ގައުމީ ޓީމުގެ ސްކޮޑުން ބޭރު ކުރި ނަމަވެސް އީގަލްސްގެ ދެ ފޯވާޑުން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒްވާން (ރިޒޭ) އަށް މާ ބޮޑު އަސަރެއް ނުކުރާ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މޯހަން ވިދާޅުވީ، ގައުމީ ޓީމަށް ނަގާނެ ކުޅުންތެރިންނާއި ޓީމުން ބާކީ ކުރާނެ ކުޅުންތެރިން އެންމެ ރަނގަޅަށް އެނގޭނީ ޓީމުގެ ކޯޗަށް ކަމަށެވެ. އަދި ސެންޓޭއާއި ރިޒޭ ޓީމުން ބާކީ ކުރަން ނިންމި ނިންމުމަކީ ކޯޗުގެ ނިންމުމެއް ކަމުން އެކަމަށް އިޚްތިރާމް ކުރާ ކަމަށެވެ. ނަމަވެސް ޓީމުގައި ނުހިމެނޭތީ އެކަމުގެ މާޔޫސްކަން އެ ދެ ކުޅުންތެރިންގެ ފާރާތުން ނުފެންނަ ކަމަށް މޯހަން ބުންޏެވެ.
"ދެ ކުޅުންތެރިންގެ މޯޓިވޭޝަނަކަށް [ޓީމުގައި ނުހިމެނުމުން] އެއްވެސް އަސަރެއް ނުކުރޭ. އެކުޅުންތެރިން ހަމަ ޕްރެކްޓިސްތަކަށް އައިސް ވަރަށް ހިތްހަމަ ޖެހިގެން މަޖާ ކޮށްފަ އުޅެނީ. ހަމަ ޔަގީނުންވެސް ޕްރެކްޓިސްތަކަކުން އެކަމެއް ނުފެނޭ. އެންމެ ފަހުން ކުޅުނު މެޗުގައި ވެސް އަޅުގަނޑުމެންނަށް އެކަމެއް ނުފެނޭ. އެ ކޮންޑިޝަން އައިސްގެން އުޅުނު އިރު ވެސް ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ޕޮސިޓިވް ވިސްނުމެއް،"
މޯހަން ބުނީ، މިފަދަ ކަންކަމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އާއްމުކޮށް ހިނގާ ކަންކަމެވެ. އެގޮތުން ބައެއް ގައުމީ ޓީމުތަކުގެ ފުރަތަމަ އެގާރައިގައި ކުލަބުތަކިގެ ބެންޗުގައި ތިބޭ ކުޅުންތެރިންނަށް ވެސް ފުރުސަތު ދޭ ކަމަށެވެ. އެ ހުރިހާ ކަމެއް ވެސް ހަމަޖައްސާނީ ކޯޗު ކުޅެން ބޭނުންވާ ސްޓައިލަކަށް ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން މި ހަފްތާގެ ބުދަ ދުވަހު މާޒިޔާއާ ދެކޮޅަށް މެޗު ކުޅެން އޮތް އިރު ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން އަނިޔާގައި ތިބި އިރު ބައެއް ކުޅުންތެރިން އެކި އެކި ބަލިތައް ޖެހިފައި ތިބުމުން ފިޓު ނޫން ކަން މޯހަން ވަނީ ފާހަގަ ކޮށްފަ އެވެ.
އެގޮތުން ސެންޓޭ ރޯގާގައި ހުރި އިރު، ރިޒޭގެ ފައިގައި ތަދެއް އުޅޭ ކަމަށް މޯހަން ބުންޏެވެ. ނަމަވެސް އެ މެޗުން މޮޅުވުމަށްޓަކައި އެ ކުޅުންތެރިން ބޭނުން ކުރާނެ ކަމަށް މޯހަން ބުންޏެވެ.