ދިވެހި ފުޓުބޯޅަ ފަހުނޭވާގައި! ދިރުމެއް ގެނެވޭނެތަ؟

ފޯކައިދޫން މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/ ފޯކައިދޫ ލައިވް ސްޕޯޓްސް

"ހައްލަކީ، މާލޭ ގަލޮޅު ދަނޑެއް ނޫން. ފަސްޓް ޑިވިޝަން ޓީމުތަކެއް ވެސް ނޫން. ރާއްޖޭގެ ފުޓުބޯޅަ ރަނގަޅު ކުރާ ނަމަ ރަށް ރަށުގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ފޯރި ގަދަ ލީގެއް ކުޅެންވީ،" މިއީ ރާއްޖޭގެ ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ދާދި ފަހުން ނޫސްވެރިންނާ ބައްދަލުކޮށް ދެއްކި ވާހަކަތަކެކެވެ.

ދިވެހި ރާއްޖޭގެ ފުޓުބޯޅަ މިވަގުތު އޮތީ މީގެ ކުރިން ދުވަހަކުވެސް ވެއްޓިފައި ނުވާހާ ބޮޑު އަނދަވަޅަކަށް ވެއްޓި ސަލާމަތް ކުރާނެ އަތެއްގެ އިންތިޒާރުގަ އެވެ. ފުރަތަމަ ޑިވިޝަނުގެ ކުލަބުތައް ތިބީ ސަލާން ޖަހަން ނާށި ގަނޑު ހިފައިގެން މަގުމަތިވެފަ އެވެ. މާލީ މައްސަލަތައް ފުނިޖެހި ކްލަބްތަކަށް ކުރިއަށްދެވޭނެ މަގެއް ނެތުމުގެ ސަބަބުން ޓީމުގެ ކުޅުންތެރިންނާއި ކޯޗުން ގޮތް ހުސްވާ ހިސާބަށް ގޮސްފި އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިށްކޮށްކޮށް ތިބީ އެވެ. ހާލަތު ދަނީ ދުވަހުން ދުވަހަކަށް ގޯހަށެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި އީގަލްސްއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 0-0ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔެއްގެ މާޔޫސްކަން ދުވަހެއް ދުވަހަކަށް ބޮޑު ވަމުން ގޮސް މިހާރު މިއޮތީ ފަޅައިގެން ދާން ތައްޔާރުވެފަ އެވެ. ފުރަތަމަ ޑިވިޝަނުގެ ކުލަބުތައް ހިންގާނެ ގޮތެއް ނެތި ބަނގުރޫޓް ވެދާނެ ކަމުގެ ބިރު ހީވެފައި އޮތް އިރު ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ގައުމީ ފުޓުބޯޅަ ލީގު ހުއްޓާލަން ޖެހިދާނެ ކަމަށް ވެސް ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ.

މިކަމުގައި ޒިންމާވާން ޖެހޭ ގިނަ ބަޔަކު އެބަތިއްބެވެ. މިހާ ހިސާބަށް ކަންތައް ދިޔަ އިރު އެފްއޭއެމް އަދި ފުޓުބޯޅަ ކުލަބުތަކާއި ކުޅިވަރު މިނިސްޓްރީން ވެސް ބޮޑެތި އިހުމާލުތަކެއް އެބަ އޮތެވެ. އެއްބަޔަކު އަނެއް ބަޔަކު ގޯސް ކުރަން ވެސް ތިބޭތާ އަހަރުތަކެއް ވީ އިރު ނަތީޖާ މިއަދު މި ފެންނަނީ ނުހަނު ހިތި ގޮތަކަށެވެ.

ފުޓުބޯޅަ މިއަދު އޮތް ހާލަތަށް ދިޔައީ ކީއްވެ؟

ރާއްޖޭގެ ފުޓުބޯޅަ މިއަދު ވެއްޓިފައި މިއޮތް އަޑިގަނޑަށް ވެއްޓުނީ އިއްޔެއަކު މިއަދަކު ނޫނެވެ. ކުޅިވަރުތަކަށް ވަންނަން ނުޖެހޭ މިންވަރަށް ސިޔާސީ ނުފޫޒު ވަދެ މީހުން ފޫހިވާން ފެށުމަކީ މިކަމުގެ ފެށުން ކަމުގައި ބުނެވިދާނެ އެވެ.

ސަބަބު ވަރަށް ސާފެވެ. ފުޓުބޯޅަ ނަގަހައްޓަން ތިބި މީހުންނަކީ ވެސް ސިޔާސީ ކުލަ ޖެހި އަމިއްލަ ފައިދާއާއި މަންފާ ހޯދުމަށް މަސައްކަތް ކުރާ ބަޔަކަށް ވުމެވެ. ޒާތީ ވުން ވަނީ އާއްމު ކަމަކަށް ވެފަ އެވެ. އަމިއްލައަށް ގެންގުޅޭ ކުޅޭ އެއްޗެއް ފަދައިން މުޅި ރާއްޖޭގެ ފުޓުބޯޅަ މިދަނީ ގިނަބައެއްގެ އަތްމަތިވެ އަގެއް ނެތް އެއްޗަކުން ވަމުންނެވެ.

