އުމުރުން 75 އަހަރުގެ ދިވެއްސަކަށް ހަމަލަދީ ވޮލެޓް ފޭރުމުން އެ މައްސަލަ ފުލުހަށް ރިޕޯޓްކުރަން ގޮސް ހުއްޓާ ހާލުދެރަވެގެން މަރުވެއްޖެއެވެ.
އެ ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނުއެވެ. މަރުވެފައިވަނީ ތ. އޮމަދޫ, ޑޭޒީ, އަދުނާނު ހުސައިންނެވެ.
އާއިލާގެ ފަރާތުން 'ސަން' އާ ވާހަކަ ދެއްކި މީހަކު ބުނީ, ދަތުރުވަރެއްގައި މާލެ އައިސް އުޅުނު އޭނާގެ ބޭބެއަށް އިއްޔެ ހެނދުނު ބަޔަކު މީހުން ހަމަލަދިނުމަށްފަހު ވޮލެޓް އަތުލައި އޭގަ ހުރި ފައިސާތައް ފޭރިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭގައި ހުރި ކިހާ އަދަދެއްގެ ފައިސާ ކަމެއް އޭނާ ނުބުނެއެވެ.
ގަދަވެ ހެޔޮހާލުގައި އާދައިގެ ދިރިއުޅުމެއް އުޅެމުންދިޔަ އަދުނާނު ވަނީ ދާދި ފަހުން ހިތުގެ އޮޕަރޭޝަނެއް ކޮށްފައެވެ. ނަމަވެސް އިއްޔެގެ ހާދިސާ ހިނގުމާ ހަމައަށް އޭނާގެ ހާލު ރަނގަޅު ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފޭރުމުން އެ ހާދިސާ ރިޕޯޓް ކުރުމަށް އިއްޔެ ހެނދުނު އަދުނާނު ދިޔައީ ވެސްޓް ޕާކް ސަރަހައްދުގައި ހުންނަ މާފަންނު ޕޮލިސް ސްޓޭޝަނަށެވެ. އެތަނަށް ގޮސް ހާދިސާ އެއްކޮށް ރިޕޯޓް ނުކުރެވެނީސް އަދުނާނުގެ ހާލު ދެރަވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައެވެ.
"ޕޮލިސް ސްޓޭޝަނަށް މައްސަލައެއް ހުށަހަޅަން އައިސް އިން އުމުރުން ދުވަސްވީ މީހެއްގެ ހާލު ދެރަވެގެން ފުލުހުންގެ އެހީތެރިކަމާ އެކު އައިޖީއެމްއެޗަށް ގެންގޮސް އާއިލާއަށް މައުލޫމާތު ހިއްސާކޮށް އާއިލާއާ މީހާ ހަވާލުކޮށްފައިވޭ," އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މައުލޫމާތު ހިއްސާކުރީ މިވަރަށެވެ.
އިތުރަށް ފުލުހުން ބުނެފައިވަނީ އެ މީހާއަށް ފަރުވާ ދެމުންދަނިކޮށް އިއްޔެ މަރުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ރޭ ދަންވަރު އޭނާ ވަނީ ވަޅުލައިފައެވެ.
އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.