500 އަށްވުރެ ގިނަ ވަޒީފާއާއެކު ޓޫރިޒަމް ދާއިރާގެ ޖޮބްފެއާ ފަަށައިފި

ޓޫރިޒަމް ޖޮބް ފެއާ ފެށުން -- ފޮޓޯ: ޓޫރިޒަމް

ފައްސަތޭކައަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތާއެކު ޓޫރިޒަމް ދާއިރާގެ ޖޮބްފެއާ ފަރުކޮޅު ފުށީގައި ފަށައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ޖޮބްފެއާ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަމައެކަނި ޒުވާނުންނަށް ހާއްސަކޮށް ހުރި ވަޒީފާތަކާ ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ފެއާއެކެވެ. އެ ފެއާގައި ރާއްޖޭގައި ހިންގާ ހުރިހާ ބޮޑެތި ރިސޯޓު ގްރޫޕަކުން ބައިވެރިވެއެވެ.

އެ ފެއާގައި ސްކޯލަޝިޕްގެ 11 ފުރުސަތާއި 100 އަށްވުރެ ގިނަ އިންޓާންޝިޕް ފުރުސަތުގެ މައުލޫމާތުދޭނެއެވެ. އަދި އެ ސްކޯލާޝިޕްތަކާއި އިންޓާންޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

ޓޫރިޒަމް ޖޮބް ފެއާ ފެށުން -- ފޮޓޯ: ޓޫރިޒަމް

ތިން ދުވަހަށް ކުރިއަށްގެންދާ ޖޮބްފެއާއަށް ޒިޔާރަތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ކޮންމެ 30 މިނެޓަކުން މާލެއިން ލޯންޗު ދަތުރުގެ ހިދުމަތް ހިލޭ އޮންނާނެ އެވެ.

ޖޮބްފެއާ ކުރިއަށްދާއިރު ކޮންމެ ދުވަހަކު ހަވީރު ލޯކަލް އާޓިސްޓުންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު އޮންނާނެކަމަށާއި ރޭގަނޑު ކުރިއަށްދާނީ ރާއްޖޭގެ މަޝްހޫރު ބޭންޑުތަކުގެ ހަރަކާތްތައް ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

ޓޫރިޒަމް އިން ބުނީ މިފަދަ ފެއާއެއް ކޮންމެ އަހަރަކުވެސް ބާއްވާނެ ކަމަށެވެ.

ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތްތައްފެށީ އިއްޔެ އެވެ. ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް ނިންމާލުމަށް އަންނަ މަހުގެ ދެވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ހާއްސަ ގާލާއެއް ބާއްވާނެއެވެ.

comment ކޮމެންޓް