ނުވާ ވަރުގެ ބޮޑެތި ކަންތައްތަކުގެ ވާހަކަ ބުނުމުގެ ބަދަލުގައި ކުރެވޭނެ ކުދި ކަންތަކުގެ ވާހަކަ ސަރުކާރު ދެއްކުން މުހިއްމު ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކ. ހުރާއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިކަމަށް އައުމުގެ ކުރީން ނުވާ ވަރުގެ ބޮޑެތި ކަންތައް ކުރުމަށް ބުނުމުގެ ބަދަލުގައި ރައްޔިތުންނަށް ބޭނުންވެފައިވާ ކުދިކުދި ކަންތައް ކުރުމަށް ބުނުން މުހިއްމު ކަމަށެވެ.
"އޭރުން ހަމަ ގައިމުވެސް އެނގޭނެ އެއީ މި ރާއްޖެއާ ގުޅުންހުރި، މި ވެއްޓާ ގުޅުންހުރި މީހެއް ކަން. މި ރާއްޖޭގެ ވެއްޓާ ގުޅުން ނެތީމަ ކިހިނެއްތޯ ވަނީ؟ އަޅުގަނޑުމެންގެ ދަރިން ކިޔަވަން ރާއްޖެއިން ބޭރަކަށް ނޫން ދުނިޔެއިންވެސް ބޭރަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހަތް މަހާއި މިހާރުގެ ސަރުކާރުގެ ފުރަތަމަ ހަތްމަހުގެ މަސައްކަތައް އެމަނިކުފާނު އަލިއަޅުއްވާލިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ވަނީ އެކި ކަހަލަ މަޝްރޫއުތައް ފުރަތަމަ ހަތް މަހުގައި ވެސް ފަށާފައި ކަމަށެވެ.
އެގޮތުން ބަނދަރުތަކާއި ނަރުދަމާ ފަދަ ގިނަ މަސައްކަތްތައް ފުރަތަމަ ހަތް މަހުގައިވެސް ފަށާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހާރުގެ ސަރުކާރުން ފުރަތަމަ ހަތް މަހުގެ ތެރޭގައި މަޝްރޫއެއް ފެށިފައި ނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެހެންވީމަ 100 އަކުން ސުމެއް ނޫންތޯ މި ލިބެނީ [މި ސަރުކާރަށް]. މިއީ ރަށްރަށުގައި ތިއްބަވާ ރައްޔިތުންނަށް ދަތިވާ ކަންތައް. އެހެންވީމަ މި ކަންތައްތައް ހައްލު ނުކޮށް މިއަށްވުރެ ބޮޑެތި ކަންތައް ހައްލު ކުރާ ވާހަކަ ބުނީމަ ރައްޔިތުންގެ ތެރެއިން ތަންދޮރު އޮޅުން ފިލާ މީހުން އެބަ ޖެހޭ ވިސްނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.