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު އަދި އެންމެ ދުވަސްވީ ކުލަބުތަކުގެ ތެރޭގައި ހިމެނޭ ވިކްޓަރީން އެންމެ ފަހުން ލީގުގައި ކުޅުނު މެޗަށް ބަލާލުމުން އެކަނިވެސް ރާއްޖޭގެ ފުޓުބޯޅަ މިއަދު އޮތް ހާލަތު ވަރަށް ބޮޑަށް ސާފުވެ އެވެ.

ވިކްޓަރީއާއި ކްލަބު އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސް --- ފޮޓޯ/ އެފްއޭއެމް

ޓީމު ހަމަނުވެގެން މެޗު ފެށުނީ 15 ވަރަކަށް މިނެޓް ފަހުންނެވެ. ޓީމް ހަމަކުރަން ޖެހުނީ، ޑަބަލް ކީޕަރުންގެ ގޮތުގައި ތިބި ދެ ކުޅުންތެރިން އާންމު ކުޅުންތެރިންގެ ޖާޒީ ލައްވައި ކުޅެން ނެރެގެން އެވެ. ބަދަލު ކޮށްލާނެ ބެންޗް ކުޅުންތެރިއަކު ނެތެވެ. ބެންޗުގައި ކޯޗެއް ނެތެވެ. ދެން އިނީ ކިޓް އޮފިޝަލެވެ. ކުޅުންތެރިންނަށް އަނިޔާވުމުން ދަނޑުމައްޗަށް އަރަން ޖެހުނީ ހުސް އަތާ އެވެ. އެންމެ ފަހުން ކުޅުންތެރިޔާއަށް ފަރުވާދިނީ އިދިކޮޅު ޓީމުގެ މެޑިކް އަރައިގެންނެވެ.

މިކިޔަނީ ހަވީރު ފިންޏަށް ކުޅެން ގޮސް އޮތް ދެ ޓީމެއްގެ ދެމެދުގައި ކުޅުނު މެޗެއްގެ ވާހަކައެއް ނޫނެވެ. ރާއްޖޭގެ ފުރަތަމަ ޑިވަޝަނުގެ ދެ ޓީމުގެ ދެމެދުގައި ކުޅުނު ގައުމީ ފުޓުބޯޅަ ލީގުގެ މެޗެއްގެ ވާހަކަ އެވެ.

އިނގޭހާ ވެސް އެއްޗަކީ އެ މެޗުގައި ފެނުނު މަންޒަރުތަކަކީ ރާއްޖޭގެ ގައުމީ ލީގުގެ ފެންވަރު ނޫންކަމެވެ. މިކަމުގެ ޒިންމާ ނަގަން ތިބި ބަޔަކު މިކަމަށް އަޅާ ނުލަނީ ކީއްވެތޯ އެއީ މިއަދު ހުރިހާ ދިވެހިން އުފައްދާ ބޮޑު ސުވާލެވެ.

ކުރީ ސަރުކާރުގެ އިސްނެގުމާ އެކު 2017 ވަނަ އަހަރު ފެށި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެސިސްޓަންޓްސް ޕްރޮގްރާމުގެ ދަށުން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ކޮންމެ ޓީމަކަށް ދެ މިލިއަން ރުފިޔާ ދިނެވެ. އަދި ޕްރިމިއާ ލީގަށް ހޮވިއްޖެނަމަ އިތުރު އެއް މިލިއަން ރުފިޔާ ވެސް ދިނެވެ.

އެސްއޯއީ އެއްބަސްވުމުގެ ތެރެއިން ކްލަބްތަކުން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގެއް ތަނަވަސްކުރުމަކީ އެކަމަކު ބޮޑު ފައިދާއެއް ދުރު މުސްތަގުބަލުގައި ފުޓްބޯޅަ އަށް ކުރާނެ ކަމެއްގެ ގޮތުގައި އޭރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ. އެކަމަށް އޭރު ކްލަބްތަކުން އާ ބަސް ބުނި ނަމަވެސް ހަގީގަތަކީ އޭގެން އެ ބޭނުންވި ވަރުގެ މަންފާއެއް ނުކުރި ކަމެވެ.

މިދިޔަ އަހަރުގެ ނިޔަލަށް އެސްއޯއީ އެއްބަސްވުން ހަމަވިއިރު، ވެސް ގިނަ ކްލަބްތައް އޮތީ މާލީ ގޮތުން މައްސަލަ ގަނޑެއްގެ ތެރޭގައި ތާށިވެފަ އެވެ. އެގޮތުން ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑެތި ކާމިޔާބީތައް ހޯދި ނިއުރޭޑިއެންޓް ވަނީ ކުޅުންތެރިންނަށް މުސާރަ ނުދީ ދުވަސް ވުމުގެ ސަބަބުން ސަސްޕެންޑުކޮށްފަ އެވެ.

ސަރުކާރުގެ އަމާޒު

ފުޓުބޯޅައިގެ މުސްތަގުބަލާ މެދު ސަރުކާރުން އުންމީދީ ވިސްނުންތަކެއް ގެންގުޅޭ އިރު އެކަންކަން ހާސިލު ކުރުމަށް ގެންގުޅޭ ސިޔާސަތުކަކާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެ އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ މާލޭ ސަރަހައްދުން ބޭރަށް ކަންކަން ގެންދިއުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން މިހާރު ވިސްނަމުންދާ އެންމެ ބޮޑު އެއްކަމަކީ ގައުމީ ފުޓުބޯޅަ ލީގު މުޅި ރާއްޖެއަށް ފުޅާކޮށް ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅޭ ގޮތަށް ބަދަލު ކުރުމެވެ.

އޭރަށް މާލޭގައި މިއޮންނަ ގަލޮޅު ދަނޑު ވެގެންދާނީ ފުޓުބޯޅައިގެ ފޯކަލް ޕޮއިންޓަށް ނޫން ކަމަށާއި ސަރުކާރުން ބޭނުންވަނީ އެގޮތަށް ކުރިއަށް އޮތްތާ ކަންތައް ކުރަން ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

މަހްލޫފް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފުޓުބޯޅަ އަތޮޅުތެރެއަށް ދޫކޮށްލުން ކަމަށެވެ. އޭރަށް ރާއްޖޭގައި ނެތެމުންދާ ފުޓުބޯޅަ ފޯރި އަލުން އަނބުރާ ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.

އައު ސަރުކާރަށް އަހަރެއް ވާން ގާތް ވެފައިވާ އިރު މިހާތަނަށް 15 ވަރަކަށް ފުޓުބޯޅަ ސްޓޭޑިއަމް ހެދުމަށް ބޭނުންވާ ސަބް ބޭސް ގެ މަސައްކަތް ކުރުމަށް ވަނީ ކުންފުނިތަކާ ހަވާލުކުރެވިފަ އެވެ. ބޮޑެތި ހަރަދުތަކާ އެކު ވެސް އެ މަސައްކަތް ސަރުކާރުން ކުރުމުގައި ދެމި ތިބޭނެ ކަމަށާއި ބޭނުން ވަނީ ކުރިއަށް އޮތްތާ ރާއްޖޭގެ ގައުމީ ލީގުގެ މެޗުތައް ވެސް އެ ދަނޑުތަކުގައި ކުޅުން ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"ބޭނުން ވަނީ ރަށްރަށުގެ ޓީމުތަކުގެ ހޯމް އެންޑް އަވޭ ގަދަޔަށް ފޯރީގައި ކުޅޭ މަންޒަރު ބަލަން. އެ މަންޒަރު ބައެއް ފަހަރަށް އަޅުގަނޑުމެން ރަށްރަށައް ދިޔައިމަ އެބަ ފެނޭ. ދެ ރަށް ދެރަށާއި މެޗު ކުޅޭ އިރު މުޅި ދަނޑު އޮންނަނީ ފުރިފަ. ޖޯޝު އެބަހުރި،" މަހުލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ އެގޮތަށް ރަށްރަށުގައި ކުޅޭ މެޗުތައް އިތުރު ކުރުމުން މުޅި ރާއްޖެއިން ގައުމީ ޓީމް އެކުލަވާލަން ފަސޭހަވާނެ ކަމަށެވެ. އަދި މާލެއަށް ކުޅެން ދާން ނުލިބޭ ހުނަރުވެރި ކުދިން އަތޮޅުތަކުގައި ތިބިކަން ވެސް މަހްލޫފް ވަނީ ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން ދިވެހި ފުޓުބޯޅަ ބަދަލު ކުރުމާ ބެހޭ ގޮތުން އެފްއޭއެމާއި ވެސް ވާހަކަ ދަށްކާފައި ވާނެ ކަމަށާއި އެ އިދާރާއާ ދެމެދު އެކަމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"އެއީ މިވަގުތު އޮތް އެންމެ ބޮޑު އެއް ފޯކަސް. އެކަމަށްޓަކައި ހަރަދު ވެސް ކުރާނަން. ސަރުކާރުން ދޭން ޖެހޭ އެއްބާރުލުމެއް ވިއްޔާ ދޭނަން." މަހުލޫފް ވިދާޅުވި އެވެ.

ސުވާލު އުފެދެނީ ސަރުކާރުން ފުޓުބޯޅައަށް އިންގިލާބީ ބޮޑު ބަދަލަކަށް އެދި އެދި ތިއްބާ މިވަގުތު މާލޭގައި މިތިބަ އަށެއްކަ ކުލަބަށް ދެން ވާނީ ކިހިނެތް ހެއްޔެވެ؟ އެ ކުލަބުތައް ނެތިގެންދާން ދޫކޮށްލާނީ ހެއްޔެވެ؟

comment ކޮމެންޓް