އުނގަންނައިދިނުމުގައި ޓެކުނޮލޮޖީ ބޭނުންކުރުމަށް ދިމާވާ ހުރަސްތައް

14 ޖުލައި 2018: އޮލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓެކުނޮލޮޖީގެ ރޮނގުން އަންނަ ކުރިއެރުންތަކާ އެކު ދިރިއުޅުމުގެ ހުރިހާ ކަމަކަށްހެން ވަނީ ނުފޫޒު ފޯރައިފަ އެވެ. އެއާއެކު ކުރިން ކަންކަން ކުރަމުން އައިގޮތްތައް އަންނަނީ ބަދަލުވަމުންނެވެ. ނުވަތަ މުޅިން ބަދަލުވެއްޖެއެވެ. ނަމަވެސް ހަރުދަނާ ގޮތެއްގައި ޓެކުނޮލޮޖީ ބޭނުންކުރުމަކީ ބައެއް ހާލަތްތަކުގައި ގޮންޖެހުން ބޮޑު ކަމެކެވެ. ޚާއްސަކޮށް އުނގަންނައިދިނުމުގައެވެ. މަދުރަސީ ތައުލީމާއި މަތީ ތައުލީމުގައިވެސް މެއެވެ.

އުނގަންނައިދިނުމުގައި ޓެކުނޮލޮޖީ ބޭނުންކުރުމަށް ދިމާވާ ހުރަސްތަކަށް ބަލައިލާއިރު، މި ހުރަސްތައް މައިގަނޑު ދެބަޔަކަށް ބެހެއެވެ. އެއްބަޔަކީ މުދަރިސުންގެ ލެވެލްގައި ދިމާވާ ހުރަސްތަކެވެ. އަނެއް ބަޔަކީ އުނގަންނައިދޭ އިސްކޫލު ނުވަތަ މަރުކަޒުގެ ލެވެލްގައި ދިމާވާ ގޮންޖެހުންތަކެވެ.

މުދައްރިސުންނަށް ދިމާވާ ހުރަސްތަކަށް ފުރަތަމަ ބަލައިލަމާ ހިނގާށެވެ. އެއްކަމަކީ އުނގަންނައިދިނުމުގައި ޓެކުނޮލޮޖީ ބޭނުންކުރާނެ ގޮތާބެހޭގޮތުން މުދައްރިސުންނަށް ބޭނުންވާ މައުލޫމާތާއި ތަމްރީނު ލިބިފައި ނެތުމެވެ. އެހެންގޮތަކަށް ބުނާނަމަ، އުނގަންނައިދެވޭ މާއްދާ އާއި ހާލަތާ ގުޅިގެން ބޭނުންކުރަން އެންމެ ރަނގަޅީ ކޮންކޮން ޓެކުނޮލޮޖީއެއް، ކޮންގޮތަކަށްކަން މުދައްރިސަށް އެނގިފައިނެތުމެވެ. މީގެސަބަބުން ކުރިއްސުރެ ކިޔަވައިދިނުމަށް ބޭނުންކުރަމުން އައިގޮތުގައި މުދައްރިސް ދެމިހުރެއެވެ. ދެވަނަ ސަބަބެއްކަމުގައި ފާހަގަކުރެވެނީ ޓެކުނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ނަފްސީ އިތުބާރު މުދައްރިސުންގެ ނެތުމެވެ. މިއީ މުދައްރިސުންގެ ޓެކުނޮލޮޖީގެ މައުލޫމާތާއި ހުނަރާއި ސީދާ ގުޅުންހުރި ސަބަބެކެވެ. އެހެނީ މުދައްރިސުންގެ މައުލޫމާތާއި ހުނަރު ހުރި މިންވަރު އޭނާގެ ނަފްސީ އިތުބާރާ ސީދާ ގުޅުމެއް ހުންނަކަން ފާހަގަކުރެވިފައި ވެއެވެ. ކަމުގެ މައުލޫމާތު ބޮޑަށް ލިބިފައިވާ ނަމަ އެކަމެއް ކުރުމަށް އޮންނަ އަމިއްލަ ނަފުސުގެ އިތުބާރު ބޮޑުވާނެއެވެ. ތިންވަނަ ސަބަބެއް ކަމުގައި ފާހަގަކުރެވެނީ، ޓެކުނޮލޮޖީއާމެދު ނޭދެވޭ ނަޒަރުން މުދައްރިސުން ދެކި، ކުރިއްސުރެ ކިޔަވައިދެމުން އައިގޮތް ބަދަލުކުރުމަށް ޖެހިލުންވުމެވެ. ނުވަތަ ދެކޮޅު ހެދުމެވެ. މިސަބަބަކީ ކުރިން ފާހަގަކުރެވުނު ދެސަބަބާ ގުޅުންހުރި ކަމެކެވެ. އެހެނީ ދިރާސާތަކުން އެނގޭގޮތުގައި ޓެކުނޮލޮޖީ އާބެހޭ މައުލޫމާއި ހުނަރު ލިބިފައިވާކަމަށް މުދައްރިސަށް ގަބޫލުކުރެވޭ މިންވަރު ބޮޑުނަމަ، ޓެކުނޮލޮޖީއާމެދު ނުރުހުމުގެ ނަޒަރުން ދުށުމުގެ މިންވަރު ކުޑަވާނެއެވެ. އަދި އޭގެ ބޭނުންތެރިކަން ބޮޑުކަމަށް ދެކޭނެއެވެ. ޓެކުނޮލޮޖީގެ ބޭނުންތެރިކަން ބޮޑުކަމަށް މުދައްރިސް ދެކޭނަމަ، އުނގަންނައި ދިނުމުގައި އެ ބޭނުންކުރުމަށް ބޭނުންވާނެއެވެ. ނުވަތަ ބޭނުންކުރާނެއެވެ.

