ތައިލޭންޑުގެ ޕާކެއްގައި ކުޑަ އެތެއް ސަލާމަތް ކުރަނިކޮށް 11 އެތް މަރުވެއްޖެ

ތައިލޭންޑުގެ ޕާކެއްގައ ވޯޓާފޯލްއަކުން ވެއްޓި 11 އެއް ވަނީ މަރުވެފައި -- ފޮޓޯ: ތައި ޑީއެންޕީ

ބޭންކޮކް (އޮކްޓޯބަރު 8): ތައިލޭންޑުގެ ނެޝަނަލް ޕާކެއްގައި ކުޑަ އެތެއް ސަލާމަތްކުރަން އުޅެނިކޮށް ވޯޓާފޯލްއަކުން ވެއްޓި، މަރުވި އެތުގެ އަދަދު 11 އަށް އަރައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި ޕާކުގެ އޮފިޝަލުން ފުރަތަމަ ހީކުރީ މަރުވީ ތިން އަހަރުގެ ކުޑަ އެތަކާއި އިތުރު ފަސް އެތް ކަމަށެވެ. ނަމަވެސް މިއަދު ކާއޯ ޔައި ނެޝަނަލް ޕާކުގެ އޮފިޝަލުން ބުނި ގޮތުގައި އެއްތައް މަރުވެފައިވާ ސަރަހައްދުގެ ޑްރޯން ވީޑިއޯއެއް ނެގުމުން، މަރުވެފައިވާ 11 އެތެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި އެތްތައް މަސައްކަތް ކުރީ ކޯރު ހުރަސްކުރަން. ނަމަވެސް ކުޑަ އެތެއް ކައްސާލުމުން އެ އެއް ސަލާމަތް ކުރަން އުޅެނިކޮށް އެހެން އެއްތައް އޮޔާ އެކު ދިޔައީ،" ޕާކުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެހާދިސާގައި ވޯޓާފޯލްއިން ވެއްޓުނު ދެ އެތެއް ވަނީ ސަލާމަތްކޮށްފަ އެވެ.

ނަމަވެސް ތައިލޭންޑުގެ ވައިލްޑްލައިފް ފްރެންޑްސް ފައުންޑޭޝަނުން ވަނީ މުސްތަގުބަލުގައި އެ ދެ އެއް ސަލާމަތްވުމުގެ ފުރުސަތު ކުޑަ ކަމަށް ބުނެފަ އެވެ. އެއީ އެތަކީ ރައްކާތެރިކަމަށާއި ކާނާ ހޯދުމަށް އާއްމުކޮށް ގުރޫޕެއްގެ ގޮތުގައި މަސައްކަތް ކުރާ ޖަނަވާރަކަށްވާތީ އެވެ.

ކާއޯ ޔައި ނެޝަނަލް ޕާކުން މިހާރު ދަނީ މަރުވެފައިވާ އެތުގެ ހަށިގަނޑުތައް ނެގޭތޯ މަސައްކަތް ކުރަމުންނެވެ.

ބޭންކޮކް ޕޯސްޓުގައިވާ ގޮތުގައި އެއީ ފަހުގެ ތާރީހެއްގައި ތައިލޭންޑުގެ އެތުގެ އާބާދީއަށް ލިބުނު އެންމެ ބޮޑު ގެއްލުމެވެ.

މީގެ ކުރިން ވެސް އެޕާކުގެ ވޯޓާފޯލްގައި އެފަދަ ހާދިސާތައް ހިނގާފައިވެ އެވެ. އެގޮތުން 1992 ވަނަ އަހަރު އެ ވޯޓާފޯލްއިން ވެއްޓި، އަށް އެތް މަރުވި އެވެ.

ކާއޯ ޔައި ނެޝަނަލް ޕާކުގައި ގާތްގަނޑަކަށް 300 އެއް ދިރިއުޅެ އެވެ. އަދި ތައިލޭންޑުގެ ނެޝަނަލް ރިސޯސަސް އެންޑް އެންވަޔަރޮމެންޓް މިނިސްޓްރީން ވަނީ އެވޯޓާފޯލްއިން އިތުރު ޖަނަވާރުތައް ވެއްޓުން ހުއްޓުވުމަށް ބެރިކޭޑެއް ހަދާނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް