނަމަވެސް މިނުކުތާގައި ހަނދާނުގައި ބެހެއްޓުން ވަރަށް މުހިއްމު ކަމެއް ވެއެވެ. އެއީ އޮންލައިން ދަރިވަރު ކިޔަވާނީ ކޮމްޕިއުޓަރުގެ އިސްކިރީނުގެ ކުރިމަތީގައި އިނދެގެން ކަމެވެ. އެހެންވުމުން އޭނާގެ ސަމާލުކަމާއި ޝައުގުވެރިކަން ހިފެހެއްޓޭނީ ކޮންގޮތަކަށް މިމައުލޫމާތު ހުރެގެން ކަމެވެ. މީގައި އަމަލު ކުރެވިދާނެ އެއްގޮތަކީ މާއްދާގެ ކޮންޓެންޓު ބައިބައިކޮށް، ވަކި ތަރުތީބަކުން، އެތިއެތިކޮޅުން އުނގެނޭގޮތަށް ފޯރުކޮށްދިނުމެވެ. މި ހާލަތުގައި ފޯރުކޮށްދޭނީ ގިނަވެގެން ދިހަވަރަކަށް މިނިޓުން ކިޔޭ، ބެލޭ ނުވަތަ އަޑުއެހޭ އެއްޗެއްސެވެ. ކޮންމެ މައުލޫމާތު ކޮޅަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކުޑަ މަސައްކަތެއް ހިމެނޭ ގޮތުންނެވެ.

އޮންލައިން ކިޔަވައިދިނުމުގައި ސަމާލުކަން ދޭން ޖެހޭ އަނެއް ކަމަކީ އޮންލައިން މާހައުލުގައި މުއާސަލާތުކުރުން ހަރުދަނާ ކުރުމެވެ. އާއްމު ކިލާހެއްގައި ނަމަ، ދަރިވަރާއި ދަރިވަރު އަދި ދަރިވަރާއި މުދައްރިސް މުއާމަލާތު ކުރާނެ އެވެ. އޮންލައިން ކިޔަވައިދިނުމުގައި ވެސް މި ބުނެވުނު ދެ ބާވަތުގެ މުއާމަލާތު ހިނގާނެ ހަރަކާތްތައް ދޭން ވާނެ އެވެ. އަދި މިކަންކަމަކީ ދާއިމީ ގޮތެއްގައި، މުޅި ސެމިސްޓަރުގެ ތެރޭގައި ހިނގާ ކަންކަންތޯ ވެސް މުދައްރިސް ކަށަވަރުކުރަން ވާނެ އެވެ. މިކަމަށް ބޭނުންކުރެވިދާނެ ގިނަ ޓޫލްތަކެއް ކިޔަވައިދިނުމަށް ބޭނުންކުރާ ގިނަ ލަރނިންގ މެނެޖްމަންޓު ސިސްޓަމުތަކުގައި އެކުލެވިގެން ވެ އެވެ. މީގެ އިތުރުން އޮންލައިން މުދައްރިސަކީ ދަރިވަރުންނަށް ފަސޭހައިން އަތުޖެހޭ، ވާހަކަ ދެއްކޭ މީހަކަށް ވެސް ވާން ޖެހޭނެ އެވެ. މާނައަކީ ބޭނުން އިރަކު މުދައްރިސްގެ މޮބައިލްފޯނަށް ގުޅައި މެސެޖުކުރުމުގެ ފުރުސަތު އޮތުމެއް ނޫނެވެ. އޮންލައިން މުދައްރިސް ދަރިވަރުންނަށް ބާރު އަޅަންވާނީ އުނގެނުމާ ގުޅުން ހުރި ހުރިހާ މުއާމަލާތެއް އޮންލައިން މަންސަ މެދުވެރިކޮށް ކުރުމަށެވެ. މިގޮތުން އޮންލައިން މަންސަ މެދުވެރިކޮށް ދަރިވަރުން ކުރާ ސުވާލުތަކާއި އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް އަވަހަށް ޖަވާބުދޭ މީހަކަށް މުދައްރިސް ވުމެވެ. ދަރިވަރުން ފާޅުކުރާ ޚިޔާލުތައް މޮނިޓަރކޮށް، ފިލާވަޅާ ނުގުޅޭ ނުވަަތަ ތެދުނޫން މައުލޫމާތު އެކުލެވޭ ޚިޔާލު ފާޅުކުރެވޭނަމަ އަވަހަށް ރަނގަޅުކޮށްދޭ މީހަކަށް ވުމެވެ. މީގެއިތުރުން ފިލާވަޅާ ގުޅުން ހުރި ފުން އަދި އުފެއްދުންތެރި ޚިޔާލު ނެރުމަށް ބާރުއަޅައި ހިއްވަރުދޭ މީހަކަށް ވުމެވެ. މިއީ އާއްމު ކިޔަވައިދިނުމުގައި ވެސް މުދއްރިސުން ކަންކުރާގޮތެވެ. ތަފާތީ އޮންލައިން މާހައުލުގައި މިކަން ކުރާގޮތެވެ.

އޮންލައިންކޮށް ދަރިވަރުން ކުރާ މަސައްކަތް ގަވާއިދުން ބަލައި، އަވަހަށް ފީޑުބެކް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އޮންލައިންކޮށް ކިޔަވާ ގިނަ ކޯސްތަކުގައި ދަރިވަރުންނަށް ދެވޭ މައިގަނޑު އެސައިންމެންޓުގެ އިތުރުން ވަރަށް ގިނަފަހަރު ކޮންމެ ހަފްތާއަކު ދަރިވަރުން ފުރިހަމަ ކުރަންޖެހޭ މަސައްކަތްތަކެއް ހުރެ އެވެ. މިފަދަ މަސައްކަތްތައް ވެސް އަވަހަށް ބަލައި، ލަސްނުކޮށް ފީޑުބެކް ދިނުން ވަރަށް މުހިއްމެވެ. އެހެނީ އޮންލައިންކޮށް ކިޔަވާ ދަރިވަރަށް އޭނާއަށް ކުރިއަށްދެވެނީ، ދާންވާ މަގުގައިކަމުގެ ކަށަވަރުކަން އޮތުން މުހިއްމެވެ. ހަމައެހެންމެ ކޮންމެ ދުވަހަކު ހަމަލޮލަށް ނުފެނުނު ކަމުގައި ވިޔަސް އޭނާ ކުރާ މަސައްކަތް ކޮންމެވެސް މީހަކު ގާތުން ބަލަމުންގެންދާކަމުގެ އިހުސާސް ކުރެވުންވެސް މުހިއްމެވެ. މިގޮތުން ދަރިވަރަށް ރަނގަޅަށް ކުރެވޭ ކަންކަމަށް ހިތްވަރުދީ، އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ އިސްކިރީނެއްގެ ކުރިމަތީގައި އިނދެ ކިޔަވާ ދަރިވަރަށް އިންތިހާއަށް ބޭނުންތެރިކަމެކެވެ.

ޓެކުނޮލޮޖީ އާ ގުޅުން ހުރި އުފެއްދުންތައް ބޭނުންކުރުމުގައި މީހުން ދެމިތިބޭ އެއް ސަބަބަކީ އެ އުފެއްދުމެއްގެ ބޭނުންތެރިކަން ބޮޑުކަމަށް ގަބޫލުކުރެވުމެވެ. އިސްވެ ބުނެވުނު ކަންކަން ހަމަވުމަކީ އޮންލައިން ކޯހުގެ ބޭނުންތެރިކަން ބޮޑުކަމަށް ދަރިވަރަށް ގަބޫލުކުރުވުމަށް މަގުފަހިވާ ކަންކަމެވެ. ނަމަވެސް މިކަންކަން ކުރާ އޮންލައިން މުދައްރިސްގެ މަސްއޫލިޔަތު އިތުރުވެދާނެކަން ހަނދާން ބަހައްޓަން ވާނެއެވެ. އެހެނީ އޮންލައިން މަންސައެއްގައި ރަނގަޅަށް ކިޔަވައިދިނުމަކީ ގިނަމީހުން ހީކުރާ ކަހަލަ ފަސޭހަ ކަމެއް ނޫނެވެ. ފަރުވާތެރިކަމާއެކު ގިނަ ވަގުތު ހޭދަކޮށްގެން ކުރާ ކަމެކެވެ.

comment ކޮމެންޓް