އިސްވެ ފާހަގަ ކުރެވުނު މައިގަނޑު ތިން ކަމަށް ވިސްނާއިރުވެސް މުދައްރިސުންގެ ލެވެލްގައި ދިމާވާ ދަތިތައް މައިގަނޑުގޮތެއްގައި ގުޅިފައިވަނީ ޓެކުނޮލޮޖީގެ މައުލޫމާތާއި ހުނަރު އެމީހުންނަށް ލިބިފައިވާ މިންވަރާ ކަމުގައި ފާހަގަކުރެވެއެވެ. މިހެންވުމުން މުދައްރިސުންގެ ލެވެލްގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ކަމުގެ މައުލޫމާތާއި ހުނަރު މުދައްރިސުންނަށް ފޯރުކޮށްދިނުމެވެ. މުދައްރިސުން ތަމްރީނު ކުރުމުގެ ތެރެއިންނާއި، ޚިދުމަތުގައި ތިބި މުދައްރިސުންނަށް ހިންގޭ ހަރުދަނާ ޕުރޮފެޝަނަލް ޑިވެލޮޕްމެންޓު ހަރަކާތްތަކެއްގެ ތެރެއިންނެވެ. ގައުމީ މަންހަޖުގައި ޓެކުނޮލޮޖީގެ ހުނަރުވެރިކަން ދަރިވަރުންނަށް ލިއްބައިދޭން ކަނޑައަޅާފައި އޮތަސް، މުދައްރިސުން މެދުވެރިކޮށްގެން މެނުވީ އެއަމާޒަށް ވާސިލެއް ނުވެވޭނެއެވެ. މުދައްރިސުންނަށް ރަނގަޅު މެދުވެރިއެއްގެ ދައުރު އަދާކުރެވޭނީ ކަމުގެ މައުލޫމާތާއި ހުނަރު އެމީހުންގެ ކިބައިގައި ހުރެގެންނެވެ.

އުނގަންނައިދިނުމުގައި ޓެކުނޮލޮޖީ ބޭނުންކުރުމަށް ދިމާވާ ގޮންޖެހުންތައް ބެހިގެންވާ ދެވަނަ ބަޔަކީ އުނގަންނައިދޭ މަރުކަޒުގެ ފެންވަރުގައި ދިމާވާ ގޮންޖެހުންތަކެވެ. ފުރަތަމަ ކަމަކީ އުނގަންނައިދޭ މަރުކަޒުގެ ފެންވަރުގައި ޓެކުނޮލޮޖީ ބޭނުންކުރާނެ ހަރުދަނާ ސިޔާސަތެއް ނުވަތަ އޮނިގަނޑެއް ކަނޑައެޅިފައި ނެތުމެވެ. ކުރު އަދި ދުރު ރާސްތާ ލަނޑުދަނޑިތަކެއް ލިޔެވިފައި ނެތުމެވެ. މީގެ ސަބަބުން ޓެކުނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުން އެއް މިންގަނޑެއްގައި މުޅި މަރުކަޒުގައި ތަންފީޒުކުރުމަށް ދަތިވެއެވެ. ދެވަނަ ކަމަކީ ވަގުތުގެ ދަތިކަމެވެ. ބައެއް މީހުންގެ ނަޒަރުގައި ޓެކުނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުން، ވަކިން ޚާއްސަކޮށް އޮންލައިން ކިޔަވައިދިނުމަށް މުދައްރިސުން ހޭދަކުރަންޖެހޭ ވަގުތު އާއްމު ކިޔަވައިދިނުމަށްވުރެ ކުޑައެވެ. ނަމަވެސް ހަގީގަތުގައި ޓެކުނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ގޮތްތަކަށް ތައްޔާރުވުމާއި އެގޮތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށް މުދައްރިސުން ހޭދަކުރަން ޖެހޭ ވަގުތު، ކިލާހުގައި ކޮންމެ ދުވަހަކު ދަރިވަރުންނާ ބައްދަލުވެގެން ކިޔަވަދިނުމަށްވުރެ ބޮޑުވެއެވެ. އެކި ސަބަބުތަކާ ހެދިއެވެ. އެހެންނަމަވެސް ކިޔަވައިދޭ މަރުކަޒުގެ ފެންވަރުގައި މިކަން ބަލައިނުގަނެވި، ޓެކުނޮލޮޖީއާ ރައްޓެހި ގޮތްތަކަށް ފިލާވަޅު ފަރުމާކުރުމާއި އެގޮތްތަކަށް ފަހިވާގޮތަށް ކިލާސްތަކަށް ވަގުތުދިނުމާއި މިއާގުޅުން ހުރި އެހެން ހަރަކާތްތަކަށް އެކަށީގެންވާ ވަގުތު ހަމަޖައްސަން ދަތިވާ ހާލަތުތައް އާދެއެވެ. މީގެ ސަބަބުން ޓެކުނޮލޮޖީ ބޭނުންކުރުމަށް ބޭނުންވާ މުދައްރިސް ބޭނުންވިޔަސް، އެކަން އޮންނަނީ ދަތިކަމަކަށް ވެފައެވެ. ތިންވަނަ ކަމަކީ، ރަނގަޅު ވަސީލަތްތައް ގާއިމުކުރުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމެވެ. މީގެތެރޭގައި އިމާރާތާއި، އިކުވިޕްމެންޓުގެ އިތުރުން ބޭނުންވާ ތަފާތު ބާވަތުގެ ސޮފްޓުވެއަރތައްވެސް ހިމެނެއެވެ. ފަހު ކަމެއްގެ ގޮތުން ފާހަގަކޮށްލަން ބޭނުންވަނީ ޓެކުނޮލޮޖީއާ ގުޅުންހުރި ކަންކަމުގައި މުދައްރިސުންނަށާއި ދަރިވަރުންވާ ބޭނުންވާ ޓެކްނިކަލް ސަޕޯޓު ދިނުމަށް ހަރުދަނާ ސަޕޯޓު ނިޒާމެއް ގާއިމުކުރެވިފައި ނެތުމެވެ. ނުވަތަ މުދައްރިސުންނަށާއި ދަރިވަރުންނަށް ދިމާވާ ޓެކްނިކަލް މައްސަލަތައް އަވަހަށް ހައްލުކުރެވޭނެ މަގެއް ނެތުމެވެ. މީގެސަބަބުން ޓެކުނޮލޮޖީ ބޭނުންކުރުމަކީ ތަކުލީފެއްކަމުގައި އެ ބޭނުންކުރާ މީހުންނަށް ގަބޫލުކުރެވި، އެއާ ދުރުހެލިވެއެވެ.

އުނގަންނައިދިނުމުގެ މާހައުލުގައި ހަރުދަނާގޮތެއްގައި ޓެކުނޮލޮޖީ ބޭނުންކުރެވޭނީ ވިސްނުންތެރިކަމާއެކު ރޭވިގެން ކުރެވޭ މަސައްކަތްތަކެއްގެ ތެރެއިންނެވެ. މުދައްރިސުންނަށާއި އުނގަންނައިދޭ މަރުކަޒުގެ ލެވެލްގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެގޮންޖެހުންތަކަށް އެކަށީގެންވާ ހައްލުތަކެއް ހޯދައިގެންނެވެ. މިކަމަށްޓަކައި އެކި މަރުކަޒުތަކުގައި، އެކި ރަށްރަށުގައި އަދި އެކި ގައުމުތަކުގައި ކުރަންޖެހޭ ކަންކަމާއި ކަންކުރާގޮތް ތަފާތު ވެދާނެއެވެ. އެހެނަސް މުހިއްމީ ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން ކެނޑިނޭޅި މަސައްކަތް ކުރުމެވެ. ހަލުވި ދުވެލީގައި ބަދަލުވަމުންދާ އުފެއްދުންތަކާ ފައިހަމަ ކުރުމަށްޓަކައެވެ.

comment ކޮމެންޓް