ތ. އޮމަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެވެ.
އޮމަދޫ ބަނދަރު ހެދުމަށް ޕްލޭނިން މިނިސްޓްރީ އާއި ހެވީ ފޯސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. 32.21 މިލިއަން ރުފިޔާ އަށް ހެވީ ފޯސްއާ ހަވާލު ކުރި އެ މަޝްރޫއު ނިންމުމަށް ދީފައިވަނީ 366 ދުވަހެވެ.

ތ. އޮމަދޫ ބަނދަރު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު އިއްޔެ ވަނީ އެ ރަށަށް ގެނައިސްފައި --- ސަން ފޮޓޯ: މުއާވިޔަތު އަންވަރު
އެ މަޝްރޫއުގެ ދަށުން އެ ރަށުގައި 307 މީޓަރުގެ ބޭރު ތޮއްޓެއް ޖަހައި 123 މީޓަރުގެ ރިވެޓްމެންޓު ޖަހަން ހަވާލުކުރި އެވެ.
ހެވީ ފޯސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ އޮމަދޫ ބަނަދަރު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައިވަނީ އިއްޔެ އެވެ.

ތ. އޮމަދޫ ބަނދަރު ހެދުމުގެ މަޝްރޫއު މިއަދު ވަނީ ރަސްމީކޮށް ފަށާފައި --- ސަން ފޮޓޯ: މުއާވިޔަތު އަންވަރު
ތ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮންނައިރު ބަނދަރެއް ނެތި އޮންނަނީ އޮމަދޫ އެކަންޏެވެ. މީގެ 19 އަހަރު ކުރިން ރަށު ރައްޔިތުންގެ އަމިއްލަ މަސައްކަތުން 'ތެޅިގަލުން' ހަނދާފައިވާ ޖެޓީގެ ބޮޑު ބައެއް ވަނީ ހަލާކުވެ ލަފާ ފުރުމުގައި ގިނަ ދަތިތަކަކާއި ކުރިމަތި ވެފަ އެވެ. އެއާއި އެކު ރަށުގެ ތަރައްގީއަށް ވަނީ ބުރޫ އަރާފައެވެ. ލަފާފުރުމުގެ ދަތިކަމާ އެކު، މޫސުން ގަދަ ދުވަސްވަރެއްގައި ރަށަށް މުދާ ބާލަން ބޯޓު ފަހަރު އެ ރަށަށް ކައިރިއެއް ނުކުރެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައުމަށް ކުރެއްވި ރިޔާސީ ކެމްޕެއިންގައި ގިނަ ރަށްތަކަކަށް ޒިޔާރަތް ކޮށް ބަނދަރު ހެދިފައި ނެތް ގިނަ ރަށްތަކެއްގައި ބަނދަރު އަޅައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ރައީސް ސޯލިހުގެ ސަރުކާރުގައި ގިނަ ރަށްތަކެއްގެ ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު ގިނަ ބަނދަރުތަކެއްގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.