ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި ރޭ ކުޅުނު ތ. އަތޮޅުގެ މެޗުތަކުގައި އޮމަދޫއިން ގާދުއްފުށީގެ މައްޗަށް ކުރި ހޯދިއިރު ވޭމަންޑޫއިން ހިރިލަންދޫ ބަލިކޮށްފިއެވެ.
ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ރޭ އޮމަދޫއާއި ގަދިއްފުށި ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އޮމަދޫގެ ގޯލުތައް ޖެހީ މުހައްމަދު އަލާއުއާއި، އަހުމަދު ނަޝްވާންގެ އިތުރުން ހަސަން ކިއާން ސިނާންއެވެ. އަދި ގާދިއްފުށީގެ ގޯލު ޖެހީ ހުސަން ޒާހިރުއެވެ.
ރޭ ކުޅުނު ތ. އަތޮޅުގެ ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ވޭމަންޑޫއާއި ހިރިލަންދޫއެވެ. 2-1 ގެ ނަތީޖާއަކުން ވޭމަންޑޫ މޮޅުވި މެޗުގައި އެ ޓީމުގެ ގޯލުތައް ޖެހީ މާޒިން އަހުމަދާއި ސަލާހު އަލީއެވެ. އަދި ހިރިލަންދޫގެ ގޯލު ޖެހީ އަހުމަދު މުފީދުއެވެ.
އެ އަތޮޅުގެ ފުރަތަމަ ބުރުގައި ހިރިލަންދޫއާއި އޮމަދޫ ބައްދަލުކުރި މެޗު ނިމުނީ 5-0 ގެ ނަތީޖާއަކުން އޮމަދޫ މޮޅުވެގެންނެވެ. އަދި ވޭމަންޑޫއާއި ގާދިއްފުށި ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.
މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.