ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެތި ދިވެހި ފުލުހުންނާއި ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފި އެވެ.
ހިންދުސްތާން ޓައިމްސްއިން ބުނީ، އެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތީ އިންޑިއާ އާއި، ސްރީލަންކާގެ ކޯސްޓްކާޑާއި ދިވެހި ކޯސްޓްގާޑް އަދި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
އިންޑިއާގެ ކޯސްޓްގާޑް އޮފިޝަލުންނާ ހަވާލާދީ، އެ ނޫހުން ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ޕާކިސްތާނުން ފުރައިގެން ދަތުރުކުރި އެ ބޯޓް ރާއްޖޭގެ ސަރަހައްދަށް ވަނުމުން ދިވެހި ފުލުހުންނާއި ކޯސްޓްގާޑުން އެ ބޯޓް ބަލައި ފާސްކުރިއިރު، އެ ބޯޓުން ދެ ޕެކެޓް ހެރޮއިން ފެނުނު ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ބޯޓް އިތުރަށް ފާސްކުރަމުން އަންނަ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
އެކަމާ ގުޅިގެން ދިވެހި ފުލުުހުން ވެސް އަދި ކޯސްގާޑުން ވެސް އެކަމާ މެދު އަދި އެއްޗެއް ނުބުނެ އެވެ.
އެ ބޯޓުން ފެނުނު ހެރޮއިންގައި 150 ކިލޯ ވަރު ހުންނާނެކަން ފާހަގަ ކުރަމުން އެ ނޫހުން ބުނީ، އެ ބޯޓާ މެދު އިންޑިއާއަށް ޝައްކު ކުރެވިގެން އެކަން ރާއްޖެ އާއި ސްރީލަންކާގެ ކޯސްޓްގާޑްގެ ސަމާލުކަމަށް ގެނައީ، އިންޑިއާގެ ކޮޗިންގެ 500 ނޯޓިކަލް މޭލުގެ ބޭރުން ކަމަށެވެ. އޭރު އެ ބޯޓް ދަތުރު ކުރަމުން އައީ ކޮން ގައުމަކަށްކަށް ނޭނގޭ ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.
އެ ނޫހުގައި އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި، މިއީ މިއަހަރުގެ ތެރޭގައި ޕާކިސްތާނުގެ ބޯޓަކުން ޑްރަގް ޓްރެފިކް ކުރަން އުޅުނު ދެވަނަ ފަހަރެވެ. މިއީ އިންޑިއާގެ ކަންބޮޑުވުމެއް ކަމަަށް ވެސް އެ ނޫހުން ފާހަގަކޮށްފައިވެ އެވެ.