ސީޒަންގެ "އަނދިރިކަން" ދެވަނަ ބައިގެ ޝޫޓިން ފަށައިފި

ފިލްމުގެ ޕޯސްޓަރެއް---

ދެ ބަޔަކަށް ބަހަލައިގެން ޝޫޓްކުރުމަށް ހަމަޖެހިފައިވާ އާއިލީ ލޯބީގެ ފިލްމު "އަނދިރިކަން"ގެ ފުރަތަމަ ބައިގެ ޝޫޓިން ނިންމާލުމަށްފަހު ދެވަނަ ބައިގެ ޝޫޓިން ފަށައިފިއެވެ.

މަގްބޫލު ފިލްމީ ތަރި އަލީ ސީޒަން އާއި އަބްދުﷲ ޝިވާޒް (މާސްކޭ)ގެ އެ ފިލްމުގެ ދެވަނަ ބައިގެ ޝޫޓިން ކުރިއަށް ގެންދަނީ އދ ދަނގެތީގައެވެ.

ޑައިރެކްޓަރު ސީޒަން ބުނީ ދަނގެތީގައި ނަގަން ޖެހޭ ހުރިހާ މަންޒަރެއް ނެގުމަށްފަހު ބާކީ ހުރި މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގައި ކަމަށެވެ.

ދިހަ ދުވަސްތެރޭ ޝޫޓިން އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް ސީޒަން ބުންޏެވެ.

ޖުމްލަ ތިން ލަވަ ހިމެނޭ އެ ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނީ މިމަހުގެ 22 ވަނަ ދުވަހުގައެވެ. "އަނދިރިކަން" އެ ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން، ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އެ ތަރީންގެ އިތުރުން ފިލްމުން ފެނިގެންދާނީ ޝަކީލާ، ޒީނަތު އަދި ސައީދެވެ.

ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ އަހްމަދު ޒަރީރު އެވެ.

ސީޒަން ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފީޗާ ފިލްމަކީ "ވަފާތެރި ކެހިވެރިޔާ" އެވެ

comment ކޮމެންޓް