ވަޒީފާ ހޯދާ ފަރާތްތަކަށް އެލަވަންސް ދޭ ބިލް މި ދައުރުގައި ހުށަހަޅަނީ

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަޒީފާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ދިނުމާ ބެހޭ ބިލު މަޖިލީހުގެ މިދައުރުގެ ތެރޭގައި ހުށަހަޅަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފި އެވެ.

މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފަށާފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.

އޭޖީ އޮފީހުން މިއަދު ވަނީ މި ދައުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ބިލުތަކުގެ މައުލޫމާތު އާންމުކޮށްފަ އެވެ. އޭގެތެރޭގައި 31 ބިލެއް ހިމެނެ އެވެ. ވަޒީފާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސެއް ދިނުމަށް ގާނޫނެއް ހަދާނެ ކަމަށް ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވާއިރު އެ ބިލު މަޖިލީހަށް މި ދައުރު ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން މުހިންމު ގިނަ ބިލުތަކެއް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އިންކަމް ޓެކްސް ނެގުމުގެ ބިލާއީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖަމިއްޔާތަކާއި ބެހޭ ބިލާއި އިންތިގާލީ އަދާލަތުގެ ބިލުވެސް ހިމެނެ އެވެ.

އޭގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމުގެ ބިލާއި ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލުވެސް މި ދައުރު ހުށަހަޅަން ނިންމާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އަދި ފޮރިން އިންވެސްޓަރުންގެ ބިލާއި ޗާޓާޑް އެކައުންޓެންޓުންގެ ބިލުވެސް މި ދައުރު މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް