ކަޝްމީރަށް އައި ބިންހެލުމެއްގައި 25 މީހަކު މަރުވެއްޖެ

ކަޝްމީރުގެ އޮފިޝަލުން ބުނި ގޮތުގައި އިއްޔެގެ ބިންހެލުމުގެ ސަބަބުން އެސަރަަހައްދުގެ މަގުތަކަށް ބޮޑެތި ގެއްލުންތައް ލިބުނު -- ފޮޓޯ: ރޮއިޓާސް

އިސްލާމްއާބާދު (ސެޕްޓެމްބަރު 25): ކަޝްމީރުގައި ޕާކިސްތާނުން ވެރިކަން ކުރާ ފަޅިއަށް އިއްޔެ އައި ބިންހެލުމެއްގައި 25 މީހަކު މަރުވެއްޖެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް އޭޖެންސީން ބުނި ގޮތުގައި 5.8 މެގްނިޓިއުޑުގެ ބާރު މިނުގައި އެ ބިންހެލުން އައީ ކަޝްމީރާއި ޕަންޖާބު ޕްރޮވިންސު ގުޅޭ ސަރަހައްދަށެވެ. އަދި އެބިންހެލުމަށް ފަހު އައި ގުޑުންތައް އިންޑިއާގެ ވެރިރަށް ދިއްލީ އާއި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ މީހުންނަށްވެސް އިހުސާސު ކުރެވުނެވެ.

ކަޝްމީރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެބިންހެލުމުގެ ސަބަބުން 400 މީހަކަށް އަނިޔާވެ، ގެތަކަށާއި މަގުތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އަދި އެސަރަހައްދުގެ ދެ ޑިސްޓްރިކްޓަކުން ކަރަންޓު ކެނޑުނެވެ. ނަމަވެސް ބިންހެލުމުގެ ސަބަބުން ލިބުނު ހުރިހާ ގެއްލުމެއް ލަފާ ކުރަން އަދި ދައްޗެކެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ މީހުން ސަލާމަތް ކުރުމަށާއި ސިއްހީ ފަރުވާ ދިނުމަށް ކަޝްމީރަށް މިހާރު ޓީމުތައް ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް