"އެހެނަސް" ސީޒަން ދޭއްގެ ޝޫޓިންތައް ފަށައިފި

އެހެނަސްގެ ލީޑު ބަތަލު---

ވާހަކަލިޔުންތެރިޔާ އަހްމަދު އިގްބާލް (އައިކިއު)ގެ ވާހަކަ "އެހެނަސް ހަމަ ލޯބިވޭ"ގެ މައްޗަށް އުފައްދާފައިވާ ސީރީޒް "އެހެނަސް" ސީޒަން ދޭއްގެ ޝޫޓިން ފަށައިފިއެވެ.

އެ ސީރީޒްގެ ފުރަތަމަ ސީޒަން ކާމިޔާބުކަމާއެކު މީގެ ދެހަފްތާއެއް ކުރިން ނިންމާލިއިރު ދެވަނަ ސީޒަންގެ ޝޫޓިން ފަށާފައިވަނީ އިއްޔެއެވެ.

މާލޭގައި ޝޫޓްކުރުމަށް ހަމަޖެހިފައިވާ އެހެނަސް ސީޒަން އެކަކުން ފެނުނު ރަޔާން ކެރެކްޓާއެއް މި ސީޒަނުން ނުފެންނާނެއެވެ. އާ ތަރިންތަކެއް ހިމެނޭ ގޮތަށް އަދި ކުރީ ސީޒަންގެ އެހެން ތަރިންވެސް ހިމެނޭ ގޮތަށް ދެވަނަ ސީޒަންގެ ޝޫޓިން ފެށިއިރު ދެވަނަ ބައިގައި އާ ކެރެކްޓާތަކެއް ފެނިގެންދާނެއެވެ.

ބުލީކުރުމަށް މީހުން ހޭލުންތެރި ކުރުވުމުގެ މަގްސަދުގައި އުފެއްދި އެ ސީރީޒް ޑައިރެކްޓްކުރީ ރަވީ ފާރޫގެވެ.

"މި ސީރީޒް އަކީ ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ގެނެސްދޭނެ ސީރީޒްއެއް. ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުއްޖެއްގެ ވާހަކަ. އޭނާ ދިރިއުޅުމެއް ފަށައިގެން ދިމާވާ ކަންތައްތައް ފެނިގެންދާނެ،" ރަވީ ބުންޏެވެ.

"ކޮންމެ ބަޔަކު ކުރި ނަމަވެސް އެ ކުރާ ކަމަކީ ގޯސް ކަމެއް ކަން ދައްކުވައިދެން ވެގެން ތައްޔާރުކުރި ސީރީޒެއް މިއީ،" ރަވީ މީގެ ކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް