އިތުރު ހަރުފަތަކަށް ރާއްޖޭގެ އިގުތިޞާދު ގެންދަންޏާ، ފަތުރުވެރިކަމަށް ހަމައެކަނި ބަރޯސާވެގެން ރާއްޖެއަށް ނޯވެވޭނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.
ފާހަގަކުރެވޭ ގޮތުގައި އިއްޔެ ރާއްޖެއަށް ވަނީ ޕޭޕަލް ތައާރަފްކޮށްފައެވެ.
އެހެންވެ، އެކަމާ ގުޅޭ ގޮތުން މައުލޫމާތުދިނުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސަޢީދު ވަނީ، ފަތުރުވެރިކަމަކީ ރާއްޖެއަށް އާމްދަނީ ލިބޭ، އަދި ރާއްޖޭގެ އިގުތިޞާދު އެއަށް ބަރޯސާވާ މައި ސިނާއަތްކަން ފާހަގަކުރައްވައިފައެވެ. އަދި ފަތުރުވެރިކަން އަންނަނީ ކުރިއަށް ވުރެ ފުޅާވަމުން ކަމަށް ސަޢީދު ވިދާޅުވިއެވެ.
"...ބޯޑާލެސްކޮށް ރާއްޖޭގެ އިކޮނޮމީ އިތުރު ހަރުފަތަކަށް ގެންދާ ކަމަށް ވަންޏާ ހަމައެކަނި ޓޫރިޒަމަށް ޑިޕެންޑުވެގެން ތިބެވޭކަށް ނެތް،" އޭނާ ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިގުތިޞާދު ސިންދަފާތުކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުން އަންނަ އެއް މަސައްކަތަކީ 2030ވަނަ އަހަރުގެ ކުރިން، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ޑިޖިޓަލް ކޮންޓްރިބިއުޝަނަށް ހެދުން ކަމަށެވެ.
ހަމައެއާއެކު، ޕޭޕަލްގެ އިތުރުން، ޒުވާނުންނަށް އިތުރު ވަސީލަތްތައް ލޯންޗުކޮށް، ސަރުކާރަށް ތިން އަހަރުވުމުގެ ކުރިން ޒަމާނީ ކްރިއޭޓަރު ހަބެއް ގާއިމްކުރައްވާނެ ކަމަށް، ސަޢީދު ވިދާޅުވިއެވެ.

އިކޮނަމިކް މިނިސްޓަރު ސައީދު: -- ފޮޓޯ/ ރައީސް އޮފީސް
ޕޭޕަލްއަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ރައްކާތެރިކަމާއެކު އޮންލައިންކޮށް ފައިސާ ފޮނުވުމާއި، ބަލައިގަތުމާއި، އަދި ފައިސާ މެނޭޖުކުރުމުގެ ފުރުސަތު ހުޅުވާލައިދޭ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމެކެވެ. ބޭނުންކުރާ ފަރާތްތަކަށް މީގައި އެކައުންޓެއް ހަދައި، ބޭންކް އެކައުންޓެއް ނުވަތަ ޕޭމަންޓް ކާޑެއް ގުޅުވާލައިގެން، އެމީހުންގެ މާލީ މައުލޫމާތު ސީދާ ހިއްސާނުކޮށް، ވިޔަފާރިކުރުމަށާއި، ފައިސާ ފޮނުވުމަށް ނުވަތަ ފައިސާ ބަލައިގަތުމަށް ޕޭޕަލް ބޭނުންކުރެވިދާނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި ބޭނުންކުރާ ޕޭޕަލް އަކީ ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތަކާއި އީ-ކޮމާސް ވިޔަފާރިތައް ހިމެނޭގޮތަށް، އޮންލައިންކޮށް މުއާމަލާތްތައް ހިންގުމަށް ލިބޭ ފަސޭހަ އަދި ރައްކާތެރި ޕްލެޓްފޯމެކެވެ.
ރާއްޖޭގައި ޕޭޕަލް ތައާރަފްކުރީ އުރީދުއާއެކު އެކުލަވައިލި ޕާޓްނާޝިޕްގެ ދަށުންނެވެ.
ފަތުރުވެރިކަމަށް އެކަނި ބަރޯސާވެގެން ރާއްޖެއަށް ނޯވެވޭނެ ކަމަށް ސަޢީދު ވިދާޅުވިއިރު، ފާހަގަކުރެވޭ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން އާމްދަނީ ވަންނަ އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ނަމަވެސް މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ފަސް އިންސައްތަ ދަށްވެފައެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ރާއްޖެއަށް މިއަހަރު 994,901 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއް މިލިއަން ހަމަކުރުމަށް މިހާރު ބޭނުންވަނީ 5,099 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ވަނީ އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އައުން މަދުވެ، އޭގެ ސަބަބުން ސިނާއަތަށް ގެއްލުންވެ، ގައުމަށް ޑޮލަރު ލިބޭ މިންވަރު ވެސް އަންނަނީ ދަށްވަމުންނެވެ.