ޓްރާންސްޕްލާންޓު ކުރުމަށް ގުނަވަނެއް ވިއްކައިފި ނަމަ އަދަބު ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުނުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލުން ފޮނުވައިލެއްވުމުން، މަޖިލީހުން ބިލު ބަލައިގަނެ ދިރާސާކުރަން އިޖުތިމާއީ ކޮމިޓީއަށް އަލުން ފޮނުވައިލައިފިއެވެ.
އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓްކުރުމުގެ ބިލު ތަސްދީގުނުކުރައްވައި ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވައިލެއްވި ސަބަބެއް ކަމަށް ރައީސް ފޮނުއްވި ސިޓީފުޅެއްގައިވަނީ، ގައިދީންނަކީ ފުރިހަމަ ރުހުމާއެކު ގުނަވަން ހަދިޔާކުރާނެ ބައެއް ކަމުގައި ފެނިވަޑައިނުގަންނަވާތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް ރައީސް ފޮނުއްވި ސިޓީފުޅެއްގައި ވަނީ، ގުނަވަން ހަދިޔާކުރާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭ ހިމެނޭ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްކަމުގައި ނުވުމާއި، އަދި ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން، އެ ދެ ޝަރުތު މަޖިލީހުން އުނިކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
ރައީސް ލިޔުއްވައިފައިވާ ގޮތުގައި، އެ ޝަރުތުތައް ހިމެނީ އެއްވެސް މަޖުބޫރުކަމެއް ނެތި ރުހުމާއެކީ ގުނަވަން ހަދިޔާކުރުމުގެ ޝަރުތަކީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ވެސް ބަލައިގެންފައިވާ ޝަރުތުތަކަށް ވެފައި، ގާނޫނު އެންމެ ފުޅާމިނުގައި ތަންފީޒުކުރުމަށްޓަކައެވެ.
"ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިޚްތިޔާރާއި މިނިވަންކަން ގައިދުވެ ޚާއްސަ ހާލަތްތަކެއްގައި ތިބޭ ބައެއް ކަމުގައިވާއިރު، އެ މީހުންނަކީ ފުރިހަމަ ރުހުމާއެކު، އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި ގުނަވަން ހަދިޔާކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބައެއް ކަމަކަށް ނުފެނެއެވެ،" އެމަނިކުފާނުގެ ސިޓީފުޅުގައިވެއެވެ.
މިއަދުގެ ޖަލްސާގައިވަނީ، ބިލު އަލުން ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިލުމަށް ހުށަހަޅައިފައެވެ. ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވައި، ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު ޢަލީ މޫސާ ތާއީދުކުރެއްވި އެ ހުށަހެޅުން ބަލައިގަތީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރު ފަރާތުން މިދިޔަ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ، މީހުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުން ކަމަށެވެ.
އެ ބިލުގައި ބަންޑާރަނައިބުގެ އޮފީހުން ވަނީ، ކުށުގެ ގޮތުގައި ކަންކަން ހިމަނައި، އަދަބު ކަނޑައަޅައިފައެވެ. އެގޮތުން:
- މީހެއްގެ ރުހުމެއް ނެތި ޓްރާންސްޕްލާންޓު ކުރުމަށް އެ މީހެއްގެ ގުނަވަން ނެގުން ނުވަތަ އެފަދައިން ނަގާ ގުނަވަނެއް ޓްރާންސްޕްލާންޓު ކުރުން
- ޓްރާންސްޕްލާންޓު ކުރުމަށް ޓަކައި މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ވިއްކުން ނުވަތަ ގަތުން
- ޓްރާންސްޕްލާންޓު ކުރުމުގެ ލައިސަންސް ނެތި ޚިދުމަތް ދިނުމާއި ސައްހަ ނޫން މައުލޫމާތު ހުށަހެޅުމާއި އެނޫން ކަންކަން ކުރުން މަނާވާއިރު، ކޮށްފިނަމަ އަދަބު ދޭނެ
ބިލުގައިވާ ގޮތުން، ޓްރާންސްޕްލާންޓު ކުރުމުގެ ހުއްދަ ދިނުމަށް ފަހު މިންގަނޑާ އެއްގޮތަށް އެ ތަންތަން ހުރިތޯ ބަލާނީ ސިއްހީ ޚިދުމަތުގެ ގާނޫނުގެ ދަށުން ކޮލިޓީ ކޮންޓްރޯލާ ކަމަށެވެ.
އެގޮތުން، ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނާ ގުނަވަން ޓްރާންސްޕްލާންޓު ކުރުމަށެވެ.
ގުނަވަން ހަދިޔާ ކުރާ މީހާގެ ހުންނަން ޖެހޭ ޝަރުތުތައް ވެސް ވަނީ ބަޔާންކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، 18 އަހަރު ވެފައިވުމާއި އަމިއްލަ އިޚުތިޔާރުގައި ރުހިގެން ގުނަވަން ހަދިޔާކުރުމުގެ އިތުރަށް އެ މީހެއްގެ ބުއްދި ސަލާމަތުން ހުރުމެވެ.
އޭގެއިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާއެއް ނުކުރެވޭނެ ކަމަށްވެއެވެ. ނަމަވެސް މެއި މަހު ބިލު ފާސްކުރިއިރު އެ ޝަރުތު ވަނީ އުނިކޮށްފައެވެ.